Support Us

ރޯދަވެރިޔާ ރުޅިއާ ދުރުހެލިވާންޖެހޭ

މާތްﷲ ރުއްސުންލެއްވި އަބޫހުރައިރަތުގެފާނު އަރިހުން އިމާމު ބުޚާރީ އާއި އިމާމު މުސްލިމާއި އިމާމު އަޙްމަދާއި އިމާމު އައްނަސާއީ ރިވާކުރެއްވި ޙަދީޘެކެވެ. ރޯދަވެރިޔާ އަށް މާތްﷲ ދެއްވާ ސަވާބުގެ މަތިވެރިކަމާއި ރޯދައަށް ހުންނަ އިރު ރޯދަވެރިޔާގެ އަޚްލާޤާއި ސުލޫކު ހުންނަން ޖެހޭނެ ގޮތާ ބެހޭގޮތުން ދެއްވާފައިވާ އިރްޝާދުގެ ބަސްފުޅެކެވެ. ކީރިތި ރަސޫލާ ﷺ ގެ ތެދުވެރިކަން ހާމަކޮށްދޭ ޢިލްމީ ޙަޤީޤަތްތަކެއް ހިމެނޭ ބަސްފުޅެއްވެސް މެއެވެ. ކީރިތި ރަސޫލާ ﷺ ޙަދީޘްކުރައްވަނީ: قَالَ اللَّهُ عَزَّ وَجَلَّ كُلُّ عَمَلِ ابْنِ آدَمَ لَهُ إِلَّاالصِّيَامَ فَإِنَّهُ لِي وَأَنَا أَجْزِي بِهِ وَالصِّيَامُ جُنَّةٌ فَإِذَا كَانَ يَوْمُ صَوْمِ أَحَدِكُمْ فَلَا يَرْفُثْ يَوْمَئِذٍ وَلَا يَصْخَبْ فَإِنْ سَابَّهُ أَحَدٌ أَوْ قَاتَلَهُ فَلْيَقُلْ إِنِّي امْرُؤٌ صَائِمٌ [1]– އަރަހުށި މާތްﷲ ވަޙީކުރެއްވިއެވެ. އާދަމުގެ ދަރިޔާގެ ކޮންމެ ޢަމަލަކީ އޭނާއަށް ލިބިގެންވާ އެއްޗެކެވެ. ރޯދަ މެނުވީއެވެ. ފަހެ،  ހަމަކަށަވަރުން އެއީ ތިމަންރަސްކަލާނގެ ޛާތުފުޅަށް ލިބިވޮޑިގެންވާ އެއްޗެކެވެ. އެ ޢަމަލަށް ޖަޒާދެއްވާނީ ތިމަން ރަސްކަލާނގެއެވެ. ރޯދައަކީ އައްޑަނައެކެވެ. (އެެބަހީ އެއީ ރައްކައުތެރި ކަމެކެވެ.) ފަހެ، ތިޔަބައިމީހުންގެ ތެރެއިން މީހަކު ރޯދައަށް ހުންނަ ދުވަހު، ހަޑިހުތުރު ބަސްތައް ނުބުނާހުށި ކަމެވެ! އަދި ޒުވާބުކޮށް އަޑުގަދަ ނުކުރާހުށި ކަމެވެ. ފަހެ މީހަކު އޭނާއަށް އެއްޗެހިކިޔާ ނުވަތަ މާރާމާރީ ހިންގަން އުޅެފިނަމަ، އަހުރެންނަކީ ރޯދައަށް ހުރިމީހަކީމުއޭ ބުނާށެވެ!]

މި ޙަދީޘްފުޅު ތަފާތު މުޙައްދިޘުން، ކުޑަ ތަފާތަކާއެކު ރިވާކުރައްވާފައިވެއެވެ. ބައެއް ރިވާޔަތްތައް ބުނާގޮތުގައި [އަހުރެން މިހުރީ ރޯދަޔަށޭ] ދެފަހަރަށް ބުނަން އަންގަވާފައިވެއެވެ.

ރަމަޟާން މަހަކީ ރޯދަމަހެވެ. ތަޤްވާވެރިކަމުގެ މަހެވެ. ރަޙްމަތާއި ފުއްސެވުމާއި ނަރަކައިން މުުއްތިކުރެއްވުމުގެ މަހެވެ. ހެޔޮކަންކުރުމާއި ދީލަތިވުމާއި ހެޔޮފޯރުވުމުގެ މަހެވެ. ނަޞްރާއި ނަޞީބުގެ މަހެވެ. މާތްﷲގެ ނަފަޙާތުތައް އެކަލާނގެ އަޅުންގެ މައްޗަށް ބާވައިލައްވާ މަހެވެ.

ރަމަޟާން މަހަކީ ރޫޙާނީ ސާފުކަމުގެ މަހެވެ. ހެޔޮކަންތަކުގައި އެކަކު އަނެކަކާ ވާދަކުރަންވީ މަހެވެ. ދުވާލު ރޯދަހިފުމެވެ. ރޭގަނޑު އިޙްޔާކުރުމެވެ. ތަރާވީޙު ނަމާދާއި ތަހައްޖުދުގެ ރަކްޢަތްތަކުންނެވެ. ކީރިތި ޤުރްއާން ކިޔެވުމާއި އުނގެނުމާއި މުދާރަސާ ކުޅައުމާއި ދިރާސާ ކުރުމުންނެވެ. އަވަށްޓެރިންނަށް އެހީވުމާއި ގާތްތިމާނގެ މީހުންނަށް އަޅައިލައިގެންނެވެ. އެންމެންވެސް އެދެނީ ﷲގެ ރަޙްމަތަށެވެ. ފުއްސެވުމަށާއި ރުއްސެވުމަށެވެ.

ނަމަވެސް މި ރޫޙާނީ ޖައްވާއި ވެށި ކިލަނބުކުރަން އުޅޭ ބަޔަކުވެސް އުޅެއެވެ. ރުޅިގަނދަކުރާ ބަޔަކާއި، ތާކުންތާކު ނުޖެހޭ ކުދިކުދި ކަންތައްތަކާ ހެދި ރުޅި އިސްކުރާ ބަޔަކު، މި ސާފު މާޙައުލުގެ ތެރެއިން ފެނެއެވެ. ރޯދަ ބަހަނާއެއް ކަމުގައި ހަދައެވެ. މި މީހުންގެ ސަބަބުން ތަނަވަސް ޖައްވު ނުތަނަވަސް ވެގެންދެއެވެ. މި ފަދަ މީހުން އަޑުގަދަކޮށް ހަޑިހުތުރު ބަސްތަކުން ރޯދައިގެ ޢިއްޒަތް ނަގައިލައެވެ. ރޯދައިގެ ހައިބަތު ކުޑަކޮށްލައެވެ. ކީރިތި ރަސޫލާ ﷺ މި ޙަދީޘްފުޅުގައި އެފަދަ މީހުންގެ ބައެއް ޢަމަލުތައް ހާމަކޮށްދެއްވާފައިވެއެވެ. މިބައިމީހުން ރޯދައަށް ތިބޭއިރު އަޑުގަދަކޮށް ހަޑިހުތުރު ބަސްތައް ގޮވާ ހަދަތެވެ. އަދި އެމީހުން ބައެއް ފަހަރަށް އަރާރުންގަނޑެއް ފެށޭތޯވެސް މަސައްކަތް ކުރެތެވެ. އެއުރެންގެ މިފަދަ ޢަމަލުތަކާ ރޯދަވެރިޔާ ދުރުހެލިވަން ޖެހޭނެކަން ބަޔާން ކޮށްދެއްވަމުން އަންގަވަނީ [އަހުރެން މިހުރީ ރޯދައަށޭ ބުނެ އެކަމާ ދުރަށް ދާށެވެ.] ކީރިތި ރަސޫލާ ﷺ މިތާނގައި މިދެއްވަނީ މިކަމުގެ ފަރުވާއެވެ. މިހާރުގެ ސުވާލަކީ ކީރިތި ރަސޫލާ ﷺ ރުޅިއާ ދުރަށް ދިޔުމަށް، ނުވަތަ ރުޅި އިސްނުކުރުމަށް މި އަންގަވަނީ ކީއްވެގެން ހެއްޔެވެ؟ މިކަމުގެ ޙިކްމަތަކީ ކޮބައިހެއްޔެވެ؟

