ސްޕެއިންގެ ފްލައިޓަކުން މިއަދު ހެނދުނު ރާއްޖެ އައި އަންހެނަކު، ބޯޓުން ފައިބަނިކޮށް ފިޓްޖެހިގެން ވެއްޓުމުން، އެއްވެސް އެހީތެރިކަމެއް ނުދެވި ބޯޓުގެ ސިޑިބުޑުގައި ބައިގަޑިއިރަށްވުރެ ގިނައިރު އޮންނަންޖެހިއްޖެއެވެ.

"އަދިވެސް" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި 11:15 ގައި ޖެއްސި އައިބީރިއާ ފްލައިޓުން އައި އަންހެން މީހާ ބޯޓުން ފޭބިތަނާހެން ފިޓް ޖެހިގެން ކުއްލިއަކަށް ވެއްޓުމުން، އޭނާ އަށް އެހީތެރިވީ އެ ބޯޓުން ފޭބި ބައެއް މީހުންނެވެ. އެއާޕޯޓްސް ކޮމްޕެނީގެ މީހުން ގޮސް އަށިގަނޑަކަށް ލައިގެން އޭނާ ގެންދިޔައީ ސިޑިބުޑުގައި އޮންނަތާ ބައިގަޑިއިރު ފަހުން ކަމަށް މަންޒަރު ދުށް މީހުން ބުނެއެވެ.
އެމް.އޭ.ސީއެލް ފަޔަރުގައި އޮންނަ ހަމައެކަނި އެމްބިއުލާންސް އެ ވަގުތު ހަރަކާތްތެރިވީ ޑޮމެސްޓިކް ފްލައިޓަކުން ގެންނަ ބަލި މީހަކު ގެންދަން ކަމަށްވާތީ، ސްޕެއިން މީހާ ވެއްޓުނު ގަޑީގައި އެމްބިއުލާންސްގެ ހިދުމަތް ނުދެވުމުން، އެ މީހާ އެތެރެއަށް ވައްދަންޖެހުނީ އަށިގަނޑަކަށް ލައިގެންނެވެ. އަދި ރޭމްޕުގައި މަސައްކަތްކުރާ ދެ ވެހިކަލެއް އޭޕްރަން މަތީގައި އެ ވަގުތު އެކްސިޑެންޓްވުމުގެ ސަބަބުން، ގިނަ މުވައްޒަފުންތަކެއް އެ ސަރަހައްދުގައި ވެސް ދިޔައީ ހަރަކާތްތެރިވަމުން ކަމަށް މައުލޫމާތު ލިބެއެވެ.

ފިޓްޖެހުނު އަންހެން މީހާ، އެމް.އޭ.ސީއެލް ފަޔަރުގެ އެމްބިއުލާންސްގައި މާލެ ގެންދިޔައީ މެންދުރު 12:25 ހިނގި ފަހުންނެވެ.
މައުލޫމާތު ލިބޭ ގޮތުގައި ސްޕެއިން މީހާއަކީ ޗުއްޓީ ހޭދަކުރަން މާފުއްޓަށް ދާން އައި މީހެކެވެ.



advertisment