ށ. ފުނަދޫގައި ހުންނަ އުތުރު އަތޮޅުތަކުގެ ކޮވިޑް ފެސިލިޓީގައި ތިބޭ ބަލި މީހުންނަށް ކޮއްތު ލިބުން ތިން މަހެއްހާ ދުވަހަށް ހުއްޓިފައި އޮތީ، ކޮއްތު ބިލްތަކަށް ފިނޭންސް މިނިސްޓްރީން ފައިސާ ނުލިބިގެން، ކޮއްތު ތައްޔާރުކުރާ ފަރާތުން ހިދުމަތް ހުއްޓާލުމުން ކަމަށް ފުނަދޫ ހޮސްޕިޓަލުން ބުނެފިއެވެ. ނަމަވެސް، އަލުން ބަޔަކާ ވާހަކަ ދައްކައި، މާދަމާ އިން ފެށިގެން އަނެއްކާ ވެސް ކޮއްތުގެ ހިދުމަތް ލިބޭނެ ކަމަށް މެނޭޖަރު އަހުމަދު ޒުމްރަތު މިރޭ ވިދާޅުވެއްޖެއެވެ.
ވިހި އެނދުގެ ފުނަދޫ ކޮވިޑް ފެސިލިޓީ ހާއްސަކޮށްފައި ވަނީ އެންމެ އުތުރުގެ ތިން އަތޮޅު ކަމަށްވާ ހއ. ހދ. އަދި ށ. އަތޮޅަށް ކަމަށް ވިޔަސް، ނ. އަތޮޅުން ވެސް ބަލި މީހުން މިހާރު ގެންދަނީ ފުނަދޫއަށް ކަމުގައި ޒުމްރަތު ވިދާޅުވިއެވެ.
ޒުމްރަތު ވިދާޅުވީ ފުނަދޫ ކޮވިޑް ފެސިލިޓީގައި ތިބޭ ބަލި މީހުންނަށް ކޮއްތު ތައްޔާރުކޮށްދިނީ ތިން ފަރާތަކުން ކަމަށެވެ. ނަމަވެސް ދެ މަހެއްގެ ބިލަށް ފައިސާ ނުލިބިގެން، އެ ފަރާތްތަކުން ހިދުމަތް ދިނުން ހުއްޓާލީ ކަމަށެވެ.
"ކުދިކުދި ވިޔަފާރިތައް އެއީ. އެހެންވެ ބިލްތަކަށް ފައިސާ ލިބުން ލަސްވީމާ އެ ފަރާތްތަކުން ކެއްކުން ހުއްޓާލީ. ކެއްކުން ހުއްޓާލީމާ އަޅުގަނޑުމެން ކިހިނެއްތޯ ކާންދޭނީ؟ ހޮސްޕިޓަލަކު ނޫންވިއްޔަ ކައްކަނީކީ،" ޒުމްރަތު ވިދާޅުވިއެވެ. "މާ ބޮޑު އެއްޗެއް ނޫން ބިލަށް އެރީ. ސޯޅަ ނޫނީ އަށާރަ ހާސް ރުފިޔާ އެއީ. އެކަމަކު ކުދި ވިޔަފާރިތައް ވީމަ އެ މީހުންނަށް އެއީ ވަރަށް ބޮޑު އެއްޗަކަށް ވާނެ."
ޒުމްރަތު ވިދާޅުވީ ބިލްތަކުގެ މައްސަލަ ހައްލުކުރުމަށް ފިނޭންސްޓްރީއާ ގުޅައިގެން ކުރިއަށް ގެންދަވާ ކަމަށާއި، މި އަހަރުގެ ބިލްތަކަށް ފައިސާ ހުރީ ގާތްގަނޑަކަށް ހަމަޖެހިފައި ކަމަށް ފިނޭންސުން ބުނާ ކަމަށެވެ.
"ވައުޗަރުތަކުގެ ނަންބަރުތައް ވެސް އަޅުގަނޑުމެންނަށް ލިބިފައި އެބަހުރި މިހާރު."

ޒުމްރަތު ވިދާޅުވީ ކުރިން ވެސް ކެއްކި މީހުންގެ ތެރެއިން އެއް ބަޔަކާ ވާހަކަ ދައްކައިގެން، މާދަމާ އިން ފެށިގެން ހިދުމަތް ދޭން މިހާރު އެއްބަސްވެފައިވާ ކަމަށެވެ.
"އޭގެ ތެރެއިން އެއް ފަރާތާ އަޅުގަނޑުމެން މިރޭ ވާހަކަ ދައްކައިގެން، އަނެއްކާ ވެސް ހިދުމަތް ފަށަން މިހާރު ވަނީ އެއްބަސްވެވިފައި. މާދަމާ އިން ފެށިގެން ކެއުމުގެ ހިދުމަތް ލިބޭނެ،" ޒުމްރަތު ވިދާޅުވިއެވެ.
ފުނަދޫ ކޮވިޑް ފެސިލިޓީގައި މި ވަގުތު ހަ މީހަކު އެނދުމަތިކޮށް ފަރުވާދެމުން އާދެއެވެ.
ރާއްޖޭގެ އެހެން ކޮވިޑް ފެސިލިޓީތަކާ ޚިލާފަށް، ފުނަދޫ ކޮވިޑް ފެސިލިޓީން ކޮއްތުގެ ހިދުމަތް ނުދޭތީ ބައެއް ފަރާތްތަކުން ވަނީ މީސްމީޑިއާގައި ހިތްހަމަނުޖެހުން ފާޅުކޮށް، މީގެ ހަފުތާއެއް ކުރިން ސަރުކާރުގެ ސަމާލުކަމަށް ވެސް އެކަން ގެނެސްފައެވެ.



advertisment