ކޮވިޑްގެ ވަބާ މުޅި ރާއްޖެއަށް ފެތުރި، އެތައް ބަޔަކު މަރުވެ، އެތައް ބަޔަކު ބައްޔަށް ޕޮޒިޓިވްވެގެންދާ މި ވަގުތު މުހިންމީ މިކަން މި ދިމާވީ ކާކުގެ އިހުމާލަކުންތޯ ބަލައި އެކަކު އަނެކަކަށް ފާޑުކިޔުމެއް ނޫން ކަމަށާއި މިއީ ސަރުކާރަށް ދެވުނު އެއްބާރުލުމެއް ދޭންވީ ވަގުތު ކަމުގައި ދިވެހި ނެޝަނަލް އެކްޝަން (ޑީ.އެން.އޭ) އިން ބުނެފިއެވެ.
ޑީ.އެން.އޭގެ ފަރާތުން މިރޭ ދެއްވި ވީޑިއޯ ބަޔާނެއްގައި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވީ މިއީ ސަރުކާރަށް އެކި ގޮތްގޮތުން ޕްރެޝަރު ކުރަންވީ ވަގުތެއް ނޫން ކަމަށާއި މި ވަގުތު މުހިންމީ، މި ހާލަތުން ރާއްޖެއަށް އަރައިގަނެވޭނެ އެންމެ ކުރު މަގަކީ ކޮބައިތޯ ބަލައި، އެ މަގަކުން ނިކުމެވޭތޯ މަސައްކަތް ކުރުން ކަމަށެވެ.
"ކޮވިޑްގެ ނުރައްކަލުގެ ތެރޭގައި ރާއްޖެ ހޭދަކުރާތާ ގާތްގަނޑަކަށް ދޮޅު އަހަރުވަނީ. ޑީ.އެން.އޭގެ ފަރާތުން އަޅުގަނޑު އިލްތިމާސް ކުރާނީ ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން ދެއްވަމުން ގެންދަވާ އިރުޝާދު ތަކަށް ބޯލެންބެވުމަށާއި، ގައިދުރު ކަމާއި މާސްކް އެޅުން ފަދަ އަސާސީ ކަންކަމަށް ފަރުވާތެރިވެލެއްވުމަށް. އަދި މިއީ ސަރުކާރުންވެސް އެބޭފުޅުންގެ ލީޑަރޝިޕް އާއި ހިންގުންތެރިކަން ދައްކަވަންވީ ވަގުތު. ވެރިން ކުރީ ސަފުން ލީޑް ކުރައްވަންވީ ވަގުތު. ރައްޔިތުންގެ ކަންބޮޑުވުންތަކަށް ސީދާ ވެރިން ކުރިމަތިލައްވާ، ރައްޔިތުންނަށް އެކިއެކި މެސެޖްތައް ގެނެސްދެއްވަންވީ ވަގުތު. ސިއްހީ ދާއިރާގެ ހީވާގި ބޭފުޅުންނަށް ހިތްވަރު ދެއްވަންވީ ވަގުތު،" އުމަރު ވިދާޅުވިއެވެ.
"ހެލްތް ޕްރޮޓެކްޝަން އޭޖެންސީގެ ފަރާތުން މިހާރު އިޢުލާން ކުރައްވާފައިވާ ފިޔަވަޅުތަކަށް ޑީ.އެން.އޭ އިން މަރުޙަބާ ކިޔަން. ހެލްތް ޕްރޮޓެކްޝަން އޭޖެންސީން އާންމު ސިއްހަތާ ގުޅޭ ގޮތުން ފިޔަވަޅުތައް އަޅުއްވާއިރު، އިޤްތިސާދީ ގޮތުން ފުން ވަޅުގަނޑަކަށް ޤައުމު ވެއްޓުނަ ނުދިނުމަށްޓަކައި ވިޔަފާރިތަކަށް ލުއި ލޯނު ދޫކުރުމާއި، ދުވަހުން ދުވަހަށް އާމްދަނީ ހޯދައިގެން ދިރިއުޅުން ހަމަޖައްސަމުން ގެންދާ ފަރާތްތަކަށް އިންކަމް ސަޕޯޓް ފޯރުކޮށްދިނުމަކީ މި ވަގުތަށް ވަރަށް މުހިންމު ކަމެއް ކަމުގައި ޑީ.އެން.އޭ އިން ދެކެން. ވަކީން ޚާއްސަކޮށް ފަގީރު އާއިލާ ތަކާއި، ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީ މަސައްކަތްތެރިންގެ ތެރެއިން ދަތި ހާލުގައި އުޅޭ މީހުނަށް އެހީ ފޯރުކޮށްދެވޭނެ އިންތިޒާމެއް ސަރުކާރުން ހަމަޖައްސަވައިދެއްވުމަށް އިލްތިމާސް ކުރަން."



advertisment
One Response
މި ވަބާއިން ސަލާމަންވާނެ ގޮތް ހަމަ މި ނޫހުގައި ލިޔެފައި އޮއްވައި ދުށިން. އެ ވާހަކަ ސަރުކާރުން ގަބޫލުކޮށް ކޮވިޑަކީ ރާްއްޖެއިން ބޭރުންނާއި މީހުން ޖޫރިމަނާކޮށްގެން ފައިސާ ހޯދާ ވަސީލަތަކަށް ނަހަދައި މިކަމުން ސަލާމަތްވާން އިޚުލާޞްތެރި މަސައްކަތްއް ކުރާން ވެސް ސަރުކާރަށް ޖެހޭނެއެވެ. ސަރުކާރަށް އެއްބާރުލުން ދިނުމަކީ މުޅި އައްޑޫ އިންޑިއާއަށް މަޑުމަޑުން ހިބަކޮށްދެމުންދާއިރު ވެސް އެއްޗެކޭ ނުބުނެ ސާބަސްދީދި ތިބުން ހެއްޔެވެ! ތިޔައީ ވެސް އެއްވެސް އަމާޒެއް ހުރި ބެފުޅެއް ނޫނެވެ.