Support Us

ޓީވީއެމްގެ "960" ޕްރޮގްރާމްގެ ވަދާއީ ޝޯގެ ބައިވެރިންނާއެކު ޕްރެސެންޓަރު އަންސި އަހުމަދު 

ޓީވީއެމް ޕްރޮގްރާމެއްގައި ވިލިނގިއްޔަށް ނިސްބަތްވާ ގޮތަށް "ގަންބަނެ ބުދާ"އޭ ބުނުމުން މާފަށް އެދެން ގޮވާލައިފި

ޓީވީ މޯލްޑިވްސްއިން މިދިޔަ އަންގާރަ ދުވަހުގެ ރޭ ފޮނުވި މުނިފޫހިފިލުވުމުގެ ޕްރޮގްރާމެއްގައި، ގއ. ވިލިނގިއްޔަށް ނިސްބަތްވާ ގޮތަށް "ގަންބަނެ ބުދާ"އޭ ބުނުމުން އެ މައްސަލަ ހޫނުވެ، ޓީވީ މޯލްޑިވްސް މާފަށް އެދެން ވިލިނގިލީ ކައުންސިލުން ގޮވާލައިފިއެވެ.

ވިލިނގިލީ ކައުންސިލުން ރޭ ނެރުނު ބަޔާނެއްގައި ބުނީ "15 މޭ 2021 ދުވަހުގެ ރޭ ޕަބްލިކް ސަރވިސް މީޑިއާގެ ޓީވީ މޯލްޑިވްސްއިން ފޮނުވި "960″ ޕްރޮގްރާމްގައި، ޕްރޮގްރާމް ހުށަހަޅައިދިން ފަރާތުން ބައިވެރިންނާ ކުރި ސުވާލެއްގައި ގއ. ވިލިނގިލީ މީހުން "ގަންބަނެ ބުދާ" ކިޔަނީ ކޯންޗަކަށްތޯ ސުވާލުކުރައްވައި އެއީ "ދާނި" ކަމަށް ބައިވެރިޔަކު ބުނުމުން ޖަވާބު ރަނގަޅު ކަމުގައި ޕްރެސެންޓަރު ބުނެފައި"ވާ ކަމަށެވެ. (ނަމަވެސް "960″ ޕްރޮގްރާމްގެ ވަދާއީ ޝޯ ޓީވީ މޯލްޑިވްސްއިން ފޮނުވައިފައި ވަނީ މޭ 18 ވީ އަންގާރަ ދުވަހުގެ ރެއެވެ.)

