ށ. އަދި ރ. އަތޮޅުގެ އަށް ރަށަކަށް ކުރައްވާ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު މިއަދު ހެނދުނު ފުރާވަޑައިގަންނަވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ މި ދަތުރުފުޅުގައި ވަޑައިގަތުމަށް ހަމަޖެހިފައިވާ ރަށްތަކަކީ ށ. އަތޮޅުން ފުނަދޫ، ޅައިމަގު، ފޯކައިދޫ، މާއުނގޫދޫ އަދި ރ. އަތޮޅުން ވާދޫ، އަލިފުށި، ރަސްގެތީމު އަދި އޮނގޮޅިތީމެވެ.
އެ ރަށްރަށަށް ކުރައްވާ ޒިޔާރަތްތަކުގައި އެ ރަށްރަށުގައި ހިނގަމުންދާ ބައެއް މަޝްރޫޢުތައް ހިނގަމުންދާ ގޮތް ބައްލަވާލައްވައި، ބައެއް މުއައްސަސާތަކަށް ޒިޔާރަތްކުރައްވައި އެތަންތަނުގެ ޙާލަތު ބައްލަވާލައްވައި، ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ވެސް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިތުރުން މަސްވެރިންނާއި، ދަނޑުވެރިންނާ ބައްދަލުކުރެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ. އަދި، ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ މި ދަތުރުފުޅުގައި ރ. އަލިފުށީގައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ފަރާތުން ޤާއިމުކޮށްފައިވާ ޖޮބް ސެންޓަރުގެ ޚިދުމަތްވެސް އިފްތިތާޙްކޮށްދެއްވުމަށް ވަނީ ހަމަޖެހިފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ އަންނަ ބުރާސްފަތި ދުވަހުގެ ރެޔެވެ.



advertisment