ފުނަދޫގައި އެކިއެކި ޚިދުމަތްތައް ތަރައްޤީކުރުމުގައި ސަރުކާރުގެ ވިސްނުމަކީ ށ. އަތޮޅުގެ ތަރައްޤީގެ މަރުކަޒެއްގެ ގޮތުގައި ފުނަދޫ ތަރައްޤީކުރުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ މިއަދު މެންދުރުފަހު ފުނަދޫ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ބައްދަލުކުރެއްވުމުގައި ފުނަދޫ ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ރަށްގިރުމާއި ގެދޮރުގެ ދަތިކަމާއި އެއަރޕޯޓަށް ދާމަގު ރަނގަޅު ފެންވަރަކަށް ހެދުމާއި ފަރުކޮޅާ ގުޅިގެން ހުރި ކަންބޮޑުވުންތަކާއި އަދި ހޮސްޕިޓަލުގެ ބޭނުމަށް ކޮވިޑާގުޅިގެން ނަގާފައިވާ ބައެއް އިމާރާތްތައް އަލުން ބޭނުންކުރެވޭގޮތް ވުމާއި އަދި މި ނޫންވެސް ރަށުގެ އިޖްތިމާޢީ އިޤްތިޞާދީ ތަރައްޤީއަށް މުހިންމު ކަންކަމާއި ޒުވާނުންނާއި ރަށުގެ ރައްޔިތުންގެ ކަންބޮޑުވުން ހުރި މުހިންމު މައްސަލަތައް ހިމެނެއެވެ.
މި ބައްދަލުކުރެއްވުމުގައި ފުނަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން ވަނީ ރައްޔިތުންގެ ލާބައާ މަންފާއަށް އެ ކޮމެޓީން ކުރިޔަށްގެންދަން ބޭނުންވާ ތަމްރީނުތައްފަދަ ކަންކަން ކުރިޔަށްގެންދިއުމަށް އަންހެނުންގެ މަރުކަޒެއް ހުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ފުނަދޫގައި އެއަރޕޯޓާއި ބަނދަރާއި ހޮސްޕިޓަލާއި ސްކޫލްފަދަ ތަންތަނުގެ ޚިދުމަތްތައް ފުޅާކުރެވިގެންދާނީ ށ. އަތޮޅުގެ ތަރައްޤީގެ މަރުކަޒުގެ ގޮތުގައިކަމުގައެވެ. ފަރުކޮޅާ ގުޅޭގޮތުން ކައުންސިލުން ފާހަގަކުރެއްވި ކަންބޮޑުވުންތަކަށް ޖަވާބުދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ އެރަށަކީ ރަށު ކައުންސިލުގެ އިހްތިޞާސްގެ ތެރޭގައި މިހާރުވެސް ހިމެނޭ ރަށެއްކަން ފާހަގަކުރައްވާފައެވެ.. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ ކޯވިޑްގެ ބަލިމަޑުކަމާހުރެ ވަރަށް ގިނަ ރަށްތަކެއްގައި ކުރިޔަށްގެންދިޔަ ޕްރޮޖެކްޓްތައް މަޑުޖައްސާލަން ނުވަތަ ފަސްކޮށްލަން ޖެހުނު ނަމަވެސް މިހާރު ރާއްޖޭގެ އިޤްތިޞާދީ ޙާލަތު އަލުން ރަނގަޅުވާން ފަށާފައިވާތީ ޕްރޮޖެކްޓްތައް އަލުން ފަށައިގަނެވޭ ގޮތްވެފައިވާކަން ފާހަގަކުރައްވާފައެވެ. އަދި ފުނަދޫ ކައުންސިލުން ފާހަގަކުރެއްވި ގެދޮރުގެ ދަތިކަމާއި ރަށްގިރުންފަދަ ރައްޔިތުންނަށް މުހިންމު މައްސަލަތަކަށް ސަރުކާރުގެ އިދާރާތަކާއި މަޝްވަރާކުރައްވައިގެން ޙައްލު ހޯދައިދެއްވުމަށް މަސައްކަތްކުރައްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ފުނަދޫ ކައުންސިލާ، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ މެންބަރުންނާއެކު ބޭއްވެވި މި ބައްދަލުކުރެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާގެ ދެ ކަނބަލުން ވަނީ ށ. އަތޮޅު ހޮސްޕިޓަލަށް ޒިޔާރަތްކުރައްވައި އެތަނުގެ ޙާލަތު ބައްލަވައިލައްވާފައެވެ.



advertisment