ބޭންކް އޮފް މޯލްޑިވްސް (ބީ.އެމް.އެލް) ގައި ހުޅުވާފައިވާ "ޝަހީބު މީޑިއާ"އާ ގުޅުންހުރި އެކައުންޓުތައް ބީ.އެމް.އެލް އިން ގަވައިދާ ޚިލާފަށް ހިފަހައްޓައިފިއެވެ.
"ޝަހީބު މީޑިއާ"ގެ އަކައުންޓާއި "ޝަހީބު މީޑިއާ"ގެ ސީ.އީ.އޯ މުހައްމަދު ޝަހީބުގެ އެކައުންޓުން މުއާމަލާތް ނުކުރެވޭ ގޮތަށް ބީ.އެމް.އެލް ހަދައިފައި ވަނީ "ޕާސަނަލް އިންފޮމޭޝަން" މިދިޔަ އަހަރުގެ އޮކްޓޫބަރުގައި އަޕްޑޭޓްކުރުމުގައި، ޝަހީބަކީ "އަދިވެސް އޮންލައިން"ގެ "އޯނަރު" ކަމަށް ނުޖަހައިގެންނާއި އިތުރު ބައެއް މައުލޫމާތު ފުރިހަމަނުވާ ކަމަށް ބުނެ ކަމުގައި "ޝަހީބު މީޑިއާ" އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.
"ޕާސަނަލް އިންފޮމޭޝަން" ފޯމުގައި ޖަހައިފައި އޮތީ ޝަހީބަކީ "އަދިވެސް އޮންލައިން"ގެ ސީ.އީ.އޯ ކަމަށެވެ. ނަމަވެސް ބޭނުންކުން ބޭނުންވަނީ "އަދިވެސް އޮންލައިން"ގެ "އޯނަރު" ޖަހާށެވެ.
"ޝަހީބު މީޑިއާ"އާ ގުޅުންހުރި އެކައުންޓުތައް ބީ.އެމް.އެލް އިން ގަވައިދާ ޚިލާފަށް ހިފެހެއްޓީ، "ޕާސަނަލް އިންފޮމޭޝަން" މާރިޗު 20ގެ ކުރިން އަޕްޑޭޓްނުކޮށްފި ނަމަ، ހިދުމަތްތައް ވަގުތީ ގޮތުން މެދުކަނޑާލާނެ ކަމަށް ފެބްރުއަރީ 17 ގައި ފޮނުވި މޭލަކުން އަންގައިފައި، އޭގެ މާ ކުރިންނެވެ.
"ޝަހީބު މީޑިއާ"ގެ އެކައުންޓްތަކުން އެންމެ ފަހުން މުއާމަލާތްކުރެވިފައި ވަނީ މާޗު މަހުގެ އަށް ވަނަ ދުވަހު ކަމަށް "ޝަހީބު މީޑިއާ" އިން ބުނެއެވެ.
"އަޅުގަނޑުގެ "ޕާސަނަލް އިންފޮމޭޝަން" އަޕްޑޭޓްކުރުމަށް ބޭންކުން ދެއްވި އެންމެފަހުގެ ތާރީޚަށްވުރެ މާކުރިން އެކައުންޓްތައް ވަގުތީ ގޮތުން ޑީއެކްޓިވޭޓްކުރެއްވުމުން އަޅުގަނޑަށް ލިބެންހުރި ޕޭމަންޓްތަކެއް ތާށިވެ، އަދި ކޮންމެހެން ކުރަންޖެހުނު ވަރަށް މުހިންމު ޚަރަދުތަކެއް ވަނީ ނުކުރެވިފައެވެ. މިކަމުގެ ސަބަބުން މާލީ ގޮތުން ވަރަށް ބޮޑު ގެއްލުމެއް ވަނީ ލިބިފައެވެ. މިކަމުގެ ފުރިހަމަ ޒިންމާ ބޭންކް އޮފް މޯލްޑިވްސް އިން ނަންގަވައި، އެކަމަށް ޢަދުލުވެރި ބަދަލެއް ބޭންކް އޮފް މޯލްޑިވްސް އިން ދެއްވަންޖެހޭނެ ކަމަށް އަޅުގަނޑު ދެކެމެވެ." ބޭންކަށް މިއަދު ފޮނުއްވި ލިއުމެއްގައި ޝަހީބު ވިދާޅުވެފައިވާ ކަމަށް "ޝަހީބު މީޑިއާ"ގެ ބަޔާނުގައި ވެއެވެ.
