Support Us

ޗައިނާގެ އައު ސަފީރު ވަން ލިޒިން ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް އަރުއްވަނީ

ޗައިނާގެ އައު ސަފީރު ފަތްކޮޅު އަރުއްވައިފި

ޗައިނާ ސަރުކާރުން ރާއްޖެއަށް ކަނޑައެޅި އައު ސަފީރު ވަން ލިޒިން އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް މިއަދު އަރުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ރަސްމިއްޔާތުގައި، ފަތްކޮޅު އެރުއްވުމަށްފަހު، ޗައިނާގެ އައު ސަފީރާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، އެކަމަނާ ރާއްޖެ ވަޑައިގެން ސަފީރުކަމާ ހަވާލުވެވަޑައިގަތުމާ ގުޅިގެން މަރުޙަބާ ވިދާޅުވިއެވެ.

ލިޒިންގެ ކުރިން ޗައިނާގެ ސަފީރުކަމާ ހަވާލުވެވަޑައިގެން ހުންނެވި ބޭފުޅާ ރާއްޖެއާއި ޗައިނާގެ ގުޅުން އިތުރަށް ވަރުގަދަކުރެއްވުމަށް ކުރެއްވި މަސައްކަތް ފާހަގަކުރައްވައި، ލިޒިންގެ ސަފީރުކަމުގެ ދައުރުގައި ވެސް އިތުރަށް ދެ ޤައުމުގެ ގުޅުން ބަދަހިވާނެ ކަމަށް ޔަޤީންކުރައްވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ކުރިޔަށް އޮތް އަހަރަކީ ރާއްޖެއާއި ޗައިނާއާ ދެމެދުގައި ސިޔާސީ ގުޅުން ޤާއިމުކުރިތާ 50 އަހަރު ފުރޭ އަހަރުކަމުގައި ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ދެޤައުމުގެ ދެމެދުގައިވާ ވަރުގަދަ ގުޅުމުގެ މައްޗަށް ބައްލަވާލައްވައި، މިދިޔަ ޖުލައި މަހު ޗައިނާގެ ރައީސް ޝީ ޖިންޕިންގ އާ ފޯނުން ގުޅުއްވައި ދެއްކެވި ވާހަކަފުޅުތަކަށް އަލިއަޅުއްވާލައްވާފައެވެ. އަދި މި ފޯން ކޯލްގައި ދެ ޤައުމުގެ ވެރިންވެސް ރާއްޖެއާއި ޗައިނާގެ ގުޅުން އޮތް އިރު ދެޤައުމުންވެސް ޝާއުޤުވެރިވާ ދާއިރާތަކުން އިތުރަށް ގުޅުން ވަރުގަދަކުރެއްވުމަށް މަސައްކަތްކުރައްވާނެ ކަމުގައި ވަނީ ތަކުރާރުކޮަށް ވިދާޅުވެފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ޗައިނާއިން ރާއްޖޭގެ އިޖްތިމާޢީ އިޤްތިޞާދީ ތަރައްޤީއަށް ވެދެއްވާ އެހީތެރިކަން ފާހަގަކުރައްވައި އެކަމަށް ޝުކުރުއަދާކުރެއްވިއެވެ. އަދި، ޗައިނާ ސަރުކާރުން ކުރިން ރާއްޖެއަށް ހަދިޔާކޮށްފައިވާ 200،000 ޑޯޒްގެ ސައިނޯފާމް ވެކްސިންގެ އިތުރުން 400،000 ޑޯޒްގެ ސިނޯފާމް ވެކްސިން ހަދިޔާކޮށްފައިވާތީ އެކަމަށްޓަކައި ޗައިނާގެ ރައީސްއަށާއި، އެޤައުމުގެ ސަރުކާރަށް ޝުކުރުއަދާކުރެއްވިއެވެ. އެމަނިކުފާނު ވިދާޅުވިގޮތުގައި މި އެހީތެރިކަމުގެ ސަބަބުން ރާއްޖޭގެ އާބާދީގެ އެންމެނަށް ވެކްސިން ޖެހުމަށް ވަނީ މަގުފަހިވެފައެވެ.

ޗައިނާ ސަފީރު ވަނީ ޗައިނާ ސަރުކާރުގެ ހެޔޮއެދުންތައް ރައީސުލްޖުމްހޫރިއްޔާއަށާއި، ދިވެހި ރައްޔިތުންނަށް ފޮނުއްވާކަމުގައި ވިދާޅުވެފައެވެ. އަދި ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާ ސަފީރުކަމުގެ މަޤާމު އެކަމަނާއަށް ލިބިވަޑައިގަތުމަކީ ލިބުނު މަތިވެރި ޝަރަފެއް ކަމަށާއި، އެކަމަނާގެ ސަފީރުކަމުގައި ދެޤައުމުގެ ގުޅުން އިތުރަށް ވަރުގަދަކުރެއްވުމަށް މަސައްކަތް ކުރައްވާނެކަމުގައި ވިދާޅުވިއެވެ. އަދި އެކަމަނާ ވަނީ ރާއްޖޭގެ ސަރުކާރުން ކޮވިޑް ކޮންޓްރޯލް ކުރުމުގައި ނަގާފައިވާ ފިޔަވަޅުތަކަށް މަރުޙަބާ ވިދާޅުވެ ތަޢުރީފުކުރައްވާފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް