ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމްގެ އަމިއްލަފުޅު ރަށް، ޏ. ފުވައްމުލަކު މަގު ހެދުމުގެ މަޝްރޫޢާއި އެހެނިހެން މުއައްސަސާތަކަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކާއި އެ ދަތިތަކަށް ހައްލެއް ހޯދުމާ ގުޅޭގޮތުން ކަމާބެހޭ ފަރާތްތަކާ ބައްދަލުކުރައްވައި މިއަދު މަޝްވަރާ ކުރައްވައިފިއެވެ.
އެގޮތުން މި ބައްދަލުވުމުގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ބޭފުޅުންނާއި، އެމް.ޓީ.ޓީ.ސީގެ ބޭފުޅުންނާއި، ފުވައްމުލައް ސިޓީގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، ފުވައްމުލައް ސިޓީގެ ކައުންސިލްގެ މޭޔަރާއި ކައުންސިލް މެންބަރުންގެ އިތުރުން ފުވައްމުލަކުގެ އެކި އިދާރާތަކުގެ އިސް ބޭފުޅުން ބައިވެރިވެ ވަޑައިގެންނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ރައީސް އޮފީހުން ބުނީ އޮންލައިންކޮށް މިއަދު މެންދުރުފަހު ބޭއްވެވި މި ބައްދަލުވުން ކުރިއަށް ގެންގޮސްފައިވަނީ ދެ ބަޔަކަށް ބަހާލައިގެން ކަމަށެވެ. އެގޮތުން ފުރަތަމަ މަޝްވަރާ ކުރައްވާފައިވަނީ ފުވައްމުލަކުގައި ފެން ބޮޑު ވުމުގެ މައްސަލައަށް ހައްލެއް ހޯދުމަށް މަގުހެދުމުގެ މަޝްރޫޢުގެ ތެރެއިން ކުރިއަށް ގެންދެވޭނެ ގޮތްތަކާއި ގުޅޭގޮތުންނެވެ. މި ބައްދަލުވުމުގައި ފުވައްމުލަކުގެ ކައުންސިލުން ވަނީ ސްޓޯމް ވޯޓަރ ސިސްޓަމް އާއި ނަހަދާ މަގުތައް ގުޅުވޭ ގޮތަށް ސްޓޯމް ސިސްޓަމް އިސްލާހު ކުރަން ޖެހޭނަމަ އިސްލާހުކުރަން ބޭނުންވާކަމުގައި ބުނެފައެވެ. މީގެ އިތުރުން މަގުގެ ކާނުތަކުގެ ސްލެބު ދަށުން އަޅާފައިވާ ހުރިހާ ޑަކްޓް ހޮޅިތައް ނަގައި ސްލެބް ދަށުން ޖާގަ ތަނަވަސް ކުރަން އަދި ކަލްވަޓްތައް ފުޅާކުރުމަށް ބޭނުންވާކަމުގައިވެސް ކައުންސިލުން ވަނީ ފާހަގަ ކޮށްފައެވެ. އަދި މީގެ އިތުރުންވެސް މަގުހެދުމުގައި ސަމާލުކަން ދިނުމަށް މުހިންމު ކަންކަމާއި ގުޅޭގޮތުން މި ބައްދަލުވުމުގައި މަޝްވަރާ ކުރެއްވެވިއެވެ.
އެއަށްފަހު މި ބައްދަލުވުމުގައި މަޝްވަރާ ކުރައްވާފައިވަނީ ކޮވިޑް-19ގެ މި ހާލަތުގައި ރައްޔިތުން ގެ ރައްކާތެރިކަމަށް އަޅާފައިވާ ފިޔަވަޅުތަކާއި، އެކި އިދާރާތަކުން ދެމުންދާ ޚިދުމަތްތައް ރަނގަޅުކުރުމަށް ކުރަމުންދާ މަސައްކަތްތަކާއި އެ މުއައްސަސާތަކަށް ކުރިމަތިވާ ގޮންޖެހުންތަކާއި ގުޅޭގޮތުންނެވެ. އެގޮތުން ފުވައްމުލަކުގެ ހޮސްޕިޓަލަށް ކުރިމަތިވެފައިވާ ދަތިތަކާއި، ވެމްކޯގެ މަސައްކަތްތަކަށް ކުރިމަތިވަމުންދާ ގޮންޖެހުންތައް ހައްލުކުރުމާ ގުޅޭ ގޮތުން ފުޅާ ދާއިރާ އެއްގައި މި ބައްދަލުވުމުގައި މަޝްވަރާ ކުރެއްވެވިއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ފެން ބޮޑުވުމުގެ މައްސަލަ މި ފަހުން ދިމާ ނުވާވަރަށް މިހާރު އެމައްސަލަ ދިމާވާކަން ފާހަގަކުރައްވާފައެވެ. އަދި އެކަމުގެ ސަބަބުން ރައްޔިތުންނަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާތީ، އެމައްސަލައަށް އަވަސް ހައްލެއް ހޯދުމަށް ޕްލޭނިންގ މިނިސްޓްރީގެ ޓީމަކާއި އެކު މަސައްކަތް ކުރުމަށް އެމަނިކުފާނު ލަފާ ދެއްވެވިއެވެ. އަދި ފުވައްމުލަކުގެ ހޮސްޕިޓަލަށާއި އެހެން މުއައްސަސާތަކަށް ކުރިމަތިވާ ކަންކަމުގައި އެކަމާއި ގުޅޭ މިނިސްޓްރީ ތަކާއި މަޝްވަރާ ކުރައްވާ އެކަމަށް ހައްލު ހޯއްދެވުމަށް މަސައްކަތް ކުރައްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.



advertisment
2 Responses
ާނަތީޖާ ނުފެންނަ މަތިއޮމާން މަޝްވަރ
ކޮބާ ތީގެ ބޭނުމަކީ ފައިސަލް އިޝްތިހާޜުކޮށްލުންތަ؟ ހަރާން ވާނެ ކަމެއް.