"އަދި ދަންނަވަމެވެ. އަޅުގަނޑުގެ "ޕާސަނަލް އިންފޮމޭޝަން" އަޕްޑޭޓްކުރުމަށް ބޭންކުން ދެއްވި އެންމެފަހުގެ ތާރީޚަށްވުރެ މާކުރިން އެކައުންޓްތައް ވަގުތީ ގޮތުން ޑީއެކްޓިވޭޓްކުރައްވައިފައި ވަނީ ޒާތީ ގޮތުން އަޅުގަނޑަށް ހަމަލާއެއް ދެއްވުމުގެ ގޮތުން ކަމަށް ވެސް އަޅުގަނޑަށް ގަބޫލްކުރެވެއެވެ. "ޕާސަނަލް އިންފޮމޭޝަން" އަޕްޑޭޓްކުރުމަށް ބޭންކުން ދެއްވި އެންމެފަހުގެ ތާރީޚަށްވުރެ މާކުރިން އެކައުންޓްތައް ވަގުތީ ގޮތުން ޑީއެކްޓިވޭޓްކުރެއްވި ސަބަބު ލިއުމުން އަޅުގަނޑަށް އަންގަވައިދެއްވުން އެދެމެވެ."
ބޭންކުން އެދުނު ގޮތަށް "ޕާސަނަލް އިންފޮމޭޝަން" އަޕްޑޭޓްކުރުމަށްފަހު ފޯމުހުށަހެޅުމުން މިއަދު މެންދުރު 12 ޖަހަނިކޮށް އެކައުންޓްތައް ވަނީ ދޫކޮށްލައިފައި ކަމަށާއި ނަމަވެސް އެކައުންޓްތައް ގަވައިދާޚިލާފަށް ޑީއެކްޓިވޭޓްކުރި ސަބަބެއް މިހާތަނަށް އަންގައިފައިނުވާ ކަމަށް ވެސް އެ ބަޔާނުގައިވެއެވެ.
އަދިވެސް އޮންލައިނަކީ ބީ.އެމް.އެލްގެ ހިދުމަތުގެ ފެންވަރާ ބެހޭ ގޮތުން ޚަބަރާއި ކޮލަމްތައް އެންމެ ފާޅުގައި ލިޔާ އެއްނޫހެވެ.
ބީ.އެމް.އެލްގެ އިހުމާލުން، ސްކައުޓް އެސޯސިއޭޝަންގެ އެކައުންޓްތައް ކަމާ ނުބެހޭ މީހަކަށް ދިނުމުން އޭނާ ވަދެ އޭގެން ފައިސާގެ މުއާމަލާތް މިދިޔަ ހަފުތާގައި ވަނީ ހިންގައިފިއެވެ.
ބީ.އެމް.އެލްގެ ނަމުގައި އެކި މީސްމީހުން ފޯނުކޮށް، މަކަރާއި ހީލަތުން އެކައުންޓް ނަންބަރާއި ޕާސްވޯޑް ހޯދައިގެން އެކި މީހުންގެ އެކައުންޓުން ފައިސާ ނެގުން ރާއްޖޭގައި ވަނީ އާންމުވެފައެވެ. އަދި ބޭންކުގެ އެކައުންޓްތަކުން ބީ.އެމް.އެލްގެ މުވައްޒަފުންވެސް ވަގަށް ފައިސާ ނަގާކަން ވަރަށް ގިނަ ފަހަރު ވަނީ ފަޅާއަރައިފައެވެ. މީގެ އިތުރުން އިންޓަނެޓް ބޭންކިންގެ ހިދުމަތް އިރުއިރުކޮޅާ މެދުކެނޑުމާއި އެކައުންޓުގައި ހުންނަ ފައިސާގެ އަދަދު ސުމަކަށް ބަދަލުވުމާއި އޭޓީއެމްތަކުންނާއި ޕީ.އޯ.އެސް އިން ހިދުމަތް މެދުކެނޑިފައި ގިނަ އިރުތަކަކު ހުންނަންޖެހުމާއި ވަރަށް ގިނަ ފަހަރު އޭޓީއެމްތަކުން ފައިސާ ހުސްވެފައި ހުރުން ފަދަ އެތައް ކަމަކާ ހުރެ އާންމުންގެ ޝަކުވާ އަބަދުމެ އޮންނަނީ ފުނިޖެހިފައެވެ.



advertisment

