Support Us

ކޮލަމް: ރަންދެލި

ވިސްނުންފުޅު ތޫނު ޚަލީފާ

އެއްދުވަހަކު، ޢައްބާސީ ޚިލާފަތުގެ ނުވަ ވަނަ ޚަލީފާ އަބޫ ޖަޢުފަރު ألواثق باالله ގެ ދަރުބާރުގައި މީހަކު ކޮޅަށް ތެދުވެ ދެންނެވިއެވެ. "އޭ މުއުމިނުންގެ އަމީރެވެ! ރަޙިމުގެ ގުޅުން ދަމަހައްޓަވާށެވެ! މަނިކުފާނުގެ ގާތްތިމާގެ މީހުންނަށް ހެޔޮކޮށް ހިއްތަވާށެވެ! މަނިކުފާނުގެ ޢާއިލާގެ މީހާއާމެދު ދީލަތިވެވަޑައިގެން އެހީތެރިވެ ވަޑައިގަންނަވާށެވެ!"

ޚަލީފާ ألواثق با الله ސުވާލުކުރެއްވިއެވެ. "ކަލެއަކީ ކާކު ހެއްޔެވެ؟ ކަލެއަކީ ކާކުކަމެއް ތިމަންނައަކަށް ނޭނގެއެވެ. އަދި މީގެ ކުރިއަކުން ތިމަންނައަކަށް ކަލޭ ފެނިފައެއްވެސް ނުވެއެވެ."

އޭނާ ދެންނެވިއެވެ. "ސާހިބާއެވެ! އަޅުގަނޑަކީ މަނިކުފާނުގެ ކާފާފުޅު آدم عليه السلام ގެ ދަރިއަކީމެވެ."

ޚަލީފާ ألواثق با الله އެމަނިކުފާނުގެ އަޅަކަށް ގޮވައިލެއްވުމަށް ފަހު އަމުރުކުރެއްވިއެވެ. "އޭނާއަށް އެއްދިރުހަމު ދޭށެވެ!"

އެމީހާ ދެންނެވިއެވެ. "އަމީރުލް މުއުމިނީންއެވެ! ތިޔައިން އަޅުގަނޑަށް ކުރެވޭނީ ކޮންކަމެއްތޯއެވެ؟"

ޚަލީފާ ألواثق با الله ޖަވާބުގައި ވިދާޅުވިއެވެ. "ދެކޭށެވެ! އަހަރެން ކަލެއަށް އެއް ދިރުހަމު ދީފީމެވެ. އަހުރެން، އަހުރެންގެ ކާފަގެ ހުރިހާ ދަރިންގެ މެދުގައި ބައިތުލްމާލު ބަހައިފިނަމަ ކަލެއަށް ގޮދަން އޮއްޓަރެއްގެ މިންވަރުވެސް ނުލިބޭ ހުއްޓެވެ."

އެމީހާ ދެންނެވިއެވެ. "އަމީރުލްމުއުމިނީން އެވެ! ﷲ ތަޢާލާ، މަނިކުފާނަށް ހެޔޮ ރަޙުމަތްލައްވާ ދުޅަހެޔޮކަންމަތީ ލަހައްޓަވާށިއެވެ! މަނިކުފާނުގެ ވިސްނުންފުޅު ވަރަށް ތޫނެވެ."

އެއަށްފަހު ޚަލީފާ ألواثق با الله، އެމީހާއަށް އިތުރަށް ހަދިޔާބަދިޔާ ދިނުމަށް އަމުރުކުރެއްވިއެވެ. ދެން އެމީހާ ޚަލީފާއަށް ހެޔޮދުޢާ ކުރަމުން ދަރުބާރުން ނުކުމެގެން ހިނގައްޖެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
441

One Response

  1. އަރަބި އަކުުރުން ލިޔާނަމަ ރަނގަޅު ގޮތަކީ الواثق بالله މި ގޮތަށް ލިޔުން.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *