ހުވަދޫ ކަނޑުގައި މަސްވެރިކަން ކުރަން އުޅުނު އައްޑޫ ސިޓީ ހިތަދޫގެ ފައިބަރު ދޯންޏެއް، ކަނޑު ގަދަވުމުގެ ސަބަބުން ދެބުރިވެއްޖެއެވެ. އަދި 25 ފަޅުވެރިންނާއެކު ހާލުގައި ޖެހުނު ދޯނި ސަލާމަތް ކުރުމުގެ މަސައްކަތް އެމް.އެން.ޑީ.އެފްގެ ކޯސްޓްގާޑުން ފަށައިފިއެވެ.
އެމް.އެން.ޑީ.އެފުން ބުނީ "މޯހިރި" ނަމަކަށް ކިޔާ މި ދޯނި ބިނދުނީ ގއ. ދެއްވަދޫއާ 8.95 ނޮޓިކަލް މޭލު ބޭރުގައި މަސްވެރިކަން ކުރަން އުޅެނިކޮށް، ކަނޑު ގަދަވުމުގެ ސަބަބުން ކަމަށެވެ.
ދޯނި ބިނދިގެން ދެބުރި ވަކިވިއިރު މަސްވެރިންގެ އެއްބަޔަކު ތިބީ ކުރީ ބައިގައެވެ. އަނެއް ބަޔަކު ފަހަތު ބައިގައެވެ. ދޯނި ބިންދައިގެންދިޔަތާ ގިނަ އިރުތަކެއް ނުވެ، އެހެން ދޯނިފަހަރާއި ކޯސްޓްގާޑުން ވެސް އެ ހިސާބަށް ހިނގައްޖެއެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބޭ ކަމަށް އެމް.އެން.ޑީ.އެފުން ބުނެއެވެ.



advertisment