Support Us

ބީ.އެމް.އެލްގެ ސީ.އީ.އޯ ޓިމޮތީ އަދި ޑިރެކްޓަރ އައިޝަތު ނޫރައްދީން (ވ)

10 ގަޑިއިރު ފާއިތުވި އިރުވެސް ބީ.އެމް.އެލްގެ ހިދުމަތެއް ނުލިބޭ

23:30

ބޭންކް އޮފް މޯލްޑިވްސް (ބީ.އެމް.އެލް)ގެ އޮންލައިން ބޭންކިންގެ ހިދުމަތް މެދުކެނޑިފައި އޮންނަތާ 10 ގަޑިއިރު ފާއިތުވެގެންދިޔަ އިރުވެސް ހިދުމަތް ނުލިބިގެން ގިނަ ބަޔަކު ޝަކުވާކުރަމުން އެބަދެއެވެ. މިއަދު އެކެއް ޖަހަނިކޮށް ބޭންކުން ކުރި ޓްވީޓެއްގައި ބުނީ ބޭންކުގެ ސާވަރަށް ޓެކްނިކަލް މައްސަލައެއް ދިމާވެގެން މައްސަލަ ހައްލުކުރަނީ ކަމަށާއި ކަސްޓަމަރުންގެ ކެއްތެރިކަމަށް ޝުކުރު އަދާކުރާ ކަމަށެވެ.

ނަމަވެސް ކެއްތެރިކަން ކޮޅުން ލައިފައިވާ ކަސްޓަމަރުން ދަނީ އެކަމުގެ ހިތްހަމަނުޖެހުން މީސްމީޑިއާގައި ފާޅުކުރަމުންނެވެ. ބައެއް މީހުންނަށް ފިހާރަތަކުން ވިޔަފާރިކޮށް ފައިސާ ނުދެއްކިގެން ކިއު ދިގުވެގެން އުޅޭއިރު އަނެއް ބަޔަކު ކޮފީ ބިލް ނުދެއްކިގެން އެތަނުން ނުނުކުމެވިފައި ތިބި ކަމަށް ވެސް ބުނެއެވެ.

މައުލޫމާތު ހޯދުމަށް ބީ.އެމް.އެލްއަށް ގުޅައިގެން ވާހަކަ ދެއްކޭ ގޮތް ނުވެ ގިނައިރުތަކެއް ހޭދަކުރަންޖެހުނު ޑރ. އުސާމާ އުމަރު ބުނީ ބީ.އެމް.އެލްގެ ކަސްޓަމަރ ސަރވިސްގެ ހެޑް މިއަދު އިސްތިއުފާ ދޭންޖެހޭނެ ކަމަށެވެ.

"ކޯލް ކިއު ނަންބަރު 1. (ޖަވާބެއްނުދީ) 9 މިނިޓް ވެގެން އިތުރަށް ހިނގަމުންދަނީ،" ޑރ. އުސާމާ ބުންޏެވެ.

"އަދިވެސް"އާ މައުލޫމާތު ހިއްސާކުރި ބައެއް މީހުން ބުނި ގޮތުގައި އެ މީހުންގެ މޯބައިލް އެޕުން މިހާރު ފެންނަނީ ކޮންމެވެސް ބިދޭސީއެއްގެ އެކައުންޓުތަކަކާ ބެހޭ މައުލޫމާތެވެ. އޭނާގެ އެކައުންޓަކަށް ނުވަދެވެއެވެ.

އަނެއްކޮޅުން ވަޅޯ ޝިފާއު ބުނީ އޭނާ ނިދަން އޮއްވައި، އޭނާގެ އެކައުންޓުން 10،000ރ. ކަނޑައިފައިވާ ކަމަށެވެ. އަދި ދިރާގުން ފައިސާ ކަނޑަންވެގެން ވެސް އޭނާގެ ފޯނަށް އޯ.ޓީ.ޕީއެއް އައިސްފައިވާ ކަމަށެވެ. އެހެންވެ ބީ.އެމް.އެލް އާއި ދިރާގު ގުޅިގެން ޖަރީމާއެއް ހިންގަނީތޯ އަހައި، އެ މެސެޖުތައް އޭނާ ވަނީ ޓްވީޓަރގައި ހިއްސާކޮށްފައެވެ.

"ނިދިފަ އޮއްވާ ކިހިނެއް މިކަން ވާނީ؟" އޭނާ ސުވާލުކުރިއެވެ.

