އުމުރުން ދުވަސްވީ ބައްޕަ ބަލި އެނދުގައި އޮތެވެ. ދެން، ދަރިފުޅަށް ގޮވައި، ގާތަށް ގެނެސް، ބައްޕަ މާ ގިނަ ދުވަހު ދުނިޔޭގައި ނުހުރެދާނޭ ބުންޏެވެ. އަދި ބައްޕަ ބޯއަޅައިގެން އޮތް ބާލީސް ދަށުން އެއްޗެއް ނަގާފައި ދަރިފުޅު އަތަށް ދީފައި ދަރިފުޅު ގާތު ބުންޏެވެ. "ދަރިފުޅާއެވެ. މިއީ ވަރަށް ދުވަސްވީ ގަޑިއެކެވެ. ދަރިފުޅު މި ގަޑި ހިފައިގެން، ގޭދޮށު ހުންނަ ގަޑި ވިއްކާ ފިހާރައަށް ގޮސް މި ގަޑި އެ މީހުން ގަންނާނީ ކިހާވަރަކަށްތޯ އޮޅުން ފިލުވާލަ ބަލާށެވެ.
ދެން ދަރިފުޅު ގަޑި ފިހާރައަށް ގޮސް އެމީހުން ލައްވައި ގަޑީގެ އަގު ވަޒަންކޮށްލިއެވެ. އަދި ބައްޕަ ކައިރިއަށް އައިސް ބުންޏެވެ. އެ ފިހާރައިން ބުނީ ގަޑިއަށް ފަސް ޑޮލަރު ދެވިދާނޭ ކަމެވެ. ދެން، ދަރިފުޅު ގާތު ބައްޕަ ބުންޏެވެ. އެހެންވެއްޖިއްޔާ ބޮޑު މަގުގައި ހުންނަ ދުވަސްވީ ތަކެތި ވިއްކާ ފިހާރައަށް ގޮސް އެމީހުން ތި މުސްކުޅި ގަޑި ގަންނާނީ ކިހާވަރަކަށްތޯ އަހާލަ ބަލާށެވެ.
ބައްޕަ ބުނި ފަދައިން ކަންތައްކޮށް، އަނެއްކާ ވެސް އެނބުރި ބައްޕަ ގާތަށް އައިސް ދަރިފުޅު ބުންޏެވެ. ބައްޕާއެވެ. އެމީހުން މި ގަޑިއަށް އެއް ހާސް ޑޮލަރު ދެވިދާނޭ ބުންޏެވެ. އެންމެ ރަނގަޅޭ ބައްޕަ ބުނެފައި އަދިވެސް ދަރިފުޅު ގާތު ބުންޏެވެ. މި ފަހަރު ގަޑި ހިފައިގެން ޝަހަރުގެ މެދުތެރޭގައި ހުރި ދާރުލްއާސާރަށް ގޮސް އެތަނުން ގަޑި ގަންނާނީ ކިހާ ވަރަކަށްތޯ އަޅެ އޮޅުންފިލުވާލަބަލާށެވެ.
ދެން ދަރިފުޅު ދާރުލްއާސާރަށް ގޮސް، އެމީހުންނަށް އެއްކަލަ ދުވަސްވީ އެވޭލާ ގަޑި ދެއްކިއެވެ. އެ މީހުން، ގަޑިއާ ބެހޭ ޚާއްސަ މީހަކާ ހަވާލުކުރިއެވެ. އަދި، އެމީހާ ގަޑި ހިފައިގެން ގޮސް، ލައްކަ އިރު ކޮށްފައި އެނބުރިއައިސް ގަޑިިއަކީ ވަރަށް އަގު ބޮޑު ގަޑިއެއް ކަމަށް ބުންޏެވެ. އަދި ދާރުލްއާސަރުން ގަޑި ގަންނަން ވަރަށް ބޮޑަށް ބޭނުންވާ ކަމާއި ގަޑީގެ އަގެއްގެ ގޮތުގައި އެއްލައްކަ ޑޮލަރު ދެވިދާނެ ކަމަށް ވެސް ބުންޏެވެ.
ދަރިފުޅު އަވަހަށް އެނބުރި ގެއަށް އައިސް، ދާރުލްއާސާރުން ގަޑިއާ ބެހޭ ގޮތުން ބުނި ވާހަކަ ބައްޕައަށް ކިޔައިދިނެވެ. ވަރަށް ޝައުގުވެރި ކަމާއެކު، އެ ވާހަކަތައް އަޑުއަހައި، ދަރިފުޅުގެ ވާހަކަ ނިމުމުން ބައްޕަ ބުންޏެވެ.
