Support Us

ކުރު ވާހަކަ: ރަށުގެ ބޮޑުންގެ ގިނަ ބައެއްގެ ކުއްލި މަރު 

ރަށުގެ އެންމެ ބޮޑު މަހުޖަނުގެ އުދާހަކީ، ހިތުގެ ކަންބޮޑުވުމަކީ ރަށުގައި ފަގީރުން މާ ގިނަވުމެވެ. މިގަމުގެ ހައްލަކީ ކޮބައިކަމާ މެދު، ވަރަށް ވިސްނުން ވިސްނުމަށް ފަހު، މޮޅު ޚިޔާލެއް ކަމުގައި އޭނާ ދުށް ކަމަށް ވިއެވެ. ހުރިހާ ފަގީރުން ރަށުން ނައްތާލަންވީއެވެ. އޭރުން، އަބަދު ކަންކަމު އައިސް ފައިސާ ހޯދަން އުޅޭނޭ ބައިގަނޑު ރަށަކު ނޫޅޭނެއެވެ. އޭނާ ހިތާހިތާ ބުންޏެވެ.

ދެން، ބޮޑު އަދަދެއްގެ ނަގުދު ފައިސާ ގެނެސް، އެ ފައިސާގެ މައްޗަށް ވަރުގަދަ ވިހައެއް ބުރުވާލިއެވެ. އަދި، ރަށުގެ ފަގީރުންނަށް އެފައިސާ ބެހުމަށްޓަކައި ކަމާ ބެހޭ ރަސްމީ އިދާރާއާ ހަވާލުކުރެވުނެވެ.

ދެން އަނެއް ދުވަހު، ރަށުގެ ނޫސްތަކުގައި ފަލަ ސުރުޚީއަކަށް އޮތީ ވަރަށް ވެސް ހިތާމަވެރި ޚަބަރެކެވެ. ސަރުކާރުގެ ހަތަރު ފަސް އިދާރާއެއްގެ އިސް ވެރިންނާއި، އެ އިދާރާތަކުގެ ނާއިބު ވެރިންނާއި އެ ވެރިންގެ އަނބިއަނބިކަނބަލުން ވެސް އަވަހާރަވި ވާހަކައެވެ. ސަބަބު ނޭނގޭ ކުއްލި މަރަކުންނެވެ!

އާދެ، އިންސާނުން ރޭވުންތައް ރާވައި ކަންކަންކަން ކުރަން އުޅެއެވެ. ހަމަ އެހެންމެ، މާތްރަސްކަލާނގެ ވެސް ކަންކަން ރާއްވަވައި ކަންކަން އިރާދަކުރައްވައެވެ. އަދި، އެކަލާނގެ އިރާދަފުޅުކުރެއްވި ބައަކުގެ ނިމުން ގެންނަވައި އެކަލާނގެ އިރާދަފުޅުކުރެއްވި ބައެެއް ރައްކާތެރިކުރައްވައެވެ!

(ތަރުޖަމާއެއް)