މަސައްކަތްތެރިންގެ ޙައްޤުތައް ރައްކާތެރިކުރުމާ ގުޅޭގޮތުން ހުރި ކަންބޮޑުވުންތަކާއި ދިމާވާ ގޮންޖެހުންތައް އަޑުއައްސަވައި އެ ކަންކަމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މޯލްޑިވްސް ޓްރޭޑް ޔޫނިއަން ކޮންގްރެސް (އެމް.ޓީ.ޔޫ.ސީ)ގެ މެންބަރުންނާއެކު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު މަޝްވަރާކުރައްވައިފިއެވެ.
މަސައްކަތްތެރިންނާ ގުޅޭ އެކި ޖަމުޢިއްޔާ ޖަމާޢަތްތައް ތަމްޞީލުކުރުމަށް އެކުލަވާލައިފައިވާ އެމް.ޓީ.ޔޫ.ސީގެ މެންބަރުން ވަނީ މަސްވެރިކަމާއި ތަޢުލީމާއި ޞިއްޙީ ދާއިރާ އަދި ފަތުރުވެރިކަމުގެ ދާއިރާގެ މަސައްކަތްތެރިންގެ ހުރި ކަންބޮޑުވުންތައް ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފައެވެ. މިގޮތުން ހުރިހާ ބޭފުޅުން ވެސް އެންމެ މުހިންމު ކަމެއްގެ ގޮތުގައި ފާހަގަކުރެއްވީ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވަޢުދުފުޅެއް ކަމަށްވާ އިންޑަސްޓްރިއަލް ރިލޭޝަންސް ޤާނޫނު ވީހާވެސް އަވަހަކަށް ފާސްކޮށްދެއްވުމާ ގުޅޭގޮތުންނެވެ. މި ބައްދަލުކުރެއްވުމުގައި އެބޭފުޅުން ވަނީ އިންޑަސްޓްރިއަލް ރިލޭޝަންސް ޤާނޫނެއް ރާއްޖޭގައި އޮތުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އަދި އެބޭފުޅުން ވިދާޅުވީ އިންޓަރނޭޝަނަލް ލޭބަރ ރިލޭޝަންސް (އައި.އެލް.އޯ)ގެ ފަންނީ ލަފަޔާއެކު 2013 ވަނަ އަހަރު ވަނީ އިންޑަސްޓްރިއަލް ރިލޭޝަންސް ބިލްގެ ޑްރާފްޓެއް އެކުލަވާލައިފައިވާ ކަމަށާއި، ހުރިހާ ދާއިރާއެއްގެ މަސައްކަތްތެރިންގެ ހުރި ގިނަ ކަންބޮޑުވުންތަކާއި މައްސަލަތަކަށް ޙައްލު ލިބެން އޮތީ މި ޤާނޫނު ވުޖޫދުވެގެންކަމަށެވެ.
އެބޭފުޅުންގެ ކަންބޮޑުވުންތައް އަޑުއެއްސެވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ އިންޑަސްޓްރިއަލް ރިލޭޝަންސް ބިލް ޑްރާފްޓްކުރުމުގެ މަސައްކަތް ކުރިޔަށްދާކަމުގައި ވިދާޅުވެ ވީހާވެސް އަހަވަކަށް ކަމާގުޅޭ ފަރާތްތަކާ މަޝްވަރާކުރެއްވުމަށްފަހު އެ ބިލަށް ގެންނަންޖެހޭ ބަދަލުތަކާ އެކީ މަޖިލީހަށް ހުށަހަޅުއްވާނެ ކަމުގައި ވިދާޅުވެފައެވެ. އަދި އެމަނިކުފާނު ވަނީ ވަކިވަކި ދާއިރާގެ މަސައްކަތްތެރިންގެ ހުރި ކަންބޮޑުވުންތަކާ ގުޅިގެން ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރައްވާފައެވެ.



advertisment