ސިންގަލް-ޔޫޒް ޕްލާސްޓިކް ނުވަތަ ޕްލާސްޓިކުން އުފައްދާފައިވާ އެއްފަހަރު ބޭނުންކޮށްފައި އުކައިލެވޭ ބާވަތްތައް ރާއްޖެ އެތެރެކުރުން މަނާކުރުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ފަސްކުރައްވައިފިއެވެ.
އެކްސްޕޯޓު އިމްޕޯޓު ޤާނޫނުގެ 7 ވަނަ މާއްދާގެ ދަށުން ރާއްޖެއަށް އެތެރެކުރުން މަނާ ސިންގަލް-ޔޫޒް ޕްލާސްޓިކް ނުވަތަ ޕްލާސްޓިކުން އުފައްދާފައިވާ އެއްފަހަރު ބޭނުންކޮށްފައި އުކައިލެވޭ ބާވަތްތައް ކަނޑައެޅުމާ ބެހޭ ޤަރާރު އިޞްލާޙްކުރައްވައި، އަމަލްކުރަންޖެހޭ ތާރީހުތައް ފަސްކުރެއްވީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން ދިމާވެފައިވާ އިޤްތިޞާދީ މަޑުޖެހުމަށް ރިޢާޔަތްކޮށް އަދި މިކަމުގެ ސަބަބުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ކުރިމަތިވެފައިވާ ދަތިތަކަށް ރިޢާޔަތްކޮށް ކަމަށް ރައީސް އޮފީހުން ބުނެއެވެ.
ކުރިން އޮތީ މިއަދުން ފެށިގެން އެ ގަރާރަށް އަމަލްކުރާ ގޮތަށެވެ.
އެ ގަރާރަށް މިއަދު ގެންނެވި އިޞްލާޙްތަކުގެ ތެރޭގައި ކާބޯތަކެތި ބަންދުކުރާ ސްޓައިރަފޯމް ފޮށި، މަނާ ކުރާ ތާރީޚަކީ 31 ޑިސެންބަރު 2021 ކަމުގައި ކަނޑައަޅުއްވައި، ރާއްޖެއަށް އިމްޕޯޓުކުރާ 500 މިލިލީޓަރަށްވުރެ ކުދި، ޕްލާސްޓިކު ފުޅީގައި ބަންދުކޮށްފައި ހުންނަ ފެން ނޫން ބުއިންތައް ވަކި ކުރުމަށްފަހު، ރާއްޖެއަށް އިމްޕޯޓުކުރާ 500 މިލިލީޓަރަށްވުރެ ކުދި، ޕްލާސްޓިކު ފުޅީގައި ބަންދުކޮށްފައި ހުންނަ، ބުއިމަށް ބޭނުންކުރާ ހުރިހާ ދިޔާތަކެތި އެތެރެކުރުން މަނާވާނީ 01 ޖޫން 2022 ގައި ކަމުގައި ބަޔާންކޮށްފައިވެއެވެ.
މީގެ އިތުރުން، 50 މިލިލީޓަރާއި، އެއަށްވުރެ ކުދި ކޮންޑިޝަނަރ އަދި ލޯޝަން ފުޅިވެސް ވަނީ އެތެރެކުރުން މަނާ ލިސްޓަށް އިތުރުކުރައްވާފައެވެ. އަދި، 2022 އިން ފެށިގެން 200 މިލިލީޓަރާ ހަމަޔަށް ހިމެނޭ ކުދި ކޮންޑިޝަނަރ އަދި ލޯޝަން ފުޅިވެސް ވަނީ އެތެރެކުރުން މަނާ ތަކެތީގެ ތެރޭގައެވެ.
މި އިޞްލާޙް އާއެކު ބަދަލު އައިސްފައިވާކަންކަން މިހާރު ވަނީ ސަރުކާރުގެ ގެޒެޓުގައި ޝާޢިއުކުރައްވާފައެވެ. ދިވެހިރާއްޖެއަށް އެތެރެކުރުން މަނާ ސިންގަލް-ޔޫޒް ޕްލާސްޓިކްގެ ބާވަތްތައް ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުއްވުމާއެކު، އެ ކަން އިޢުލާނުކުރައްވާ ނެރުއްވާފައިވާ ޤަރާރުގައި ބަޔާންކުރައްވާފައިވާ ތާރީޚުތަކުން ފެށިގެން، އެ ތަކެތި އެތެރެކުރުން މަނާވާނެއެވެ.



advertisment