"މިއީ ވިލިނގިލީ މީހުން އެއްވެސް ދުވަސްވަރަކު އެއްވެސް ގޮތެއްގައި ބޭނުން ކުރި ބަހަކަށް ނުވެފައި މިއީ ޖެއްސުން ކުރުމާއި ދިމާކުރުމުގެ ގޮތުން ބަޔަކު އަމިއްލައަށް އުފައްދައިގެން ކިޔާ އެއްޗަކަށްވާތީ ދައުލަތުގެ މީޑިއާއަކުން، އެތައް ހާސް ބަޔަކު ބަލަމުން ދިޔަ ޕްރޮގްރާމެއްގައި މިސުވާލު ކުރުމަކީ ވިލިނގިލީގެ ރައްޔިތުންނަށް ފުރައްސާރަކޮށް، ރައްޔިތުންނާ ދިމާކޮށް، މަލާމާތް ކުރުމާއެކު ރައްޔިތުންގެ ކަރާމާތަށް އުނިކަން އަންނާނޭ ފަދައިން ޓީވީ މޯލްޑިވްސްއިން ހިންގާފައިވާ ވަރަށް ނޭއްގާނީ ޢަމަލެއް ކަމުގައިވާތީ މި ޢަމަލު އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރި ކުރަމެވެ." ވިލިނގިލީ ކައުންސިލުން ނެރުނު ބަޔާނުގައި ވެއެވެ. "މި ޕްރޮގްރާމަށްފަހު މިރަށުގެ ރައްޔިތުންނަށް އަމާޒުކޮށް ޓެގްކޮށް ސޯޝަލް މީޑިއާގެ އެކިއެކި ޕްލެޓްފޯމް ތަކުގައި މިދެންނެވި ޕްރޮގްރާމްގެ އެތަންކޮޅުގެ ވީޑިއޯ ފޮނުވައި ފުރައްސާރަ ކުރުމާއި ދިމާކުރުމާއި މަލާމާތްކުރުމުގެ ވަރުގަދަ އޮއިވަރެއް ދަނީ ހިނގަމުންނެވެ. ވިލިނގިލީގެ ރައްޔިތުންނާއި ކުޑަކުދިންނަށް މިކަމުގެ ނޭދެވޭ އަސަރުކޮށް ނަފްސާނީ ގޮތުން އެތައް ބަޔަކަށް ދަނީ ގެއްލުންތައް ލިބެމުންނެވެ. މިހެން ކަމުން މި ކަމުގެ ޝަކުވާ ވިލިނގިލީގެ ރައްޔިތުންނާއި ރާއްޖޭގެ އެކި ހިސާބުތަކުން މި ކައުންސިލަށް ދަނީ ލިބެމުންނެވެ. ވީމާ، ދައުލަތު މީޑިއާއެއް ކަމުގައިވާ ޕަބްލިކް ސަރވިސް މީޑިއާއިން ހިންގާ ޓީވީ މޯލްޑިވްސްގެ މި ފުރައްސާރައިގެ ޢަމަލު ހަރުކަށި ޢިބާރާތުން އަދިވެސް އެއްފަހަރު ކުށްވެރިކޮށް މިކަމުގެ ބަދަލު ޓީވީ މޯލްޑިސްއިން ވިލިނގިލީގެ ރައްޔިތުންނަށް ދިނުމަށާއި، ރައްޔިތުންނާ ކުރިމަތިވަމުންދާ ފުރައްސާއާއި ދިމާކުރުމާއި މަލާމާތާއި އަދި ރައްޔިތުންނަށް ކުރަމުންދާ ނަފްސާނީ ނޭދެވޭ އަސަރުތަކުގެ ޒިންމާ ނަންގަވައި ވިލިނގިލީ ރައްޔިތުންގެ ކިބައިން މާފަށް އެދުމަށް ގޮވާލަމެވެ."

ވިލިނގިލީ ކައުންސިލުން އަދި ބުނީ "ކުރިމަގުގައި މިފަދަ އެހެން ޕްރޮގްރާމެއްގައި އެހެން ރަށެއްގެ ރައްޔިތުންނަށް މި ބާވަތުގެ ބަހަކުން ފުރައްސާރަކޮށް ދިމާކުރުމުގެ ކުރިން ތަޙްޤީޤީ އިދާރާތަކުން މި މައްސަލަ ބަލައި ތަޙްޤީޤުކޮށް ޤާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ވެސް މި ފުރުޞަތުގައި ގޮވާލާ" ކަމަށާއި "މި މައްސަލާގައި ޓީވީ މޯލްޑިވްސާއި ކަމާ ބެހޭ މުއައްސަސާތަކުން ޢަމަލުކުރާ ގޮތެއްގެ މައްޗަށް އިތުރު ފިޔަވަޅެއް އަޅަންޖެހިއްޖެނަމަ އެފަދަ ފިޔަވަޅެއް އެޅުމަށް މި ކައުންސިލުން ފަސްނުޖެހޭނޭ ވާހަކަވެސް ދަންނަވާ" ކަމަށެވެ.

މި ކަމާ ގުޅިގެން ޓީވީ މޯލްޑިވްސްއިން އަދި ވަކި އެއްޗެއް ނުބުނެއެވެ.

