ބޭންކް އޮފް މޯލްޑިވްސް (ބީ.އެމް.އެލް)ގެ އިހުމާލުން، ސްކައުޓް އެސޯސިއޭޝަންގެ އެކައުންޓްތައް ކަމާ ނުބެހޭ މީހަކަށް ދިނުމުން އޭނާ ވަދެ އޭގެން ފައިސާގެ މުއާމަލާތް ހިންގައިފިއެވެ.
ސްކައުޓް އެސޯސިއޭޝަންގެ ރައީސް މުހައްމަދު ނަޒީފު ކުރެއްވި ޓްވީޓެއްގައި ރޭ ވިދާޅުވީ ސްކައުޓް އެސޯސިއޭޝަންގެ އެކައުންޓުތައް އިންޓަނެޓް ބޭންކިން އަށް ދާދި ފަހަކުން ރަޖިސްޓްރީކުރި ނަމަވެސް، އެ އެސޯސިއޭޝަންގެ އެއްވެސް މީހަކަށް އެ އެކައުންޓްތަކަށް ނުވަދޭ ކަމަށާއި އެކަމަކު ކަމާ ނުބެހޭ މީހަކަށް ސްކައުޓް އެސޯސިއޭޝަންގެ އެކައުންޓުތަކަށް ވަދެވޭ ގޮތް ބޭންކުން ހަދައިދީފައިވާ ކަމަށެވެ.

"އެމީހަކަށް ހަމައެކަނި ސްކައުޓް އެސޯސިއޭޝަންގެ އެކައުންޓުތަކަށް ވަދެވެނީކީ އެކަންޏެއް ނޫން، ފައިސާވެސް ޓްރާންސްފަރކުރެވޭ،" ދެވަނަ ޓްވީޓެއްގައި ނަޒީފު ވިދާޅުވިއެވެ.
"އަދިވެސް"އާ ވާހަކަ ދައްކަވަމުން ނަޒީފު ރޭ ވިދާޅުވީ، ސްކައުޓް އެސޯސިއޭޝަންގެ އެކައުންޓުތައް އިންޓަނެޓް ބޭންކިން އަށް ރަޖިސްޓްރީކުރީ ފުރަންޖެހޭ ހުރިހައި ފޯމެއް ފުރައިގެން ކަމަށް ވިޔަސް، ކަމާ ނުބެހޭ މީހަކަށް އެތަނުގެ އެކައުންޓްތަކަށް ވަދެވޭގޮތް ހަދައިފައި ހުރިކަން އެނގުނީ ވައިބަރ ގްރޫޕަކަށް އެ މީހަކު ލީ މެސެޖަކުން ކަމަށެވެ. އަދި އެކަން ބީ.އެމް.އެލްއަށް ރިޕޯޓްކުރުމުން ވެސް އެކަން އަދިވެސް ހައްލުނުކުރާ ކަމަށެވެ.
ނަޒީފު ވިދާޅުވީ އެކައުންޓް ރަޖިސްޓްރީކޮށްފައި އޮންނާނީ، ސެކިއުރިޓީ ވަރުގަދަކޮށް، އެކަކު އެކަނި އެކައުންޓުން މުއާމަލާތް ނުކުރެވޭ ގޮތަށް ކަމަށެވެ.
"ޓްރާންސެކްޝަނަށް އެކަކު އޯކޭ ދިނީމަ އަނެކަކުގެ ފޯނަށް އޯ.ޓީ.ޕީ (ޕާސްވޯޑް) އަންނަ ގޮތަށް. ފޯމުތައް ފުރައިގެން އެހާ ރަނގަޅަށް މިކަން ކޮށްފައި އޮއްވައި، ކަމާ ނުވެސް ބެހޭ މީހަކަށް ހުރިހައި އެކްސެސްއެއް ބޭންކުން ދީފައި މިވަނީ،" ނަޒީފު ވިދާޅުވިއެވެ.

