ހުޅުމާލޭ ހިޔާ ފްލެޓްތަކަށް ކަރަންޓު ދިނުމުގެ މަސައްކަތުގެ ތެރެއިން މިހާތަނަށް އެއްކޮށް ގުޅުން ނުދީ ހުރި ދެ ޓަވަރު ކަމަށްވާ، 3 އަދި 4 ވަނަ ޓަވަރަށް ކަރަންޓު ދިނުމުގެ މަސައްކަތް މާދަމާ ކުރިޔަށްގެންދާނެ ކަމުގައި ސްޓެލްކޯ އިން ބުނެފިއެވެ. މި ދެ ޓަވަރުގެ ބައެއް ފްލެޓްތަކަށް ގުޅުން ދެމުން ދަނިކޮށް އެހެން ޓަވަރެއްގެ ލިފްޓް މައްސަލަ ޖެހިގެން އެ ދުވަހުގެ މަސައްކަތް ވަނީ ހުއްޓާލައިފައެވެ.
ސްޓެލްކޯ އިން ބުނީ ތާވަލްކޮށްފައި ވަނީ، ހިޔާ މަޝްރޫޢުގެ ދަށުން ހުޅުމާލެ ފޭސް-2ގައި އިމާރާތްކޮށްފައިވާ 6,720 ފުލެޓު ހިމެނޭ 16 ޓަވަރުތަކުގެ ތެރެއިން ދުވާލަކު ދެ ޓަވަރަށް ކަރަންޓު ދޭން ކަމަށެވެ. މިގޮތުން މިހާރު ވަނީ 1، 2، 5، 6، 7، 8، 9، 10، 11، 12، 13، 14، 15 އަދި 16 ވަނަ ޓަވަރަށް ގުޅުން ދީފައެވެ.
ސްޓެލްކޯ އިން ބުނީ 3 އަދި 4 ވަނަ ޓަވަރުން ފްލެޓް ލިބިފައިވާ ފަރާތްތަކަށް ހާޒިރުވާންޖެހޭ ގަޑި އެސް.އެމް.އެސް މެދުވެރިކޮށް އަންގާނެ ކަމަށާއި ތަޅުދަނޑިއާއި ސްޓެލްކޯއިން ދޫކޮށްފައިވާ ސްލިޕާއެކު ޓަވަރުތަކަށް ގަޑިއަށް ހާޒިރުވުމަކީ ވަރަށް ބޮޑު އިލްތިމާސެއް ކަމަށެވެ.
ސްޓެލްކޯ އިން ބުނީ ޓަވަރުތަކަށް ކަރަންޓު ދިނުމުގެ މަސައްކަތް ކޮންމެ ދުވަހަކުވެސް ހެނދުނު 9 ން ހަވީރު 5 އަށް ކުރިޔަށްދާނެ ކަމަށެވެ.
ފްލެޓްތަކަށް ކަރަންޓު ދެމުން ދާވަރަކަށް ބައެއް މީހުން ވަނީ ފްލެޓްތައް ނިންމުމުގެ މަސައްކަތް ފަށައިފައެވެ. ކަރަންޓު ގުޅައިނުދޭ ފްލެޓްތަކުގައި މަސައްކަތް ކުރުމަކަށް ހުއްދައެއް ނުދެއެވެ.



advertisment