Support Us

ސްޓެލްކޯއިން ގުޅީގައި ފެނާއި ނަރުދަމާގެ ހިދުމަތްދޭން ފަށައިފި

ސަރުކާރުން ކ. ގުޅީގައި ގާއިމްކޮށްފައިވާ ފެނާއި ނަރުދަމާގެ ނިޒާމާ ސްޓެލްކޯއިން ރަސްމީކޮށް ހަވާލުވެ، ހިދުމަތް ދޭން ފަށައިފި އެވެ. މިއާއެކު މިވަގުތު ގުޅީގައި ފޯރުކޮށްދެމުންދާ ޔޫޓިލިޓީ ހިދުމަތްތަކުގެ ތެރެއިން ކަރަންޓާއި ފެނާއި ނަރުދަމާގެ ހިދުމަތް މިއަދުން ފެށިގެން ދެމުން ގެންދާނީ ސްޓެލްކޯއިން ކަމަށް އެ ކުންފުނިން ބުނެއެވެ.

ގުޅީގެ ފެނާއި ނަރުދަމާގެ ހިދުމަތާއި ސްޓެލްކޯއިން ހަވާލުވީ އެކަމަށްޓަކައި މިއަދު ގުޅީ ސްކޫލްގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ސްޓެލްކޯގެ މެނޭޖިންގް ޑިރެކްޓަރ ހަސަން މުޣުނީ އެވެ. މި ރަސްމިއްޔާތުގައި މެނޭޖިންގ ޑިރެކްޓަރުގެ އިތުރުން، ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ ޑރ. އަލީ އަޒްވަރާއި، ކުންފުނީގެ ބައެއް ބޯޑް މެމްބަރުންނާއި، އިސްވެރިންގެ އިތުރުން، ގުޅީ ކައުންސިލް މެމްބަރުންނާއި، އެންވައިރޮމެންޓް މިނިސްޓްރީއާއި ޕްލޭނިންގ މިނިސްޓްރީގެ އިސް ބައެއް ވެރިން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހަސަން މުޣުނީ ވިދާޅުވީ މިއީ ސަރުކާރުން ރާއްޖޭގެ ހުރިހާ ރަށެއްގެ ރައްޔިތުންނަށް ބޭނުންވާ އެންމެ އަސާސީ ޚިދުމަތް ފޯރުކޮށް ދިނުމަށް ވެފައިވާ ވައުދުގެ ދަށުން މި ސަރުކާރުން ފެނާއި ނަރުދަމާގެ ހިދުމަތް އެންމެ ފުރަތަމަ ފަށައިގަނެވޭ ރަށް ކަމަށެވެ. އެގޮތުން 2019 ވަނަ އަހަރު ފެނާއި ނަރުދަމާގެ ޚިދުމަތް ފޯރުކޮށް ދިނުމަށް ކުރެވުނު މަސައްކަތުގެ ދަށުން މިއަދު މި ހިދުމަތް ގުޅީ ރައްޔިތުންނަށް ލިބިގެންދިއުމަކީ، ރައްޔިތުންނަށް ލިބިގެންދިޔަ ވަރަށް އުފާވެރި އަދި އެހާމެ މުހިންމު އަސާސީ ދެ ޚިދުމަތެއްކަން މުޣުނީ ފާހަގަ ކުރެއްވިއެވެ.

"މިސަރުކާރުގެ މުހިންމު އެއް ވައުދަކީ، ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި ފެނާއި ނަރުދަމާގެ ހިދުމަތް މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައިވެސް ޤާއިމްކުރެއްވުން. އެގޮތުން މި ރަށުގައި އެ ދެ ހިދުމަތް ދިނުމުގެ މަސައްކަތް 2019 ވަނަ އަހަރު ފައްޓަވައިދެއްވާ، މި މަޝްރޫޢުގެ ދަށުން މި ދެ ހިދުމަތް މިރަށުގެ އާބާދީއަށް ފޯރުކޮށް ދިނުމަށް މިއަދު އަޅުގަނޑުމެން މިވަނީ ފަށާފައި. މި ސަރުކާރުން މި ދެ ހިދުމަތް ފަށައިގަންނަ ފުރަތަމަ ރަށަކީވެސް މި ރަށްކަން އަޅުގަނޑު ފާހަގަކޮށްލަން،" މުޣުނީ ވިދާޅުވި އެވެ.