ރޯދަވެރިޔާގެ ގާތަށް ރުޅިއަތުވެއްޖެ ނަމަ، ނުވަތަ އަޑުގަދަކޮށް ހަޅޭއްލެވުމުގެ ސަބަބުން އޭނާގެ ނަފްސަށް ނުތަނަވަސްކަން ލިބިއްޖެނަމަ، އެޑްރިނާލިން ހޯރމޯންގެ މިންވަރު ވަރަށްބޮޑަށް ލޭގައި އިތުރުވެގެން ދާނެއެވެ. ބައެއްފަހަރަށް 20 ނުވަތަ 30 ގުނައަށް މި މިންވަރު އިތުރުވެގެންދާ ކަމަށް ދިރާސާތައް ބުނެއެވެ. ކީރިތި ރަސޫލާ ﷺ ގެ އިރްޝާދާ ޚިލާފުވާ މީހުންނާ ކުރިމަތިވެދާނެ ދެ ނުރައްކަލެއް ވެއެވެ.

ރޯދައަށް ހުންނަ ވަގުތުގެ ކުރީކޮޅުގައި ރުޅި އުމުން ކުރިމަތިވެދާނެ ނުރައްކާތައް

ހ– ރޯދައަށް ހުންނަ ވަގުތުގެ ކުރީކޮޅުގައި ރުޅިއަތުވެއްޖެނަމަ ނުވަތަ ރުޅިއާ ގުޅޭ ވައްތަރުގެ ޢަމަލެއް ހިނގައިފިނަމަ ހަޖަމު ގަޑުބަޑުވެ ކާތަކެތިން ހަށިގަނޑަށް ލިބޭ ފައިދާ ކުޑަވެގެންދާނެއެވެ. މިކަމުގެ ސަބަބުން ރޯދަވެރިޔާއަށް ހާރުން ލިބޭ ހަކަތަ މަދުވެއެވެ. ނަތީޖާއަކަށް ވާނީ ރޯދަހިފުން ބުރަކަމަކަށްވެ ވަރުބަލިވުން އިޙްސާސްކުރަން ޖެހުމެވެ. އަދި އެދުވަހު އޭނާގެ އުފެއްދުންތެރިކަން ކުޑަވެ ވިސްނުން ކޮށިވުމެވެ.

ށ- ރުޅިއައުމުން ނުވަތަ ނުތަނަވަސްކަން އިތުރުވުމުން ނާރުތަކާ ބެހޭ ނިޒާމުން އެޑްރިނާލިން ހޯމޯން އުފައްދާނެއެވެ. މިކަމުގެ ސަބަބުން ހަޖަމާބެހޭ ނިޒާމުގެ މަސްތައް ކަންނެތް ވެދެއެވެ. ރުޅިގަދަ މީހުން ބަނޑުހިކޭގޮތް ވަނީ މިހެންވެގެންނެވެ. މީގެ އިތުރަށް ރުޅިއައުމުގެ ސަބަބުން ފިތުން އުފައްދާ ދިޔަވެސް މަދުވެއެވެ. ފިތުގެ ދިޔަ މަދުވުމަކީ ހަޖަމާ ބެހޭ ނިޒާމުގެ ލޭނާރުތަކުގެ ވިލުންތެރިކަން ކުޑަކުރާނެ ކަމެކެވެ. މިހެންކަމުން އެދުވަހު އެ ރޯދަވެރިޔާއަށް ހައިހޫނުކަން ބަރުދާސްތުކުރަން ޖެހުން އިތުރުވާނެއެވެ.

