Support Us

ރައީސް ޕޫޓިންގެ ބަސްކޮޅެއް

ރައީސް ޕޫޓިން ވިދާޅުވެފައި އޮވެއެވެ. "ފަރަންސޭސި ވިލާތް ކަހަލަ ކުޑަ ދައުލަތަކަށް، އެފްރިކާގެ ސާދަ ދައި ދައުލަތް ކޮންޓުރޯލު ކުރެވޭތީ އަހަރެން އަޖައިބުވެ އަންތަރީސް ވަމެވެ. ނަމަވެސް، އެކަމުގެ ސިއްރަކީ ކޮބައިކަން ކަލޭމެންނަށް އެނގޭ ހެއްޔެވެ؟ ފަރަންސޭސި ވިލާތުގެ އަތުގައި ނިޔުކުލިޔަރުގެ ބާރަށްވުރެވެސް ބާރު ގަދަ އަދި ނުރައްކާތެރިކަން ވެސް ބޮޑު ހަތިޔާރެއް ފަރަންސޭސި ވިލާތަށް ލިބިފައި އޮތުމުންނެވެ. އެއީ ފަރަންސޭސީ ވިލާތުގެ މަސްލަހަތު ދިފާއުކޮށް ހަރަކާތްތެރިވާނޭ އެފްރިކާގެ ގައުމުތަކުގެ މީހުންނެވެ. އެމީހުންގެ އަމިއްލަ ގައުމުތަކަށް ޚިޔާނަތްތެރިވެ، ފަރަންސޭސި ވިލާތުގެ އަޅުންގެ ގޮތުގައި ރުހިގެން މަސައްކަތް ކުރަން ތިބޭ މީހުންނެވެ. އެފަދަ ޚާއިނު އަޅުންގެ ޖީނުގައި ވަނީ ހަގީރުކަން ދަށު ދަރަޖައިގެ ދެރަ ނިކަމެތި ގޮތް ގަބޫލުކުރުމުގެ ސިފައެވެ. އެ ޚާއިނުން އެމީހުންގެ ގައުމުތަކުގެ މީހުންނާ ތަޅާފޮޅައެވެ. އެމީހުންގެ ގަައުމުގެ މުއްސަނދިކަން ފޭރިގަނެއެވެ. އެމީހުންގެ ގައުމުތަކުގެ އިގުތިސާދު ފުނޑުފުނޑުކޮށްލައި ހަލާކުކޮށްލައެވެ. އަދި، ފަރަންސޭސީންގެ އަތުން އެއްވެސް ޚަރަދެއް ނުގޮސް، އެ ގައުމުތަކުގެ މުއްސަނިދިކަން މި ނަންގަތް ޚާއިނުން އެމީހުންގެ ސާހިބުން ކަމުގައިވާ ފަރަންސޭސިންނަށް ރައްދުކޮށް ދެއެވެ."

އާދެ، ބައެއް ފަހަރު، ގައުމީ ހޭލުންތެރިކަން ކުޑަވެ، އާންމު މަސްލަހަތަކީ ބަލަންޖެހޭ އެއްޗެކަށް ނުވެ، އެކަކު އަނެކަކަށް އަޅާލުމުގެ ސިފަ ނެތި، އެންމެން ހެންވެސް މަވެތިވުމުން، ރައީސް ޕޫޓިން އެ ވިދާޅުވި މަންޒަރު އެފްރިކާގެ ގައުމުތައް ނޫން އެހެން ގައުމުތަކުން ވެސް ފެނިގެން ދެއެވެ. ތިމާމެންގެ ވެރިންނަކީ ތިމާމެންގެ ސާހިބުން ކަމަށްވެ، ތިމާމެން އެ ސާހިބުންގެ އަޅުންނަށް ވެދެއެވެ. ދެން، އެ ސާހިބުން ކުޑަކަކޫ ޖަހައި ކިޔަމަންވާން ޖެހެނީ އެސާހިބުން ކޮންޓުރޯލުކުރާ ބޭރުގެ ފަރާތްތަކުގެ ކުރިމަތީގައެވެ. އާދެ، އެ ސާހިބުންވަނީ އެ ފަރާތްތަކުގެ އަޅުންނަށެވެ. މުޅި ގައުމުވެސް ތަބަކެއްގެ މަތީ ބާއްވައިގެން މި ނަންގައި ސާހިބުއަޅުން- ތަނުގެ މީހުންގެ ކުރިމަތީގައި ސާހިބުން، ނަމަވެސް، އެމީހުން ކޮންޓުރޯލުކުރާ ބޭރު ބާރުތަކުގެ އަޅުން – އެމީހުންގެ ސާހިބުންނަށް ގެން ގޮސްދެއެވެ. އެ ބޭރުގެ ސާހިބުންނަށް އެ ތަބަަކަށް މާ ބޮޑު އަގެއް ދައްކާކަށް ނުޖެހެއެވެ. މިކަން މިގޮތަށް ވަނީ ކުރިން ވެސް ބުނިހެން، ތަނުގެ ގައުމީ ހޭލުންތެރިކަން ކުޑަވެ، ކޮންމެ ބަޔަކުގެ ހަމައެކަނި ބޭނުމަކީ އަމިއްލަ މަސްލަހާއި އަމިއްލަ ފައިދާކަމަށް ވެފައި އޮތުމުންނެވެ.