ކ. މާފުށީ ޖަލަށާއި ކ. ހިންމަފުށީ އައްސޭރި ޖަލަށް ވައްދަން އުޅުނު ގިނަ އަދަދެއްގެ ފޯނުތަކަކާއި މަސްތުވާތަކެތި އަތުލައިގަނެ މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ މާފުށީ ޖަލަށް ފޯނާއި މަސްތުވާތަކެތި ވައްދަން އުޅެނިކޮށް މާފުށީ ޖަލު ސަރަހައްދުން 34 އަހަރުގެ ފިރިހެނަކު ރޭ ދަންވަރު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެ މީހާ ހައްޔަރުކޮށް އެ ސަރަހައްދު ބަލައި ފާސްކުރިއިރު 44 ފޯނާއި ފޯން ކަވަރަކާއި 13 ޔޫއެސްބީ ކޭބަލާއި ދެ ހެޑްސެޓާއި މޮޑިފައިޑް 46 ފޯންޗާޖަރުގެ އިތުރުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ތިން ރަބަރު ޕެކެޓް ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.
އަދި ހިންމަފުށީގައި މިދިޔަ ބުރާސްފަތި ދުވަހު ހިންގި އޮޕަރޭޝަނެއްގައި އައްސޭރި ޖަލު ހިމެނޭ ސަރަހައްދު ބަލައި ފާސްކުރިއިރު، ޖަލުގެ ބައުންޑަރީ ވޯލް ތެރޭ ހޮޅިދަނޑިއެއްގެ އަޑީގައި ޕޮޓްކޮށްފައި ވަނިކޮށް ދެ ފޯނާއި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ފިލްމު ހުސްކުރި އަށް ދަޅާއި ފަސް ރަބަރު ޕެކެޓު ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ. މި މައްސަލައިގައި މީހަކު ހައްޔަރެއް ނުކުރެއެވެ.
މި ދެ މައްސަލަ މާފުށި އަދި ހިންމަފުށި ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގު ކުރަމުންނެވެ.



advertisment