ހުޅުމާލޭ ސެންޓްރަލް ޕާކްގައި ސްމާޓް ޕޯލް އަދި ސްމާޓް ބެންޗް އެޗްޑީސީގެ ފަރާތުން ގާއިމްކޮށްފިއެވެ.
އެޗްޑީސީގެ ސްމާޓްކޮމް ބްރޭންޑްގެ ދަށުން ރާއްޖޭގައި ފުރަތަމަ ފަހަރަށް ގާއިމްކުރި ސްމާޓް ޕޯލް އަދި ސްމާޓް ބެންޗް އިފްތިތާޙްކޮށްދެއްވީ ސެންޓްރަލް ޕާކްގައި މިއަދު ހަވީރު ބޭއްވި ހަފުލާއެއްގައި މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އައިޝަތު ނަހުލާއެވެ.
އެޗްޑީސީން ބުނީ ސްމާޓް ސިޓީ ތަސައްވުރުގެ އެންމެ މުހިއްމު އެއް މަޤުސަދަކީ ހުޅުމާލޭގައި ތިމާވެށި ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުން ކަމަށެވެ. އަދި މި ވަސީލަތްތައް ދިވެހިރާއްޖޭގެ މި މާހައުލާ ގުޅޭ މިންވަރު ބެލުމަށްފަހު މިތަކެތި ހުޅުމާލެ އެކި ސަރަހައްދުތަކުގައި ހަރުކުރެވިގެންދާނެ ކަމަށެވެ.

"ރާއްޖޭގައި ފުރަތަމަ ފަހަރަށް މި ޤާއިމްކުރެވުނު ސްމާޓް ޕޯލް އަދި ސްމާޓް ބެންޗަކީ ސިޓީއަށް އިތުރު ފުރިހަމަކަމާއި ރީތިކަން ގެނެސްދޭ ފަދަ ޒަމާނީ ގޮތަކަށް ފަރުމާ ކުރެވިފައިވާ އޮމްނިފްލޯގެ އުފެއްދުމެކެވެ. އެޗްޑީސީގެ ސްމާޓްކޮމް ބްރޭންޑްގެ ދަށުން މިއަދު ތައާރަފުކުރެވުނު ސްމާޓް ޕޯލަކީ އިރުގެ އަލި އަދި ވައިގެ ޒަރީއާއިން އިޔާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން ދިއްލޭ ޕޯލްއެކެވެ. ސްމާޓް ޕޯލް މެދުވެރިކޮށް މިފަދަ ދިއްލުންތަކުގެ ކަރަންޓު ބޭނުންކުރެވޭ މިންވަރު 90 އިންސައްތަ ކުޑަ ކުރެވިގެން ދާނެއެވެ. އަދި ސްމާޓް ޕޯލް މެދުވެރިކޮށް އެހެނިހެން ތަފާތު ޚިދުމަތްތައް ރައްޔިތުންނަށް ފޯރުކޮށްދެވޭނެއެވެ. މީގެ ތެރޭގައި، ޕަބްލިކް ވައިފައި، ސެކިއުރިޓީ ކެމެރާ، އައިއޯޓީ ސެންސަރ އަދި މުހިއްމު އާންމު މައުލޫމާތާއި، ޕަބްލިކް އެނައުންސްމެންޓްތައް ފޯރުކޮށްދެވުމުގެ އިތުރުން ޑިޖިޓަލް އިސްތިހާރުތައް ދެއްކުން ވެސް ހިމެނެއެވެ. މީގެ އިތުރުން، ކަރަންޓުގެ ހިދުމަތް ކެނޑިގެންދާ ވަގުތުގައިވެސް މި ޕޯލްތަކުގައި ހިމެނިފައިވާ ބެޓެރީ ސްޓޯރޭޖްއިން ބޮކި ދިއްލުމާއި ކެމެރާ ފަދަ ޚިދުމަތް ލިބިގެންދާނެއެވެ." އެޗްޑީސީން ނެރުނު ބަޔާނެއްގައި ބުންޏެވެ.
"ސްމާޓް ބެންޗަކީ ވެސް ސްމާޓް ސިޓީ ތަސައްވަރުގެ ދަށުން ތައާރަފްކުރެވިފައިވާ އޭގެ ޒަރީއާއިން ގިނަ ޚިދުމަތްތަކެއް ރައްޔިތުންނަށް ފޯރުކޮށްދެވޭ އެއްޗެކެވެ. މިގޮތުން އާކިޓެކްޗުރަލް ލައިޓިން، ޔޫއެސްބީ ނުވަތަ ވަޔަލެސް ޗާޖިން ޕޮއިންޓްސް އަދި އިލެކްޓްރިކަލް ބައިސިކަލް އަދި ވީލްޗެއަރ ފަދަ ތަކެތީގެ ޗާރޖިންގ ސްޓޭޝަންސް މީގެ ތެރޭގައި ހިމެނެއެވެ."