ސްކައުޓް އެސޯސިއޭޝަންގެ އެކައުންޓުތަކަށް ވަދެވުނު މީހާ ވައިބަރ ގްރޫޕެއްގައި ބުނީ މީހަކަށް ފައިސާ ފޮނުވަންވެގެން ރޭ އޭނާގެ އަމިއްލަ އެކައުންޓަށް ވަދެ، ފައިސާ ފޮނުވި ކަމަށެވެ. އަދި، އިސް އެކައުންޓަކަށް (ޑިފޯލްޓް އެކައުންޓަކަށް ބޭންކުން ހަދައިފައި) އޮތީ ސްކައުޓް އެސޯސިއޭޝަންގެ އެކައުންޓު ކަމަށް ވުމުން، ފައިސާ ފޮނުވިފައިވަނީ ވެސް އެ އެކައުންޓުން ކަމަށެވެ. ނަމަވެސް ފައިސާ ފޮނުވުނީ ސްކައުޓް އެސޯސިއޭޝަންގެ އެކައުންޓުންކަން އޭނާއަށް ފަހުން އެނގުމުން، އެ ފައިސާ އަނބުރާ އެ އެސޯސިއޭޝަންގެ އެކައުންޓަށް ޖަމާކޮށްފައިވާ ކަމަށެވެ.
އޮޅިގެން ސްކައުޓް އެސޯސިއޭޝަންގެ އެކައުންޓުން ފައިސާ ފޮނުވުނުކަން އެނގި، އެކަން ސަމާލުކަމަށް ގެނައި މީހާއަށް ނަޒީފު ވަނީ ޝުކުރު އަދާކުރައްވައިފައެވެ. ނަމަވެސް އެ މީހާގެ ނަމެއް ނަޒީފުގެ ޓްވީޓުގައި ހިމަނުއްވައިފައެއް ނުވެއެވެ.
އާންމުކޮށް މިކަހަލަ އެތައް ކަމެއް ހިންގައިފައިވާ ބީ.އެމް.އެލްގެ އިހުމާލުން މިފަހަރު މިކަން ހިނގުމުން، ގިނަ ބަޔަކު ދަނީ އެކަމާ ހިތްހަމަނުޖެހުން ފާޅުކުރަމުންނެވެ.
"މިކަހަލަ ކަމެއް މި ދުނިޔެމަތީގައި ވާންވީވެސް ކީއްވެގެން؟" މުހައްމަދު ޝިހާބުގެ ހިޔާލު ފާޅުކުރިއެވެ.
"ބޭންކެއް ފަދަ، މާލީ މުއައްސަސާއަކުން، އެތަނުން އަދާ ކުރަންޖެހޭ ވާޖިބު އަދާނުކޮށް އެފަރާތުގެ މަސްއޫލިއްޔަތާ ޚިލާފުވެ، އެތަނަށް އޮންނަ އިތުބާރު ގެއްލި، އެކަން މިއަށް ވުރެ އިތުރަށް ގޯސްވެގެން ދާނީ ދެން ކިހާ ވަރަކަށް؟ މި ގައުމުގެ، މި ބުނާ ބޭންކާއި އަދި އެހެން ބޭންކުތަކުގައި ވެސް ކަންތައް ގޯހުންގޯހަށް ދާތަން ފެނުމަކީ ހަގީގަތުގައި ވެސް ހިތާމަކުރަންޖެހޭ ކަމެއް. މިފަދަ، ދުވަސްވީ ތަނެއްގައި، ރަނގަޅަށް ގާއިމުވެފައިވާ މުއައްސަސާތަކުން، އެ ތަންތަނަށް އޮންނަ އިތުބާރު ބިނާކޮށް ދެމެހެއްޓުމުގެ މަސައްކަތް ކުރުން އުނދަގޫވެ، މުސްތަހީލު ކަމަކަށް ވަނީ ކީއްވެ؟" ހުމޭ ނަމަކަށް ކިޔާ މީހަކު ސުވާލުކޮށްފައިވެއެވެ.
މިކަމާ ބެހޭ ގޮތުން ބީ.އެމް.އެލް އިން އަދި ވަކި އެއްޗެކޭ ނުބުނެއެވެ.

ބީ.އެމް.އެލްގެ ނަމުގައި އެކި މީސްމީހުން ފޯނުކޮށް، މަކަރާއި ހީލަތުން އެކައުންޓް ނަންބަރާއި ޕާސްވޯޑް ހޯދައިގެން އެކި މީހުންގެ އެކައުންޓުން ފައިސާ ނެގުން ރާއްޖޭގައި ވަނީ އާންމުވެފައެވެ. އަދި ބޭންކުގެ އެކައުންޓްތަކުން ބީ.އެމް.އެލްގެ މުވައްޒަފުންވެސް ވަގަށް ފައިސާ ނަގާކަން ވަރަށް ގިނަ ފަހަރު ވަނީ ފަޅާއަރައިފައެވެ. މީގެ އިތުރުން އިންޓަނެޓް ބޭންކިންގެ ހިދުމަތް އިރުއިރުކޮޅާ މެދުކެނޑުމާއި އެކައުންޓުގައި ހުންނަ ފައިސާގެ އަދަދު ސުމަކަށް ބަދަލުވުމާއި އޭޓީއެމްތަކުންނާއި ޕީ.އޯ.އެސް އިން ހިދުމަތް މެދުކެނޑިފައި ގިނަ އިރުތަކަކު ހުންނަންޖެހުމާއި ވަރަށް ގިނަ ފަހަރު އޭޓީއެމްތަކުން ފައިސާ ހުސްވެފައި ހުރުން ފަދަ އެތައް ކަމަކާ ހުރެ އާންމުންގެ ޝަކުވާ އަބަދުމެ އޮންނަނީ ފުނިޖެހިފައެވެ.



advertisment


3 Responses
މިޤައުމުގަ ކޮންކަމެއްތޯ ތިޔަ ގޮތައް ނެތީ.
ޢިންސާފެއް އޮތީކީނޫން.
ޙަމަ ޤަބޫލު ކުރާ މީހުން ތިބީ އެއް ނޫން.
މުޅި މިޤައުމު ފަސާދަ ކޮށްފި.
ރިބާކާން ވަރުހުރޭ ލޯނެއް ނަގައިގެން ބޭންކުން –/11000ރުފިޔާ ދައްކަން ބުނެގެން އެއަދަދަށް ފާއިސާ ދެއްކީމާ ލޯނުން ކެޑޭނީ –/5500 ރުފިޔާ ސީދާޚުދުމުޚުތާރު ރިބާ
ރިބާ ބޭންކް ބީ އެމް އެލް