ދަރިފުޅާއެވެ. މި ކަމުން ދަރިފުޅަށް ކިޔައިދޭން ބޭނުން ވާހަކައެއް އެބައޮތެވެ. ކޮންމެ މީހަކަށް، ކޮންމެ ބަޔަކަށް އެހެން މީހެއްގެ އަގު ވަޒަން ކުރާކަށް ނޭނގޭނެއެވެ. އެއްޗެއްގެ އަގު ވަޒަންކުރަން އެނގޭނީ އެއެއްޗެއްގެ ހަގީގަތް ދެނެގަންނަން އެނގޭ މީހުންނަށެވެ. ވަރަށް ގިނަ ފަހަރު، މީހުންގެ އަގު ވަޒަންކުރުމުގައި ބަލާ މިންގަނޑަކީ ކޮބައިކަން ހަނދާނުގައި ބަލަހައްޓަން ޖެހޭނެއެވެ. ގޭދޮށު ގަޑި ވިއްކާ ފިހާރައިން ބައްޕަގެ ގަޑީގެ އަގު ވަޒަންކުރީ އޭގެ ބޭރު ފުށަށް ބަލައި އެމީހުންގެ އަތުގައި ހުރި އެއްޗަކާ އަޅާ ބަލާފައެވެ. ހަމަ އެގޮތަށް މީހުން އެހެން މީހުންގެ އަގު ވަޒަން ކުރަނީ މީހާގެ ބޭރުފުށަށް ބަލައި، އަގުވަޒަން ކުރާ މީހާގެ ހުރި، ނެތް، މޮޅު ކަމެއްގެ މައްޗަށް ބަލައި އަޅާކިޔާފައެވެ. މީގެ އިތުރުން، ދެކެފަރިތަ މީހަކަށް ވެއްޖެ ނަމަ، އަގު ވަޒަން ކުރުމުގައި ފުރަތަމަ ވެސް ބުނާނީ މީ އަހަރުމެންގެ ތެރޭގައި އުޅުނު، އަހަރުމެން ދަންނަ މީހެކެވެ. އެމީހުންގެ ދަތުން ބިނާވެފައި އޮތީ މާކުރީގެ ދުވަސްވަރަކާ ކަމާއި، އެ ދުވަސްވަރާއި މިހާރާއި ދެމެދު ހިނގާ، ނުހިނގާ، ކަންކަމާ މެދު ބަލަން ޖެހޭ ކަމެއް އެމީހުން ނުދެކޭނެއެވެ.
އެހެންވެ، ދަރިފުޅު ވެސް މި ގަޑީގެ މިސާލާ ދޭތެރޭ ރަނގަޅަށް ވިސްނަން ޖެހޭނެއެވެ. ގަޑީގެ ހަގީގީ އަގު ވަޒަންކުރަން އެނގުނީ ދާރުލްއާސާރުގެ މީހުންނަށް ނޫން ހެއްޔެވެ؟ އެހެންވެ، ދަރިފުޅުވެސް، ދަރިފުޅުގެ ހަގީގީ އަގު ވަޒަންކުރަން އެދޭ ނަމަ، ކޮންމެ ކޮންމެ ތަނަކުން އެކަން ކުރާނޭ ކަމަށް ދެކިގެން ނުވާނެއެވެ. އަދި، ކޮންމެ ކޮންމެ ތަނަކުން ދަރިފުޅުގެ އަގު ވަޒަންނުކުރީމާ އެކަމާ ނުރުހި ހިތް ބަރުކޮށްގެން ނުވާނެއެވެ. އެހެނީ، އެމީހުންނަށް އެކަން ނުކުރެވެނީ އެމީހުންގެ ކިބައިގައި އެކަން ކުރުމުގެ ގާބިލުކަން ނެތީމައެވެ. މީހެއްގެ އަގު ވަޒަންކުރުމުގައި ބަލަންޖެހޭ ކަންކަން އެމީހުންނަށް ނޭނގޭތީއެވެ. އެހެންވެ، ދަރިފުޅު ވެސް، ދަރިފުޅުގެ އަގު ވަޒަންކުރަން އެދޭ ނަމަ، ދަރިފުޅު ދާންވާނީ ދަރިފުޅުގެ އަގު ވަޒަންކުރަން އެނގޭ ތަނަކަށެވެ. އެފަދަ ބަޔެއްގެ ކައިރިއަށެވެ. އެފަދަ ތަނަކަށް، އެފަދަ ބަޔެއްގެ ގާތަށް ދެވުމުން، ދާރުލްއާސާރުން ބައްޕަގެ ގަޑީގެ ހަގީގީ އަގު ވަޒަންކުރަން އެނގުނު ފަދައިން، އެ ބަޔަކަށް ބައްޕަގެ ދަރިފުޅުގެ އަގު ވަޒަންކުރަން ވެސް އެނގޭނެއެވެ.