ނ- އެޑްރިނާލިން ހޯމޯނަކީ ލޭގެ ހިމަނާރުތަކުގެ (ނުވަތަ ކެޕިލަރީތަކުގެ) ޕްރެޝަރ މައްޗަށް ގެންދިޔުމަށް ވާގިވެރިވާ އެއްޗެކެވެ. އެހެންކަމުން ހިތަށް އަނބުރާ އަންނަ ލޭގެ މިންވަރު އިތުރުވާނެއެވެ. އަދި ހިތުގެ ތެޅުންވެސް އިތުރުވާނެއެވެ. މިހެންވެ ހަށިގަނޑަށް އިތުރަށް އޮކްސިޖަން ބޭނުންވާނެއެވެ. ނަތީޖާއަކަށް ވާނީ ހިތަށް ޙަމަލާއެއް އައުމެވެ.

ރ-  ރުޅިއަށް ބޭނުންވާ ހަކަތަ ހޯދައިދިނުމަށްޓަކައި، އެޑްރިނާލް ގޮށަށް އިތުރު މަސައްކަތް ކުރަން މަޖްބޫރުވެއެވެ. މި އިތުރު މަސައްކަތުގެ ސަބަބުން އެޑްރިނަލް ގޮށުގެ ބޭރު ތޮށިގަޑަށް ބުރަތަކެއް އުފުއްލަން ޖެހެއެވެ.

ބ- ރުޅި އައުމުން ކޯޓިޒަން އިތުރުވެއެވެ. ކޯޓިޒަން އިތުރުވުމުގެ ސަބަބުން މަޢިދާގެ ހުތް އިތުރުވެއެވެ. މިއީ މަޢިދާގައި ފާރު އުފެއްދުމަށް އެހީވެދޭނެ ކަމެކެވެ.

ރޯދައަށް ހުންނަ ވަގުތުގެ މެދުތެރޭގައި ނުވަތަ ފަހުކޮޅުގައި ރުޅިއައުމުން ކުރިމަތިވެދާނެ ނުރައްކާތައް:

ރޯދައަށް ހުންނަ ވަގުތުގެ ފަހުކޮޅުގައި ހަށިގަނޑުގައި ހުންނަ ހަކުރުމަދުވުމުގެ ސަބަބުން ރުޅިއައުން އަވަސްވާނެއެވެ. ކީރިތި ރަސޫލާ ﷺ ގެ ބަސްފުޅު [އަހުރެން މިހުރީ ރޯދައަށޭ… އަހުރެން މިހުރީ ރޯދައަށޭ] ގައި ހިފަހައްޓައިގެން ރޯދައަށް ހުންނަ ވަގުތުގެ މެދު ތެރޭގައި ނުވަތަ ފަހުކޮޅުގައި ރުޅިއާ ދުރުހެލިވެއްޖެނަމަ، ވަރަށް ގިނަގުނަ ނުރައްކާ ތަކަކުން ސަލާމަތް ވެވޭނެއެވެ. އޭގެ ތެރޭގައި:

ހ- މޭގަނޑުގައި ރައްކައުކޮށްފައިވާ ގްލައިކޯޖިން ވިރުމާއި ހަށިގަނޑުގެ ޕްރޮޓީންތައް އެމިނޯ އެސިޑަށް ބަދަލުވުން. މީގެ ސަބަބުން ހަށިގަނޑުގައި ހުންނަ ގުލްކޯޒުގެ މިންވަރު އިތުރުވެގެން ދާނެއެވެ. ރުޅީގެ ތެރޭގައި ނުވަތަ އަރާރުމުގެ ތެރޭގައި ހަށިގަނޑަށް ބޭނުންވާ ހަކަތަ ލިބެނީ މިތަކެތިންނެވެ. އެހެންކަމުން ރުޅިއައުމަކީ ނުވަތަ ޒުވާބުކުރުމަކީ ނުވަތަ އަރާރުންވުމަކީ ބޭނުމެއްނެތް ގޮތަކަށް ހަށިގަަނޑުގެ ހަކަތަކޮޅު ހުސްކޮށްލުމެކެވެެ.

