އައްޑޫގައި ހަދަން އުޅޭ އިންޑިޔާގެ ކޮންސިއުލޭޓަކީ ޝޮޕިންގް މޯލެއް ކަމަށް ނުވަތަ ވިޔަފާރިއެއް ކަމަށް ސަރުކާރަށް ނިސްބަތްވާ ސިޔާސީ ބައެއް ބޭފުޅުންނަށް ހީފުޅުވާ ކަމުގައި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
އިންޑިއާ އިން އެކި ގޮތްގޮތުން ރާއްޖެއަށް އަތްގަދަކުރުމާ ދެކޮޅަށް އެންމެ ބޮޑަށް އަޑުއުފުއްލަވާ ސިޔާސީ އެއް ލީޑަރު ކަމަށްވާ އުމަރު މިހެން ވިދާޅުވެފައި ވަނީ އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓަށް ގާއިމްކުރަން އިންޑިއާގެ ކެބިނެޓުން ނިންމައި، އެކަން އިއުލާންކުރުމުން، އެކަމަށް އައްޑޫގެ އެކި ދާއިރާތަކުގެ ރައްޔިތުންގެ މަޖިލިސްގެ މެމްބަރުންނާއި އައްޑޫ ސިޓީގެ މޭޔަރު ތާއީދު ކުރައްވަމުން ގެންދެވުމާ ގުޅިގެން، ދިވެހި ނެޝަނަލް އެކްޝަން (ޑީ.އެން.އޭ)ގެ ފަރާތުން މިއަދު ދެއްވި ވީޑިއޯ ބަޔާނެއްގައެވެ.
އުމަރު ވިދާޅުވީ ޕޮލިސް ޓެރޭނިން ސްކޫލެއްގެ ނަމުގައި އައްޑޫގައި އިންޑިޔާއިން ގާއިމް ކުރަމުން ގެންދާ މިލިޓަރީ މަރުކަޒު އޭނާ އަށް ސިފަކުރެއްވެނީ ކަސްޓަމްސް އަށް އޮޅުވާލުމަށް ޓަކައި ރޫޅާލައިގެން ބައިބަޔަށް އެތެރެކުރާ ސައިކަލެއް ފަދައިން ކަމަށެވެ.

"…. ސައިކަލެއް ރޫޅާލައިގެން ފަހަރަކު ބަޔެއް އެތެރެކުރާ ގޮތަށް، ދިވެހިންނަށް އޮޅުވާލުމަށްޓަކައި، އެކި ފަހަރު އެކި ބައި ގެނެސްގެން އައްޑު އަތޮޅުގައި މިލިޓަރީ މަރުކަޒެއް އިންޑިޔާއިން ރާވަމުންދާ ގޮތަށް. ފުރަތަމަ އައްޑޫ އަށް ގެނައީ ހެލިކޮޕްޓަރަކާއި ސިފައިން. ދެން ގެނައީ ރާޑަރު ސްޓޭޝަން. ދެން އެޅީ މިލިޓަރީ ބޭސް އަކަށް ބޭނުން ކުރެވޭ ވަރުގެ ވަރުގަދަ އިމާރާތެއް. ޑިޕްލޮމެޓިކް ކަވަރު ދިނުމަށް ޓަކައި މިހާރު މި ގެންނަނީ ކޮންސިއުލޭޓް އޮފީހެއް،" އުމަރު ވިދާޅުވިއެވެ. "ސަރުކާރަށް ނިސްބަތްވާ ސިޔާސީ ބައެއް ބޭފުޅުންނަށް ހީފުޅުވަނީ އިންޑިޔާގެ ކޮންސިއުލޭޓަކީ ޝޮޕިންގް މޯލެއް ކަމަށް. ވިޔަފާރިއެއް ކަމަށް."
