Support Us

ކުރު ވާހަކަ: "ނިދީގައި ވެސް އޭނާ ގޮވާނީ އޭ ރާބިޔާއެވެ! ތިހެދީ ކިހިނެއް ހެއްޔެވެ؟"

ޝައިޚާ ފާތިމަތަކީ ދީނީ އިރުޝާދެއްވާ ވާއިޒާއެކެވެ. ކޮންމެ މަަޣުރިބު ނަމާދެއް ފަހުގައި މިސްކިތުގައި އަންހެނުންނަށް ޚާއްސަ ކުރެވިފައި އޮންނަ ޖާގައިގައި އަންހެންނަށް ދީނީ ނަސޭހަތްދީ އިރުޝާދު ދެއެވެ.

ދުވަހަކީ ހުކުރު ދުވަހެވެ. ބަންދު ދުވަހަކަށް ވުމުން، މަޣުރިބު ނަމާދަށް ވަރަށް ގިނަ އަންހެނުން ހާޒިރުވިއެވެ. ނަމާދު ނިމުމުން ޝައިޚާ ފާތިމަތުގެ ދަރުސު ފެށުނެވެ. ދުވަހުގެ މައުޟޫއަކަށް އޮތީ ގިނަ އަނބީންނާ އިނުމުގެ ވާހަކައެވެ.

ޝައިޚާގެ ވާހަކައިގައި ފިރިހެނުން ގިނަ އަނބިން ގެންގުޅުމުގެ މޮޅު އިތުުރުކަމާއި މާތްކަމުގެ މައްޗަށް އަލިއަޅުވާލިއެވެ. އަދި އެއީ ކީރިތި ގުރުއާނުގައި ހުއްދަކުރެވިފައިވާ ކަމެއްކަމާއި، ސުންނަތުން ވެސް ސާބިތުވާ ކަމެއްކަން މީހުންނަށް ކިޔައިދިނެވެ. އަދި، ކޮންމެ މީހަކުވެސް، އެމީހެއްގެ ފިިރިމީހާ ދެއަނތްބަށާއި ތިން އަނތްބަށާއި ހަތަރު އަނތްބަށް ވެސް އިނުން ރުހި ގަބޫލުވެ، އެކަމުގެ މަގުވެސް ފަހިކޮށްދެވެން އޮތް ނަމަ، އެކަން ވެސް ކުރަންވާނޭ ކަމަށް ޝެއިޚާ ފާތިމަތު ބުނެ ނަސޭހަތްތެރި ވިއެވެ.

ޝައިޚާ ފާތިމާގެ ވާހަކަކޮޅު ނިމުމުން އަޑު އަހަން އިން އަންހެނަކު ޝައިޚާ ފާތިމަތުގެ ކައިރިއަށް ޖެހިލާފައި ބުންޏެވެ. "އަހަރެންގެ ނަމަކީ ރާބިޔާއެވެ. އަހުރެން މިހުރީ މިވާހަކަ ބުނާނޭ ގޮތެއް ނޭނގިފައެވެ. ނަމަވެސް ޝައިޚާގެ ވާހަކަކޮޅު އަޑުއަހާފައި، މިއަދު އެ ވާހަކަ ބުނުމުގެ ހިތްވަރު ލިބިއްޖެއެވެ. ބުނަން ހެއްޔެވެ؟ އަހަރެން މިއުޅެނީ އިނބަގެ ފިރިމީހާއާ އިނދެގެންނެވެ. އަހަރުމެންގެ ކައިވެންޏަށް މިހާރު ހަތަރު އަހަރު ވެއްޖެއެވެ.

އެ ވާހަކަ އަޑުއަހާފައި ޝެއިޚާ ފާތިމާ އަނބުރައިގަނެގެން ވެއްޓުނެވެ. އަދި ޝައިޚާ ފާތިމާ ހޮސްޕިޓަލަށް ގެންދެވުނެވެ. ރާބިޔާ ވެސް އޭނައާ އެކު ހޮސްޕިޓަލަށް ދިޔައެވެ.

ޝައިޚާ ފާތިމާ ހޭއެރުމުން، އޭނާ ގާތު، ރާބިޔާ ބުންޏެވެ. އަހަރެން އުޅެނީ އިނބަގެ ފިރި މީހާއާ އިނދެގެންނެއް ނޫނެވެ. އޭނާ އަހަރެން ނުވެސް ދަންނަމެވެ. އަދި، ދުވަހަކުވެސް ނުވެސް ދެކެމެވެ. އަހަރެން އިނބަ ގާތުގައި ބުނަން ބޭނުންވާ ވާހަކައެއް އެބައޮތެވެ. އަޅުކަމާއި ރިވެތި އަޚުލާގެ މައްޗަށް އިނބަގެ ދަރުސްތައް ބިނާކޮށް، އެކަންކަމާ ބެހޭ ގޮތުން މީސްތަކުންނަށް ނަސޭހަތްތެރިވެ، ވާހަކަދައްކާށެވެ. މީގެ އިތުރުން ބުނަން އޮތީ، އެކަންކަމުގެ ހަގީގަތް ރަނގަޅަށް ނޭނގޭ ކަންކަމާ މެދެ ފަލްސަފާވެރިވެ ވާހަކަދައްކަން ނުހަދާށެވެ.

ކޮންމެއަކަސް، ދެން ޚަބަރު ލިބުނީ ޝައިޚާ ފާތިމާ މިސްކިތުގައި ދަރުސްދިނުން ހުއްޓާލި ވާހަކައެވެ. ނަމަވެސް، އޭނާއަށް ލިބުނު ކުއްލި ސިހުމުގެ އަސަރު ނުފިލާ ހުއްޓެވެ. ރޭގަނޑު ނިދާފައި އޮވެގެން ވެސް އޭނާ ގޮވަނީ މިހެންނެވެ: "އޭ ރާބިޔާއެވެ! އަޅެ އުޚުތާ ތިހެދީ ކިހިނެއް ހެއްޔެވެ؟"