ސަބްސިޑީއާއެކު ރައްޔިތުންނަށް ވިއްކާ ތެޔޮ ގަނެގެން، ބޮޑު އަގުގައި ރިސޯޓްތަކަށް ވިއްކާ މައްސަލަ ފެންމަތިވެއްޖެއެވެ.
ތެލުގެ ވިޔަފާރި ރާއްޖޭގެ އެންމެ ފުޅާކޮށް ކުރާ އެސްޓީއޯ އިން ބުނީ ދުނިޔޭގެ ތެލުގެ އަގު ވަރަށް ބޮޑަށް އުފުލިފައިވާ ި ދަނޑިވަޅުގައި އޭގެ ސަބަބުން ރައްޔިތުންނަށް ވާނެ ބޮޑު ގެއްލުން ކުޑަކުރުމުގެ ގޮތުން އެފްއެސްއެމް އިން ފިއުލް ޝެޑްތަކުންނާއި މަސްވެރިންނަށާއި ރަށްރަށުގެ ތެޔޮ ވިއްކާ ފަރާތްތަކަށް ތެޔޮ ވިއްކަމުންދަނީ ސަބްސިޑައިޒްޑް އަގެއްގައި ކަމަށެވެ. ނަމަވެސް ރިސޯޓްތަކަށް ތެޔޮ ވިއްކަމުންދަނީ ހަމަ އަގުގައި ކަމަށެވެ.
"މިކަން ކުރަމުންދާއިރު ބައެއް ފަރާތްތަކުން، އަގުހެޔޮކޮށް ރައްޔިތުންނަށް ވިއްކާ ތެޔޮ ގަނެގެން ރިސޯޓްތަކަށް ވިއްކަން މަސައްކަތްކުރާކަން ފާހަގަވޭ،" އެސް.ޓީ.އޯ އިން މިއަދު ނެރުނު ބަޔާނެއްގައި ބުންޏެވެ. "އެހެންކަމުން، މިކަން ހުއްޓުވާ އަދި ރައްޔިތުންނަށް ދެމެހެއްޓެނިވި ގޮތެއްގައި އަގުހެޔޮކޮށް ތެޔޮ ފޯރުކޮށްދިނުމުގެ ގޮތުން ރަށްރަށުގައި ތެޔޮ ވިއްކާ ފަރާތްތަކުން އެވްރެޖްކޮށް ނަގަމުން އަންނަ އަދަދުގެ އިތުރުން ނަހަމަ ގޮތުގައި އަގު ބޮޑުކޮށް ތެލުގެ ވިޔަފާރިކުރުން ހުއްޓުވުމަށް، ބޭނުންވާ ވަރަށްވުރެ އިތުރަށް އެ ފަރާތްތަކަށް ތެޔޮ ދޫނުކުރާނެ ވާހަކަ ވާނީ އަންގާފައި."
އެސްޓީއޯ އިން ވިއްކާ ޕެޓްރޯލް ލީޓަރަކުން 1.95ރ. އަދި ޑީސަލް ލީޓަރަކުން 1.97ރ. މިދިޔަ މަހު 24 ގައި ވަނީ ބޮޑުކޮށްފައެވެ. އެހެންކަމުން މިހާރު ޕެޓްރޯލް ލީޓަރެއް ލިބެނީ 16.55ރ. އަށެވެ. ޑީސަލް ލީޓަރެއް 16.77ރ. އަށެވެ.
މި ވަގުތު ދުނިޔޭގެ ބާޒާރުގައި ތެެޔޮ ފީފާއެއްގެ އަގު ހުރީ 106.19 ޑޮލަރުގައެވެ.