ށ- ލޭގައި އެޑްރިނާލިން ގިނަވުމަކީ ހަށިގަނޑުން ބޭނުމެއްނެތި ފެންތަކެއް ބޭރުވެގެންދާނެ ކަމެކެވެ. މި ފެން ބޭރުވާނީ ދަލުގެ ގޮތުގައި، ނުވަތަ ކުޑަކަމުދާ އެއްޗެހީގެ ގޮތުގައެވެ. ރޯދަވެރިޔާގެ ހަށިގަނޑަށް ފެނަކީ ވަރަށް ބޭނުންތެރި އެއްޗެކެވެ. ފެން މަދުވެއްޖެނަމަ ރޯދަވެރިޔާގެ ހަށިގަނޑު ފެނަށް ޖެހިދާނެއެވެ.

ނ- ރުޅީގެ ސަބަބުން އެޑްރިނާލިން ހޯމޯން އިތުރުވުމުގެ ސަބަބުން ލުއި ޑެންސިޓީ ޕްރޮޓީން ކްލޮސްޓްރޯލް އިތުރުވެއެވެ. މިކަމުގެ ސަބަބުން ހިތަށް އަނބުރާ ލޭގެންދާ ހޮޅިތައް (ނުވަތަ ވޭންތައް) ހަރުވެ އޭގެ ވިލުންތެރިކަން ކުޑަވެގެން ނުވަތަ ނެތިގެންދެއެވެ.

ރ- ރުޅީގެ ސަބަބުން ލޭމައްޗަށް ގޮސް ލޭހޮޅިތައް ހަރުވުމުގެ ސަބަބުން ސިކުނޑިއަށް ޙަމަލާއެއް އަތުވެދާނެއެވެ. ނަތީޖާއަކަށް ވާނީ ސިކުނޑީގައި ލޭކޮޅެއް ގަނޑުވުމެވެ. ނުވަތަ ސްޓްރޯކެއް ޖެހުމެވެ.

ބ- ކޯޓިޒޯން ގިނަވުމަކީ މަޢިދާގެ ހުތް އިތުރުވާނެ ކަމެކެވެ. މިކަމުގެ ސަބަބުން މަޢިދާ ފާރުވުމަކީ އެކަށީގެންވާ ކަމެކެވެ. މިހެންވެ، ލޮބުވެތި ރަސޫލާ، ރޯދަވެރިޔާއަށް ރޯދައަށް ހުންނައިރު ހަމަހިމޭން ކަންމަތީގައި ހުރުމަށް އިރްޝާދު ދެއްވިއެވެ. އަރާރުންތަކާ ދުރުހެލިވުމަށާއި، ހަޅޭއްނުލެވުމަށް އެންގެވިއެވެ. އަދި ޒުވާބުނުކުރުމަށާއި ރުޅިއަތުވެދާނެ ފަދަ އެއްވެސްކަމެއް ނުކުރުމަށް ނަޞީޙަތްދެއްވިއެވެ.

ރޯދަވެރިޔާއަށް [ތިމަން މިހުރީ ރޯދައަށޭ، ތިމަން މިހުރީ ރޯދައަށޭ] ބުނެ އޭނާއާ އަރާރުންވާން އުޅޭމީހާއާ ދުރަށް ދިޔުމަށް، ނުވަތަ އޭނާއަށް އެއްޗެހިކިޔާ މީހާއަށް ރައްދުނުދީ ފުރަގަސް ދިނުމަށް ވަޞިއްޔަތް ކުރައްވާފައި މިވަނީ ކީއްވެގެން ބާވައެވެ؟ އާދެ! މިކަމުގައި އެތައް ޙިކްމަތްތަކެއް ވެއެވެ. އޭގެ ތެރޭގައި؛