އުމަރު ވިދާޅުވީ އައްޑު އަތޮޅުގެ ގަމާއި ޝަންގްރިއްލާ އާއި އަދި ކެނެރީފް ބަންދުވެ އައްޑޫ ރައްޔިތުންގެ ވަޒީފާ ގެއްލިފައިވާ މި ދަނޑިވަޅު ބަލާ ތަރައްޤީ ކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ވަޢުދުވި 8،000 އެނދު ތަރައްޤީ ނުކޮށް، އިންޑިޔާގެ މިލިޓަރީ ބޭސްއެއް ގާއިމް ކުރެވުން ވެގެންދާނީ "އިންވެސްޓަރުން އައްޑު އަތޮޅަށް އައުމަށް ޖެހިލުންވާ ކަމެއް" ކަމަށެވެ.
"(އެކަން ވާނީ) ޓޫރިޒަމް އާއި އެނޫންވެސް ވިޔަފާރި ތަކަށް ލިބޭ ހީނަރު ކަމަކަށް. އަދި އިންޑިޔާ އަކީ މުއްސަނދި ޤައުމަކަށް ނުވާތީ މި ބޭސްގެ ސަބަބުން އައްޑޫގެ އިޤްތިސާދަށް ކުރާނެ އެއްވެސް ފައިދާއެއް ނޯންނާނެ. އިނގިރޭސިން ތިބިއިރު ކުރި ކަހަލަ އެއްވެސް އިޤްތިސާދީ ފައިދާއެއް ނުކުރާނެ،" އުމަރު ވިދާޅުވިއެވެ. "މިއީ މުޅި ޤައުމުގެ މިނިވަން ކަމަށް އަންނަ ގޮންޖެހުމެއް. މިއީ އައްޑޫގެ އިޤްތިސާދަށް ލިބޭ ގެއްލުމެއް. މިއީ ދުރު ރާސްތާގެ ޕްލޭނެއްގެ ދަށުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި، އެކިއެކި ނަންނަމުގައި އިންޑިޔާގެ މިލިޓަރީ ބޭސްތައް ޤާއިމް ކުރުމަށް ހިންގޭ ފުޅާ ޕްރޮގްރާމެއް."
އުމަރު އަދި ވިދާޅުވީ "އުތުރު ތިލަފަޅުގައި އިންޑިޔާ އިން ހަދާ އިމާރާތްތަކާއި، ހދ. ހަނިމާދޫގައި ތިބި އިންޑިޔާގެ ސިފައިންނާއި އެމީހުންގެ ޑޯނިޔާ މަތިންދާ ބޯޓާއި، ލ.ގަމުގައި ތިބި އިންޑިޔާގެ ސިފައިންނާއި އެމީހުންގެ ހެލިކޮޕްޓަރާއި އައްޑޫގައި ޤާއިމް ކުރެވިފައިވާ އެމީހުންގެ ވަސީލަތްތަކަށް ބަލައިލުމުން މި ހިނގަނީ ކޮން ކަމެއްކަން ވަރަށް ސާފު" ކަމަށެވެ.
"މިއީ ދިވެހި ދައުލަތުގެ ވެރިންގެ ތިލަ ވިސްނުމުގެ ސަބަބުން ދިމާވަމުންދާ ކަމެއް. މީގެ ނޭދެވޭ އަސަރު ދިވެހިންގެ މިނިވަން ކަމަށް ކުރާނެ. މާތް ﷲ ގެ ވާގިފުޅާ އެކު ދިވެހިންގެ މިނިވަން ކަން ސަލާމަތް ކުރުމަށް ކުރަން ޖެހުނު ކޮންމެ ޖިހާދެއް ދިވެހިންކުރާނެ،" އުމަރު ވިދާޅުވިއެވެ. "މި ޤައުމު އަނބުރާ ދިވެހިންނަށް ހޯދައިދިނުމުގެ މަތިވެރި ޒިންމާ 2023 ވަނަ އަހަރު، ދިވެހި ރައްޔިތުން ޑީ.އެން.އޭ އާ ހަވާލު ކުރައްވައިފިނަމަ، ﷲގެ ވާގިފުޅާއެކު، އިންޑިޔާގެ ސިފައިން ތިބިތިބުމަށް ނިމުމެއް ގެންނާނަން. ދިވެހިންގެ މިނިވަންކަމާއި އަމިއްލަވަންތަކަން ކަށަވަރު ކުރާނަން."



advertisment