22:25
މަޝްހޫރު ކުރެހުންތެރިޔާ އަދި ފިލްމީ ތަރި ޗިޅިޔާ މޫސާ މަނިކު ދާދި ދެންމެއަކު އަވަހާރަވެއްޖެއެވެ. ތަމްސީލް ކުޅުމާއި ފިލްމު ކުޅުމާއި ވާހަކަ ލިއުމާއި ކުރެހުމުގެ ދާއިރާއިން ފާހަގަކޮށްލެވުނު ޝަހުސިއްޔަތު އުމުރުފުޅުން 81 އަހަރުގައި އަވަހާރަވީ އައި.ޖީ.އެމް.އެޗްގައި ފަރުވާ ހޯއްދަވަމުން ގެންދަވާތާ ހަފުތާއެއް ވެފައި ވަނިކޮށެވެ.
ޗިޅިޔާ އަވަހާރަވިއިރު 11 ބޭފުޅުންނާއި އަނބިކަނބަލަކު އެބައިންނެވިއެވެ.
ޗިޅިޔާ އަކީ ވަރަށް ގިނަ ކުރެހުންތައް ކުރައްސަވައި މައުރަޒުތަކުން އިނާމު ހޯއްދަވައި އަދި ނޫސް މަޖައްލާތަކަށް ވަރަށް ގިނަ ކާޓޫންތައް ވެސް ކުރައްސަވައިފައިވާ ފަންނާނެކެވެ.
ތަމްސީލް ކުޅުމުގެ ދާއިރާއަށް ޗިޅިޔާ ވެންނެވީ 1977 ގައި މަޖީދިއްޔާގައި ކިޔަވަން އުޅުއްވި ދުވަސްވަރު ބޭއްވި ގޯލްޑަން ޖުބިލީ ކާނިވަލްގެ ހަރަކާތްތަކުގެ ތެރެއިންނެވެ. އޭގެ ފަހުން ސްޓޭޖް ތަމްސީލް ކުޅުއްވުމުގެ މަސައްކަތް ހޮބީއެއްގެ ގޮތުން ކުރައްވަން ފެއްޓެވިއެވެ. އަދި ޓީވީގެ ބައެއް ޑްރާމާތަކުގައި ވެސް ޗިޅިޔާ ހަރަކާތްތެރިވެވަޑައިގަންނަވަން ފެއްޓެވިއެވެ. އެންމެ ބޮޑަށް ފާހަގަކުރެވިގެންދިޔައީ 1982 ގައި ޓީވީއެމުން ދެއްކި މުހައްމަދު ތަކުރުފާނުގެ ޖިހާދާ ބެހޭ ޑްރާމާ "ގާޒީ ބަންޑާރައިން"ގައި ޕޯޗުގީޒުގެ ވެރިޔާ ވިޔަޒޯރުގެ ބައި ޗިޅިޔާ ކުޅުއްވިލެއް ފުރިހަމަކަމުންނެވެ. އަދި ޓީވީއެމުން ދައްކާ ޑްރާމާ ސީރީޒް މުހައްމަދު ރަސޫލުﷲގައި ވެސް ޗިޅިޔާގެ އަޑު ވަރަށް ބޮޑަށް ފާހަގަވެގެން ގޮސްފައިވެއެވެ.

ޗިޅިޔާ ކުޅުއްވި 36 ފިލްމުގެ ތެރޭގައި ލަވްނައިންޓީ، ބޭވަފާ، ސިޓީ، ދެވަނައަނބި، ބަދަލު، ފުންއަސަރު، ހުރަސް، ލޯބީގެ އަނިޔާ، ޓެލެޑްރާމާ ކައްތިރި، އަޖައިބު، މަޖުބޫރު ލޯބި، ޒަލްޒަލާ، ހިތިނިމުން، އަރާމަގު ދޮންކަމަނަ، ހުރީމޭ އިންތިޒާރުގައި، ޓެލެޑްރާމާ ތިޔޭ މިހިތުގެ ވިންދަކީ، ކަލާގެ ހައްގުގައި، ހުކުރު ވިލޭރޭ، ޔޫސުފު ފަދަ ފިލްމުތައް ހިމެނެއެވެ.
ރަޝިޔާގެ ވެރިރަށް މޮސްކޯގައި ބޭއްވި ފިލްމު ފެސްޓިވަލެއްގައިވެސް ޗިޅިޔާ ރާއްޖެ ތަމްސީލްކުރެއްވިއެވެ. މިއީ ބައިނަލްއަގުވާމީ ފިލްމު ފެސްޓިވަލެއްގައި ރާއްޖެ ތަމްސީލްކުރި ފުރަތަމަ ފަހަރެވެ.
ޗިޅިޔާ އަށް ވަނީ ތަމްސީލާއި ފިލްމު ކުޅުމުގެ ދާއިރާއިން އާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު 1983ގައި އަދި އެ ދާއިރާއިން ޝަރަފުވެރިކަމުގެ އިނާމު 2009 ގައި ލިބިވަޑައިގެންފައެވެ.
ދާދި ފަހަކުން ސްރީލަންކާގައި ގިނަ ދުވަސްތަކެއް ވަންދެން ދިރިއުޅުއްވި ޗިޅިޔާ އަކީ ސިންގަޅަ ބަސް ވެސް ވަރަށް ފަހުން ދަސްކުރެއްވި ބޭފުޅެކެވެ. އޭގެ އިތުރުން އުރުދޫ ބަސް ވެސް ޗިޅިޔާ ދެނެވަޑައިގަނެއެވެ.
ޗިޅިޔާގެ ޖަނާޒާ އޮންނާނީ މިރޭ ފަތިސް ނަމާދަށްފަހު އާސަހަރާ މިސްކިތުގައެވެ.



advertisment