މަސްތުވާތަކެތީގެ އޮޕަރޭޝަންތަކެއްގައި ގދ. ތިނަދޫން ތިނެއް އަދި ށ. ފުނަދޫން އެކަކު ފުލުހުން ހައްޔަރުކޮށްފިއެވެ.
ފުުހުން ބުނީ މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ފުނަދޫން އިއްޔެ ހައްޔަރުކޮށްފައި ވަނީ 31 އަހަރުގެ މީހެއް ކަމަށެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ މަސްތުވާތަކެތި ގެންގުޅޭ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން، އޭނާ ދިރިއުޅޭ ގެ، ކޯޓު އަމުރެއްގެ ދަށުން ބަލައި ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 17 ކަރުދާސްކޮޅާއި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ހަތަރު ސެލޯފިންކޮޅު ފެނުމުން ކަމަށެވެ. އަދި އެ ގޭގެ ގޯތިތެރެއިން ވެސް މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ފަސް ސެލޯފިންކޮޅު ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން އަދި ބުނީ މަސްތުވާތަކެތި ގެންގުޅެ، އެތަކެތީގެ ވިޔަފާރިކުރާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން، މި މަހުގެ 18 ވަނަ ދުވަހު، ތިނަދޫން ހައްޔަރުކޮށްފައި ވަނީ 26 އަހަރުގެ ދެ މީހަކާއި 24 އަހަރުގެ މީހެއް ކަމަށެވެ. އެ ތިން މީހުން ދިރިއުޅޭ ގޭގެ ވަކިވަކިން ބަލައިފާސްކޮށް، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ފިލްމު ހުސްކުރި ދެ ދަޅާއި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ފަސް ރަބަރު ޕެކެޓު ހޯދައިފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.
މީގެ އިތުރުން ތިނަދޫން ފުރައިގެން ގއ. ކަނޑުހުޅުދުއަށް ދަތުރުކުރި ފެރީއެއްގައި މަސްތުވާތަކެތި ގެންދާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި މަހު 16 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި އެ ފެރީ ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 15 ރަބަރު ޕެކެޓާއި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ދެ ރަބަރުކޮޅު ހޯދައިފައިވާ ކަމަށެވެ. ނަމަވެސް އެ މައްސަލައިގައި މިހާތަނަށް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.
މި މައްސަލަތައް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.



advertisment