ހިޔާ ފްލެޓްތަކަށް ގޭސް ފޯރުކޮށްދިނުމުގެ ސިސްޓަމެއް ޤާއިމުކުރުމަށް މޯލްޑިވް ގޭސްއާ އެކު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި މޯލްޑިވް ގޭސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޝަޒައިލް ސިޔާމެވެ. އެޗް.ޑީ.ސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ސުހައިލް އަހުމަދެވެ.
މިއީ މިގޮތަށް ސޯޝަލް ހައުސިންގ މަޝްރޫއެއްގައި ރާއްޖޭގައި ކުރާ ފުރަތަމަ މަސައްކަތެވެ.
ގޭސް ފޯރުކޮށްދިނުމަށް ސިސްޓަމެއް އެޅުމަށް ނިންމާފައި ވަނީ، ހިޔާ ފުލެޓްތަކަކީ ނިސްބަތުން އުސް އިމާރާތްތަކަކަށްވާތީ، ގޭސް ފުޅި އަރުވާ ބޭލުމުގައި އާއްމު ރައްޔިތުންނަށް ދިމާވާނެ ތަކުލީފުތައް ކުޑަކުރުމަށް ކަމުގައި އެޗް.ޑީ.ސީން ބުނެއެވެ. އަދި ލިފްޓުތަކުގައި ގޭސް ފުޅި އެހާ ގިނަ ފަރާތްތަކުން އުފުލުމަކީ އެއްމެ ރައްކާތެރި ގޮތް ކަމުގައި ނުވާތީ ކަމަށް ވެސް އެޗް.ޑީ.ސީން ބުނެއެވެ.
"މި މަސައްކަތް ކުރުމަށް ހަމަޖެހިފައި ވަނީ ކޮންމެ ޓަވަރެއްގެ ތިރީގައި ސްޓޯރޭޖް ޔުނިޓްތަކެއް ޤާއިމުކޮށްގެންނެވެ. މި މަސައްކަތް ކުރެވިގެން ދާނީ އެމް.އެން.ޑީ.އެފްގެ ރެގުލޭޝަންސްތަކާ އެއްގޮތްވާގޮތުގެ މަތިންކަން ފާހަގަކުރަމެވެ. އަދި މި މަސައްކަތް އަންނަ އަހަރުގެ ދެވަނަ ކުއާޓަރުގައި ނިންމުމަށް ހަމަޖެހިފާވާއިރު މި ޚިދުމަތް ދިނުމަށް މޯލްޑިވް ގޭސްއާ ހަވާލުކޮށްފައި ވަނީ 20 އަހަރު ދުވަހުގެ މުއްދަތަކަށެވެ." އެޗް.ޑީ.ސީން ބުނެއެވެ.



advertisment