މިއަދުގެ އިވެންޓްގައި ވާހަކަފުޅު ދައްކަވަމުން އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ސުހައިލް އަހްމަދު ވިދާޅުވީ، އިޔާދަ ކުރުވަނިވި ހަކަތަ ބޭނުން ކުރެވޭ މިފަދަ ޕޯލްތަކަކީ ޖުމުލަ ގޮތެއްގައި މުޅި ސިޓީގެ ކާބަން އެމިޝަން ކުޑަކުރެވުމަށް މަގުފަހިކޮށްދޭ ސްމާޓް ސިޓީ ވަސީލަތްތަކެއް ކަމަށެވެ. އަދި މީގެ ސަބަބުން ދިގު މުއްދަތުގައި ހުޅުމާލެ ފަދަ އާބާދީ ބޮޑު އަރބަން ސިޓީތަކުގެ ތިމާވެއްޓަށް ގިނަގުނަ ހެޔޮ ބަދަލުތައް އަންނާނެ ކަމުގެ ޔަޤީންކަން ދެއްވިއެވެ.
އެޗްޑީސީން އަދި ބުނީ އޮމްނިލެޑް ސްމާޓް ޕޯލްސް ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޤާއިމްކުރެވި، ކަރަންޓު ބޭނުން ކުރެވޭ މިންވަރު ފުދޭވަރަކަށް ދައްކުރެވޭކަން ކަށަވަރުކުރެވިފައިވާ ކަމަށެވެ.
"ސްމާޓް ޕޯލް އަދި ސްމާޓް ބެންޗަކީ ވެސް ދެމެހެއްޓެނިވި ގޮތެއްގައި ސްމާޓް ސިޓީތައް ތަރައްޤީ ކުރުމުގެ މުހިއްމު ރޯލެއް އަދާކުރާނެ ވަސީލަތްތަކެކެވެ. ތިމާވެށީގެ ރައްކާތެރިކަމަށް ބަލައިގެން ޓެކްނޮލޮޖީގެ ޒަރީއާއިން ގެނެވޭ ސްމާޓް ސިޓީ ސޮލުޝަން ތަކަކީ އިޤުތިސާދީ، އިޖުތިމާއީ، ސަސްޓެއިނަބަލް އަދި ކާމިޔާބު ހައްލުތަކަށް ވެގެންދާނެ މުހިއްމު މަސައްކަތެކެވެ."



advertisment


One Response
ހެ ހެ….. ސްމާޓް ޕޯލް ކީއްކުރަން ، ސްމާޓް ކިޔާ އެއްވެސް އެއްޗެއް ތިޔަ ކަހަލަ އަންހެނަކު ލައްވާ ހުޅުވިޔަސް މީހުން ބަލައި ނުގަންނާނެ!!
ތިޔަ ފަދަ ކަންތައްތައް ކުރަން ޖެހޭނީ ތަޢްލީމީ އަދި ތިޔަ ދާއިރާއަށް ލޯހުޅުވިފައި ތިބި ޓެކްނޯލޮޖީ އަކީ ކޯނޗެއްކަން އެނގޭ މީހުން ލައްވާ!!