ނ. މިލަދުއަށް އެތެރެކުރަން އުޅުނު މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން އިއްޔެ ހައްޔަރު ކޮށްފައިވަނީ 38 އަހަރުގެ ފިރިހެނެއް ކަމަށެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މާލޭން މިލަދުއަށް ދަތުރުކުރި ލޯންޗެއްގައި މަސްތުވާތަކެތި ގެންދާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި އިއްޔެ 11:35 ހާއިރު މިލަދޫ ބަނދަރުމަތިން ކަމަށް ވެސް ފުލުހުން ބުނެއެވެ.
އެ ލޯންޗުން ބޭލި ކޮތަޅެއް ހިފައިގެން ދަނިކޮށް އޭނާ ހުއްޓުވައި އޭނާގެ ހަށިގަނޑާއި އެ ކޮތަޅު ބަލައި ފާސްކުރިއިރު ކޮތަޅު ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 56 ރަބަރު ޕެކެޓާއިި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ދެ ސެލޯފިންކޮޅު ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.
މި މައްސަލަ މަނަދޫ ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގު ކުރަމުންނެވެ.



advertisment