ބީ.އެމް.އެލްގެ އިހުމާލާއި ފަރުވާކުޑަ ކަމުގެ މައްސަލަތައް ވަނީ ފުނިޖެހިފައެވެ. ބީ.އެމް.އެލްގެ އިހުމާލުން ސްކައުޓް އެސޯސިއޭޝަންގެ އެކައުންޓްތައް ކަމާ ނުބެހޭ މީހަކަށް ދިނުމުން އޭނާ ވަދެ އޭގެން ފައިސާގެ މުއާމަލާތް ދާދި ފަހުން ވަނީ ހިންގައިފިއެވެ. އަދި ބީ.އެމް.އެލްގެ ނަމުގައި އެކި މީސްމީހުން ފޯނުކޮށް، މަކަރާއި ހީލަތުން އެކައުންޓް ނަންބަރާއި ޕާސްވޯޑް ހޯދައިގެން އެކި މީހުންގެ އެކައުންޓުން ފައިސާ ނެގުން ރާއްޖޭގައި ވަނީ އާންމުވެފައެވެ. އަދި ބޭންކުގެ އެކައުންޓްތަކުން ބީ.އެމް.އެލްގެ މުވައްޒަފުންވެސް ވަގަށް ފައިސާ ނަގާކަން ވަރަށް ގިނަ ފަހަރު ވަނީ ފަޅާއަރައިފައެވެ. މީގެ އިތުރުން އިންޓަނެޓް ބޭންކިންގެ ހިދުމަތް އިރުއިރުކޮޅާ މެދުކެނޑުމާއި އެކައުންޓުގައި ހުންނަ ފައިސާގެ އަދަދު ސުމަކަށް ބަދަލުވުމާއި އޭޓީއެމްތަކުންނާއި ޕީ.އޯ.އެސް އިން ހިދުމަތް މެދުކެނޑިފައި ގިނަ އިރުތަކަކު ހުންނަންޖެހުމާއި ވަރަށް ގިނަ ފަހަރު އޭޓީއެމްތަކުން ފައިސާ ހުސްވެފައި ހުރުން ފަދަ އެތައް ކަމަކާ ހުރެ އާންމުންގެ ޝަކުވާ އަބަދުމެ އޮންނަނީ ފުނިޖެހިފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ގުޅުންހުރި ލިޔުންތައް
ޚިޔާލު ފާޅުކުރައްވާ!

One Response

  1. މިއީ އައިލެންޑް އޭވިއޭޝަން ބަނގުރޫޓްކޮށް އިންޑިއާގެ ކުންފުންޏަކަށް ދޭން ނިންމި ގޮތަށް، ގަސްތުގައި ބޭންކް އޮފް މޯލްޑިވްސް ބަނގްރޫޓްކޮށްލައި، އިންޑިއާ އަށް ދޭން، ދުރާލައި ރާވައިގެން ހިންގާ ބޮޑު ޖަރީމާއެއް. މި ރާއްޖެ އިޤުތިޞާދީ ގޮތުން ކުރިއަރައިދާނެ ހުރިހާ ކަމެއް ބަނގުރޫޓްކޮށް އިންޑިއާއަށް ހިބަކޮށްދޭން ރާވައިގެން ދިވެހި އިޤުތިޞާދު ބަނގުރޫޓްކޮށްލާން ކުރާ މަސައްކަތުގައި ބޭންކް އޮފް މޯލްޑިވްސް ފިޔަވައި އެހެން ހުރިހާ ތަނެއްގެ މަސައްކަތް ކާމިޔާބުކޮށްފި. ބޭންކްގެ އިތުބާރު ކަނޑުވައިލައި، އެ ތަން ބަނގުރޫޓްކޮށްލީމާ ދިވެހީން އިޤުތިޞާދީ ގޮތުން އަޅުވެތިކޮށް މުޅީން ނިމުނީ. ދެން މި ރާއްޖޭގައި އެސްބީއައި އަށް ހުރިހާ ކުރިއެރުމެއް ލިބޭނެ ހުރިހާ މަގެއް ފަހިކުރާނެ. ގިނަ ރައްޔިތުންނަށް އޯކޭ ވިއްޔާ އަޅުގަނޑަށް ވެސް އޯކޭ ނުވެ ކުރާނެ ކަމެއް ނެތް. ރާއްޖެއެއްވާ ނެތް.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *