Support Us

ކޮލަމް ކޯދު: ވަޔާއި ގޮފީގެ ވާހަކަ

ގަދަ ރޯޅިއާއެކު ގަހުގެ އޮފިގަނޑު އިރައިގެން ދިޔައެވެ. ގަސް ފަހަނައަޅައި ދަމުން ވައި ރޯޅި އެނބުރި ގަހަށް ބަލައިލިއެވެ. އަދި، ގަހުގެ އޮފިގަނޑު އިރައިގެން ގޮސްފައި އޮތްތަން ވައިރޯޅިއަށް ފެނުނެވެ. ދެން، ވައިރޯޅި ދެރަވެ، ގަސް ކައިރިއަށް އައިސް މާފަށް އެދުނެވެ. ގަސް، ވައިރޯޅިއަށް މާފުކުރިއެވެ. ދެން، ވައިރޯޅި އޭގެ މަގުގައި ދަތުރު ކުރިއަށް ގެންދިޔައެވެ. ނަމަވެސް، އިރައިގެން ގޮސްފައިވާ ގަހުގެ އޮފިގަނޑަށް ބަދަލެއް ނައިސް ހަމަ އެ ގޮތުގައި އޮތެވެ.

ދުލުން ނިކުންނަ ބަހަކީ ވެސް، ބައެއް ފަހަރު، މިފަދަ ގަދަ ވައިރޯޅި ފަދަ އެއްޗެކެވެ. މީހުންނާ ދިމާއަށް ދޫކޮށްލެވޭ އެފަދަ ބަސްތައް އެމީހުންގެ ހިތް އިރާލައި ޒަޚަމްކޮށްލައެވެ. ފަހުން، އެކަމާ ދެރަވެ، ހިތާމަކޮށް، މާފަށް އެދުނު ކަމުގައި ވިޔަސް، އެ ޒަޚަމްތައް، ފަސޭހަނުވެ ހުރެއެވެ. އަދި، ފަސޭހަ ވިޔަސް، އޭގެ އަސަރު ނުފިލައި އެތައް ޒަމާންނެއް ވަންދެން ހުރެއެވެ. ވަރަށް ގިނަ ފަހަރު، އެ ބަހުގެ ސަބަބުން، ގުޅުންތަކަށް ބުރޫއަރައި، ކުރިއެކޭ އެއްގޮތަށް އެ ގުޅުންތައް އޮތުމަށް އުނދަގޫވެއެވެ.

އެހެންވެ، ދުލުން ބަހެއް ދޫކޮށްލުމުގެ ކުރިން ވަރަށް ރަނގަޅަށް ވިސްނަން ޖެހެއެވެ. އެ ބަހަކީ ހިތެއް އިރާލައި ޒަޚަމްކޮށްލަފާނެ ގަދަފަދަ ވައިރޯޅިއަކަށް ނުވެވޭތޯއެވެ.

(ދިވެހިކޮށްލުމެއް)