ކޮންސިއުމަރ އޮމްބަޑްސްމަންގެ މަގާމަށް މއ. ޕެރިސްގޭ އަލްއުސްތާޛާ މަރްޔަމް ޝަމްޢާ އިސްމާޢީލް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ޢައްޔަން ކުރައްވައިފިއެވެ.
ކޮންސިއުމަރ އޮމްބަޑްސްމަންގެ މަޤާމަށް ޢައްޔަންކުރެއްވުމުގެ ކުރިން ޝަމްޢާ ހުންނެވީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ލީގަލް ކޮންސަލްޓަންޓުގެ މަޤާމުގައެވެ. އޭގެ ކުރިން ހިއުމަންރައިޓް ކޮމިޝަން އޮފް މޯލްޑިވްސްގެ ލީގަލް އެންޑް ޕޮލިސީގެ ޑިރެކްޓަރުގެ މަޤާމާއި ސުޕްރީމް ކޯޓުގެ ރެޖިސްޓްރާގެ މަޤާމު ފުރުއްވައިފައިވެއެވެ. ޝަމްޢާ ވަނީ ޔުނިވަރސިޓީ އޮފް ދަ ވެސްޓް އޮފް އިންގްލެންޑް ބްރިސްޓްލް އިން ބެޗްލަރ އޮފް ލޯ ހާޞިލުކުރައްވައިފައެވެ.
ކޮންސިއުމަރ އޮމްބަޑްސްމަން އަކީ މުދާ ގަންނަ ފަރާތްތަކާއި ޚިދުމަތް ލިބިގަންނަ ފަރާތްތައް ޙިމާޔަތްކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރު: 2020/12)ގެ ދަށުން އުފައްދައިފައިވާ މަގާމެކެވެ. އެ ޤާނޫނަކީ ރާއްޖޭގައި މުދާ ގަންނަ ފަރާތްތަކާއި ޚިދުމަތް ލިބިގަންނަ ފަރާތްތަކުގެ ޙައްޤުތައް ކަނޑައަޅައި، އެ ޙައްޤުތައް ޙިމާޔަތްކުރުމާއި ވިއްކާ މުދަލެއް ނުވަތަ ފޯރުކޮށްދޭ ޚިދުމަތެއްގައި ފުރިހަމަވާންޖެހޭނެ ޝަރުޠުތަކާއި މިންގަނޑުތައް ކަނޑައެޅުމާއި، އެފަދަ ޝަރުޠުތަކާއި ނުވަތަ މިންގަނޑުތަކާ ޚިލާފަށް މުދާ ވިއްކާ ފަރާތްތަކާއި ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކުން ޢަމަލުކޮށްފައިވާނަމަ ފިޔަވަޅު އެޅުމުގެ އުޞޫލުތައް ބަޔާންކޮށްފައިވާ ޤާނޫނެވެ.
އެ ޤާނޫނުގެ ދަށުން ކަނޑައަޅާ ކޮންސިއުމަރ އޮމްބަޑްސްމަންގެ މަސްއޫލިއްޔަތު ތަކުގެ ތެރޭގައި މި ޤާނޫނާ ޚިލާފުވެގެން ހުށަހަޅާ މައްސަލަތައް ބަލައި ތަޙްޤީޤުކުރުމާއި ޤާނޫނާ ޚިލާފުވާ ފަރާތްތަކުގެ މައްޗަށް ފިޔަވަޅުއެޅުން ހިމެނެއެވެ.



advertisment