  • މާތްﷲ ރޯދައިގެ އެންމެ ފޮނި އެން މެބޮޑު މޭވާއެއް ކަމުގައި ލައްވާފައިވަނީ ތަޤްވާވެރިކަމެވެ. ކީރިތި ރަސޫލާ ﷺ ރޯދަވެރިޔާއަށް މިތާނގައި އެ ހަދާންކޮށްދެއްވަނީ މި މޭވާގެ މަތިންނެވެ. ތަޤްވާވެރިވެވޭނީ އޭނާގެ އަތާއި ފަޔާއި ލަދުވެތި ގުނަވަންތައް ރައްކައުތެރި ކޮށްގެންނެވެ. އެ ގުނަވަންތަކުން މީހުންނަށް ގޯނާކުރުން ހުއްޓާލައިގެންނެވެ. އަރާރުންވާން އުޅޭ މީހާއަށް ރައްދުދިނުމަކީ އެ ނުބައިކަމުގެ ތެރެއަށް ވެއްޓުމެއް ނޫންތޯއެވެ؟
  • ތިމަން މިހުރީ ރޯދައަށޭ ބުނުމަކީ އޭނާއަށް، އޭނާ މި ހުރީ ﷲގެ މާތް ދަރުބާރުގައިކަން ހަނދާންކޮށްދޭނެ ކަމެކެވެ. ޝައިޠާނާގެ ދަރުބާރަށް ވަނުން މަނާކުރާނެ ކަމެކެވެ.
  • މި ބަހުގެ ސަބަބުން އޭނާއަށް ތިން ފަރާތެއް ބަލިކޮށްލެވެއެވެ. އެންމެ ފުރަތަމަ އޭނާގެ ޝައިޠާނާއެވެ. ދެވަނައަށް އޭނާއާ އަރާރުންވާން އުޅޭ މީހާއެވެ. ތިންވަނައަށް އެމީހާގެ ޝައިޠާނާއެވެ.
  • ކީރިތި ރަސޫލާ ﷺ ގެ މި މަތިވެރި އިރްޝާދުން އެނގެނީ، އެކަލޭގެފާނު އެކަލޭގެފާނުގެ އުއްމަތް ދެކެ ލޯބިފުޅުވާ މިންވަރެވެ. އުއްމަތުގެ ސަލާމަތަށާއި ކާމިޔާބަށް ދެއްވާ އަހައްމިއްޔަތެވެ. މާތްﷲ އެންގެވި އަޅުކަންތައްވެސް އެންމެ ރިވެތި، އެންމެ ރަނގަޅު ގޮތުގައި ކުރެވޭނެ މަގުތައް އެކަލޭގެފާނު ދެއްކެވިއެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. ((لَقَدْ جَاءَكُمْ رَسُولٌ مِّنْ أَنفُسِكُمْ عَزِيزٌ عَلَيْهِ مَا عَنِتُّمْ حَرِيصٌ عَلَيْكُم بِالْمُؤْمِنِينَ رَءُوفٌ رَّحِيمٌ[2]‎- ހަމަ ތިޔަބައިމީހުންގެ ތެރެއިންވާ ރަސޫލަކު، ހަމަކަށަވަރުން ތިޔަބައިމީހުން ގާތަށް ވަޑައިގެންފިއެވެ. ތިޔަބައިމީހުންނަށް އުދަނގޫވެ ދަތިވެއްޖެ ކޮންމެ ކަމެއް، އެކަލޭގެފާނަށް ބޮޑު ކަމަކަށް ވެއެވެ. އެކަލޭގެފާނީ ތިޔަބައިމީހުންނަށް ތެދުމަގު ލިބުމުގެ މައްޗަށް ދަހިވެތިވެވަޑައިގެންވާ ބޭކަލެކެވެ. މުއުމިނުންނަށް ނުހަނު އޯގާވެރި ރަޙްމުހުރި ބޭކަލެކެވެ.))

[1] – رواه البخارى ومسلم والبيهقى وأحمد وابن حبان والبزار

[2]  – التوبة: 128

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *