ޖުމްލަ 27،000 އަށްވުރެ ގިނަ ޓީބީ ބޭސްގުޅަ އިންޑިއާއިން ރާއްޖެއަށް ހަދިޔާކޮށްފިއެވެ.
އިންޑިއާ އެމްބަސީން ނެރުނު ބަޔާނެއްގައި ބުނީ 2025 ވަނަ އަހަރަށް ޓީބީގެ ބަލި ނައްތާލުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތައް އިތުރު އެހީއެއްގެ ގޮތުގައި މިއަދު ހަދިޔާކުރި ބޭސްތަކުގެ ތެރޭގައި އެންޓި ޓީބީގެ އެކި ބާވަތުގެ 27،000 އަށްވުރެ ގިނަ ޓެބްލެޓް ހިމެނޭ ކަމަށާއި އޭގެ ތެރޭގައި މަލްޓި-ޑްރަގް-ރެސިސްޓަންޓް ޓިއުބަކިއުލޮސިސް (އެމް.ޑީ.އާރް- ޓީބީ) ވެސް ހިމެނޭ ކަމަށެވެ.
"މި އެންޓި-ޓީބީ ބޭސްތައް ހަދިޔާ ކުރެވިފައިވަނީ އިންޑިއާގެ ނެއިބަރހުޑް ފަސްޓް ސިޔާސަތުގެ ދަށުން ނެޝަނަލް ޓިއުބަކިއުލޮސިސް އެލިމިނޭޝަން ޕްރޮގްރާމް (އެން.ޓީ.އީ.ޕީ)ގެ ސްޓޮކްއިންނެވެ. ދިވެހިރާއްޖޭގެ ސަރުކާރުން ސިއްޙީ ދާއިރާގެ ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތުގައި އިންޑިއާއިން އެހީތެރިކަން ފޯރުކޮށްދިނުމުގައި ސާބިތުކަންމަތީ ދެމިތިބި ކަމުގައި ދަންނަވަމެވެ." އިންޑިއާ އެމްބަސީގެ ބަޔާނުގައިވެއެވެ.
އިންޑިއާ ސަރުކާރުން ރާއްޖެއަށް ހަދިޔާކުރި ޓީބީ ބޭސްތަކުގެ ރަމްޒީ ލިއުމާ ހަވާލުވެވަޑައިގަތީ ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. ޝާހް އަބްދުﷲ މާހިރެވެ. މި ތަކެތި އިންޑިއާ އެމްބަސީގެ ފަރާތުން ހަވާލުކޮށްދެއްވީ ޗާޖް ޑެ އެފެއަރޒް ރޯހިތް ރަތިޝް އެވެ.
ޓީބީއަކީ ސަލާމަތްތެރިވެ އެއިން ރަނގަޅުވެވޭ ފަދަ ބައްޔެއް ކަމުގައި ވިޔަސް، އެއީ ދުނިޔޭގައި އެންމެ ގަދައަށް ފެތުރި އޭގެ ސަބަބުން އެންމެ ގިނަ މީހުން މަރުވަމުންދާ ބަލި ކަމަށް ރެކޯޑުތަކުން ދައްކައެވެ. ދެކުނު އޭޝިޔާގެ ބައްރަކީ ދުނިޔޭގެ އާބާދީގެ ހަތަރު ބައިކޮޅު އެއްބައި ކަމުގައި ވެފައި އަދި، ދުނިޔޭގައި ނިސްބަތުން ޓީބީ ޖެހޭ މީހުންގެ އަދަދުގެ 43% މީހުންނަކީ މި ސަރަޙައްދުގެ މީހުން ކަމުގައިވާއިރު އޭގެ ތެރެއިންވެސް ބޭސްފަރުވާއިން ރަނގަޅުނުކުރެވޭ ތިންބައިކުޅަ އެއްބަޔަކީ މި ސަރަޙައްދުގެ މީހުން ކަމަށް ރަސްމީ ތަފާސްހިސާބުން ދައްކައެވެ.



advertisment