ގުޅި އަކީ ފަތުރުވެރިކަމާއި އޮޑި ދޯނިފަހަރު އެހެލާ މަރާމާތުކުރުމުގެ މަސައްކަތް ފުޅާކޮށް ކުރިއަށް ގެންދާ ރަށެއްކަން ފާހަގަކުރައްވާ މުޣުނީ ވިދާޅުވީ، މި ޚިދުމަތުގެ ސަބަބުން ރަށުގެ އިގްތިސާދަށް އެކަމުގެ މަންފާ ލިބިގެންދާނެ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ސްޓެލްކޯ އިން މި ޚިދުމަތް އިތުރަށް ފުޅާކޮށް ކުރިއަށް ގެންދާނެ ކަމަށްވެސް މުޣުނީ ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ގުޅި ކައުންސިލްގެ ނާއިބް ރައީސް އިބްރާހިމް ފާއިޒް ވިދާޅުވީ، މީގެ ކުރިން އެރަށުގައި އެކަށީގެންވާ ނަރުދަމާ ނިޒާމެއް ނެތުމުގެ ސަބަބުން، ތަފާތު ހިތްދަތި އަދި ދަތި އުނގޫ ދުވަސްތައް ރައްޔިތުން ހޭދަކޮށްފައިވާ ކަމަށެވެ. އެހެން ނަމަވެސް މީގެ 24 އަހަރު ކުރީގެ ވަގުތީ ނަރުދަމާ ނިޒާމުގެ ހިދުމަތަކީ މާޒީކަން ފާހަގަކުރައްވާ، މިއަދު އިފްތިތާހް ކުރެވުނު ފެނާއި ނަރުދަމާގެ ނިޒާމު ގެ މަޝްރޫއަކީ މިހާތަނަށް ރަށުގެ ތާރިހުގައި ސީދާ ރަށުގެ ރައްޔިތުންނާއި ގުޅޭ އެންމެ މަންފާލިބިގެންވާ މަޝްރޫޢު ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިކަމުން އަންގައިދެނީ ސަރުކާރުން ހުރިހާ ރައްޔިތުންނަށް އަސާސީ ހިދުމަތް ފޯރުކޮށް ދިނުމަށް ދެއްވަމުން ގެންދަވާ އަހައްމިއްޔަތުކަން އޭނާ ފާހަގަކުރެއްވި އެވެ.

ގުޅީގައި ސްޓެލްކޯ އިން ކަރަންޓާއި ފެނާއި އަދި ނަރުދަމާގެ ހިދުމަތް ދެމުންދާއިރު، ފެނުގެ ހިދުމަތް ދިނުމަށްޓަކައި، 40 ޓަނުގެ ދެ އާރުއޯ ޕްލާންޓާއި، ވާރޭފެން ޓްރީޓްމަންޓް އެއް ޕްލާންޓްގެ އިތުރުން ފެން ރައްކާކުރުމަށް 200 ޓަނުގެ ތިން ތާނގީ ވަނީ ބަހައްޓައިފަ އެވެ. ފެނާއި ނަރުދަމާގެ ހިދުމަތް ފަށައިގަނެވޭއިރު، ފެނަށް 181 ކަނެކްޝަން އަދި ނަރުދަމާގެ ހިދުމަތް ހޯދުމަށް 175 ފަރާތަކުން ވަނީ ރަޖިސްޓްރީކޮށްފައި ކަމަށް ސްޓެލްކޯ އިން ބުނެއެވެ.