ނަމަވެސް ރޯދަ މަހުގެ ކޮންމެ އަންގާރައަކާއި ހުކުރު ދުވަހެއްގެ ރޭ ފޮނުވި، އާންމުންގެ މަގުބޫލްކަމެއް ހޯދި "960″ ޕްރޮގްރާމްގެ ޕްރެޒެންޓަރު، އަންސި އަހުމަދު އޭނާގެ ފޭސްބުކުގައި ރޭ ބުނެފައި ވަނީ އެއީ ޝޯގެ ޕްރޮޑިއުސަރ އަދި އެހީތެރިވެދިން އެއްވެސް ފަރާތަކުން ދީފައިވާ ސުވާލެއް ނޫން ކަމަށާއި އެއީ "އާދައިގެ މަތިން ކޮންމެ ޝޯވއަކަށް ތައްޔާރުވުމަށް، އަޅުގަނޑު އަމިއްލައަށް ތައްޔާރުވުމުގެ ގޮތުން ހޯދާ، ދިރާސާކޮށް އެކުލަވާލާ ސުވާލުތަކެއް" ކަމަށެވެ.

"އަދި މި މޭރުމުން، މި ސުވާލާއި މައުލޫމާތަކީ ހުވަދޫ މީހުންގެ ފަރާތުންނާއި ސޯޝަލް މީޑިޔާގައި ހުރި މަޢުލޫމާތަށް ބަލައި ކުރި ސުވާލެކެވެ. އެހެންކަމުން މި ލަފުޒު ބޭނުންކުރުމާއި، މި ލަފުޒު ގއ. ވިލިނގިއްޔަށް ނިސްބަތްވާ ކަމަށް ދެންނެވުމަކީ މަޢުލޫމާތުގެ ކުށަކަށް ވާނަމަ އަދި މި ގޮތަށް މި ސުވާލު ގެނައުމުން ހިތްދަތި ކަމެއް ދިމާވެފައިވާ އެއްމެހައި ރައްޔިތުންގެ ކިބައިން ނިހާއީ މާފަކަށް އެދެމެވެ." އާންސި ބުނެފައިވެއެވެ.

"ފަހަރުގައި މިއީ މިބަހުރުވައިގެ ފުރިހަމަ މަޢުލޫމާތު ނެތުމުގެ އުނިކަމަކަށް ވެދާނެއެވެ. މި ސުވާލު މިގޮތަށް ގެނެވުމަކީ، ޤަސްދުގައި ގއ. ވިލިނގިލީގެ ރައްޔިތަކު ދެރަކޮށްލާ، ފުރައްސާރަކޮށް ދިމާކުރުމުގެ ގޮތުން ކުރިކަމެއް ކަމަށް ދޭހަވާނަމަ، އެކަމަށް މާފަށް އެދެމެވެ. ގއ.ވިލިނގިއްޔަކީ އެ ރަށެއްގައި އަޅުގަނޑު ދޮޅުމަސް ދުވަސް ހޭދަކޮށް ނުހަނު އިހްތިރާމާއި ލޯބި ލިބިފައިވާ އަދި އިހްތިރާމާއި ލޯބިވާ ރައްޔިތެއް ދިރިއުޅޭ ރަށަކަށް ވީހިނދު، މިފަދަ މޭރުމަކުން އަޅުގަނޑު ޤަސްދުގައި ކަމެއް ނުކުރާނެ ކަމުގެ ޔަޤީންކަން އަރުވަމެވެ." އަންސި ބުނެފައިވެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

One Response

  1. މީގެ ފަންސަވީހަކަށް އަހަރު ކުރިން އަޅުގަނޑުމެންގެ ރަށަށް އަރުވާލާފަ ހުރި ވިލިގިލީ މީހަކު އާއްމު ގޮތެއްގައި ދާންޏަށް ކިޔާ އުޅުނީ ގަންބަނެ ބުދާ
    މިހާރު ދެން އެކަން ފޮރުވަން އުޅެނީ އެ އަކީ ގޯސްނަމެއްނޫނޭ! ދިވެހިރާއްޖޭގަ 200 ރަށަށް ވުރެ ގިނައިން މީހުން ދިރިއުޅޭ ރަށްތައް ހުރިއިރު ބަހުރުވަ ތަފާތުނުވާ ރަށެއް ނޯންނާނެ.
    އެ ވާގޮތަކީ ޅަކުދިން ވީމަ މޮޔައީ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް