Support Us

ގަހެއްގައި ތިބި ހަތަރު ދޫނި ބުނެދޭ ވާހަކަ: ބުނާ ބުނުމާއި ކުރާ ކުރުމަކީ ދެ ކަމެކެވެ.

އެއް ދުވަހަކު މުދައްރިސަކު އޭނާގެ ކިލާހުގެ ދަރިވަރުންނާ ސުވާލެއް ކުރެއްވިއެވެ. "ގަހެއްގެ އޮފިގަނޑުގައި ހަތަރު ދޫނި ތިއްބެވެ. އޭގެ ތެރެއިން ތިން ދޫނި އުދުހި ދާން ނިންމިއެވެ. އެހެން ކަމަށްވާ ނަމަ، ގޮފިގަނޑުގައި ބާކީ ތިބޭނީ ކިތައް ދޫނި ހެއްޔެވެ؟"

ޖަވާބުގައި ހުރިހާ ކުދިންހެން އެއް އަޑުން ބުންޏެވެ. "އެންމެ ދޫންޏެކެވެ!"

އިރުކޮޅަކުން، އެއް ކުއްޖަކު އަތް އުފުލާލާފައި ބުންޏެވެ. "ހަތަރު ދޫންޏެވެ!"

ފަހުން ޖަވާބު ދިން ކުއްޖާއާ މުދައްރިސު ސުއާލުކުރެއްވިއެވެ. "އެހެން ވަނީ ކީއްވެ ހެއްޔެވެ؟"

އެ ކުއްޖާ ބުންޏެވެ. "މުދައްރިސު ބުނުއްވީ ތިން ދޫނި އުދުހި ދާން ނިންމި ވާހަކަ ނޫންތޯއެވެ؟ އެ ތިން ދޫނި އުދުހި ދިޔަ ވާހަކައެއް ނޫނެއް ނޫންތޯއެވެ؟"

އާދެ، ކަމެއް ކުރަން ނިންމުމާއި ކަމެއް ކުރުމަކީ ދެކަމެކެވެ. ޝައްކެއް ނެތެވެ. ކަމެއް ކުރަން ފެށެނީ ކަމެއް ކުރަން ކަނޑައަޅައި ނިންމައިގެންނެވެ. އަދި، އެ ނިންމުމުގައި އެކަން ކުރުމުގެ ނިޔަތާއި ގަސްދު އޮވެގެންނެވެ.

ކަންކުރުމަށް ނިންމުމާއި ކަންކުރުމާ މިފަދަ ގުޅުމެއް އޮތް ކަމުގައި ވިޔަސް، ހަގީގަތުގައި، ވަރަށް ގިނަ ފަހަރަށް، ކަންތައް އޮންނަނީ މިނަންގަތް ފަދައަކުން ނޫނެވެ. ކަންކަން ކުރަން ކަނޑައެޅެނީ ކަންކަން ކުރުމުގެ ނިޔަތާއި ގަސްދެއް އޮވެގެން ނޫނެވެ. އެހެން ނަމަވެސް، ކަމެއް ކުރަން މީހަކު ކަނޑައަޅައިފި ނަމަ، ވަރަށް ގިނަ ފަހަރު، ކިލާހުގެ މައުސޫމު ކުދިން ކޮޅަށް ގަބޫލުކުރެވި ދިޔަ ފަދައިން، ކަންކުރުމާއި އެއްފަދަ ކުރެވެއެވެ. ކަންކުރަން ކަނޑައެޅުމަކީ ކަންކުރުން ކަމުގައި ނިންމެއެވެ. މީހަކު، ގަސްދުގައި، ދޮގު ހަދައި އޮޅުވާލަން އުޅެފާނެ ކަމަށް ހީނުކުރެވޭތީއެވެ.

ކިލާހުގެ ގިނަ ކުދިން ފަދައިން، އާންމު މީސްތަކުން ވެސް، ކަންކުރަން ކަނޑައެޅުމާއި ކަންކުރުމާ އެއީ އެކައްޗެއް ކަމުގައި ދެކެއެވެ. މިކަން އެންމެ ރަނގަޅަށް ދަންނަ ބަޔަކީ ސިޔާސީ ވެރިންނެވެ. އަދި ވަރަށް ފުރިހަމައަށް، ބައެއް ސިޔާސީވެރިން، މިކަމުގެ ނާޖާއިޒު ފައިދާ ނަގައެވެ. ވޯޓު ނެގުމުގެ ދުވަސްވަރުގައެވެ. މިވެނި އެވެނި ކަމެއް ކުރަން ނިންމިފައިވާ ވާހަކަ ބުނެއެވެ. ނުވަތަ ކުރާނޭ ވާހަކަ ބުނެއެވެ. ދެން، އަޑު އަހާ މީހުން ކަންކުރަން ނިންމުމާއި ކަންކުރުން ބުނުން، ކަން ކުރުމާ އެއްގޮތްކޮށް އެ ފަދަ ސިޔާސީ މީހުންގެ ބަހަށް ހެއްލިދެއެވެ.

އަނެއް ބައި ފަހަރު، ކަންކުރަން ކަނޑައެޅުމާއި ކަންކުރުން އެއީ އެކައްޗެއް ކަމުގައި ދެކޭ ދެކުން ނުވަތަ އާންމު ރައުޔު (ޕަބްލިކް އޮޕީނިއަން) ބަދަލުކޮށްލަން ވެސް ބައެއް ސިޔާސީ ވެރިން ބޭނުން ކުރެވެއެވެ. ދާދި ފަހުން މިކަހަލަ މަންޒަރެއް ފެނިގެން ދިޔައެވެ. "މޫދު ލޮނުގަނޑުގައި ދެމިދެމި އޮންނަ ރަށެއް އުފަންކޮށް ގާއިމުކުރަން ނިންމި ވާހަކައެކެވެ." އާދެ، 'ފްލޯޓިން ސިޓީއެއް' އުފައްދާ ވާހަކައެކެވެ.

މި ވާހަކަ ދެކެވެން ފެށީ އުތުރުތިލަފަޅުގެ އެއްބަސްވުމުގެ ވާހަކަ ފެންމަތިވެ، އާންމުންގެ ގިނަ ބައެއް މިކަމާ ނުރުހި މި އެއްބަސްވުން އެއްބަސްވި ބައެއްގެ ތާއީދު ގެއްލެމުން ދިޔަ ވަގުތެއްގައެވެ. ފަހަރެއްގައި ވެސް، މިއީ މުސްތަހީލު ކަމެކޭ ނުބުނެވޭނެއެވެ. ނަމަވެސް، ކަންކަން ކުރުމުގެ މަގު އޮވެއެވެ. އެކަން އެއީ ހަގީގަތުގައި ވެސް ކުރަން އޮތް ކަމެއް ނަމަ، އެ މަގު ސާފުކޮށް ބަޔާންކޮށްދޭން ޖެހެއެވެ. މިސާލަކަށް، އެންމެ ފުރަތަމައިން، އެކަމަށް ބޭނުންވާ ޚަރަދެވެ. މޫދުގައި ދެމޭ ރަށް ގާއިމުކުރުމުގެ މަޝްރޫއުއަށް އެއް ބިލިޔަން ޑޮލަރު ދާނޭ ކަމަށް މިކަމާ ބެހޭ ޚަބަރުތައް ބުނެއެވެ. ނަމަވެސް، މި އެއް ބިލިޔަން ޑޮލަރު އަންނަ ދިމާލެއް ސާފެއް ނުވެއެވެ. ސާފުވަނީ، މިއީ ދިވެހި ދައުލަތުން، ލޯނެއް، ގެރެންޓީއެއް، ނުވަތަ އަމިއްލައަށް ކުރަންޖެހޭ ޚަރަދެއް ނޫންކަމެވެ. މިހެން ބުނުމުން، ދޭހަވަނީ ކޮންމެ ވެސް ތަނަކުން ކަނޑަށް އެއް ބިލިޔަން ޑޮލަރު އަޅާލައި އެ ބުނާ ސިޓީއެއް ތައްޔާރުކުރާނޭ ކަމެވެ! އެއްބިލިޔަން ޑޮލަރު ބަޔަކު ކަނޑަށް ހަމަ އަޅާލަފާނެ ބާވައެވެ؟ އެކަމުން އެމީހުންނަށް އޮންނާނީ ކޮން ފައިދާއެއް ބާވައެވެ؟ އެއްބިލިޔަން ޑޮލަރު ކަނޑަށް އަޅާލުމުގެ ބަދަލުގައި، އެ އެއް ބިލިޔަން ޑޮަލަރު ބޭނުންކޮށްގެން، މިހާރު ބިން އޮތް ތަންތަނުގައި އިމާރާތްތައް ނުކުރެވެންވީ ކީއްވެ ބާވައޭ ވެސް ހިތަށް އަރައެވެ. ހަމަ ގައިމުވެސް، އެ ބުނާ ކަނޑުގައި ދެމޭ ރަށެއް ހަދައިގެން ހޯދޭ ގޯތި ގެދޮރަށް ވުރެ، ގިނަ ގޯތި ގެދޮރު މިފަދައިން ކަންތައް ކޮށްފި ނަމަ ލިބޭނޭ ކަމަށް ފެނެއެވެ.

މިގެ އިތުރުން، ހުޅުމާލޭ ބުރިޖު އެއީ އެކަމަށް ފައިސާ ނުލިބޭނެތިއްޔާއި އަދި، އެކަމުގެ ޓެކުނޮލޮޖީ ނެތޭ ބުނި ބައެއް ދޫތަކުން، ކަނޑުގެ ލޮނުގަނޑުގައި ދެމޭ ރަށެއް ހެދިދާނެ ފައިސާއާއި ޓެކުނޮލޮގީ ލިބިފައި އޮތް ވާހަކަ ވެސް ބުނާ އަޑު އިވެއެވެ. އާދެ، ގޮވާން ގުދަނުގައި ހުރި ގޮވާން މީދާ ކައިފާނެކަން ގަބޫލު ނުކުރެވި، ދަގަނޑު ގުދަނުގައި ހުރި ދަގަނޑުތައް މީދާ ކައިފާނޭކަން ގަބޫލުކުރެވުނީއެވެ!

ކޮންމެއަކަސް ކަނޑުގެ ލޮނުގަނޑުގައި ދެމޭ ރަށެއް ފަދަ ބޮޑު މަޝްރޫއެއް ފެށޭ ވާހަކަ ދައްކާއިރު، އެކަން ގަބޫލުކުރެވިދިޔުމަށްޓަކައި ބޭނުންވާ މައުލޫމާތެއް ނުލިބެއެވެ. މި ފަދަ ބޮޑު މަޝްރޫއެއްގެ ވާހަކަ ލިޔާއިރު، އެކަން އަމަލީ ގޮތުން ހިންގާލާނޭ އިތުރު ތަފްސީލު ލިބުނު ނަމަ، އެ ވާހަކައަކީ ކުރަން ނިންމުމުގެ ނިޔަތުގައި، އެ ގަސްދު އޮވެގެން، ކަނޑައެޅި ކަނޑައެޅުމެއް ކަމުގައި ގަބޫލުކުރަން ފަސޭހަވީހެވެ. ނަމަވެސް، އެހެން ނުވުމުން، އެކަން ބެލެވޭނީ، ކޮންމެވެސް އެހެން ނިޔަތެއްގައި، ވޯޓެއް ހޯދުން، ނޫނީ، އާންމު ރައުޔު ބަދަލުކޮށް، އާންމުންގެ ތާއީދު ހޯދުމުގެ ގަސްދުގައި ބުނާ ބުނުމަކަށެވެ. ސިޔާސީ ވެރިން މަތި އޮމާންކޮށް، ނާދަނު (ނައީވް) ރައްޔިތެއް މަގުފުރެއްދުމުގެ ގޮތުން ދައްކާ ވާހަކައެއް ކަމުގައެވެ. މޫދުގެ ލޮނުގަނޑުމަތީ ދެމޭ ރަށެއްގެ ވާހަކަ އަލުން ނެގުނީ އުތުރު ތިލަފަޅުގެ ވާހަކަ ފެންމަތިވެ، އާންމު ރައުޔު އެކަން ކުރި ބަޔަކާ ދެކޮޅުވެފައި އޮތް ވަގުތެއްގައި ކަމަށް ވެސް ވާތީއެވެ. އެބުނާ ގޮތަށް އެއީ ބަޔަކު ހިލޭސާބަހަށް ކަނޑަށް އަޅާލާ އެއް ބިލިޔަން ޑޮލަރުން ތައްޔާރުކުރެވޭ ރަށަކަށްވެ، އެކަން ހަގީގަތަކަށްވެއްޖެ ނަމަ، ކިތަންމެހާ ވެސް ރަނގަޅެވެ.

 

ނަމަވެސް، ފެންނަ ފެނުމަށް ބަލާއިރު، މި މަޝްރޫއުގެ ވާހަކަތަކުގެ ހަގީގަތް ބޮޑަށް ވައްތަރީ ގަހުގައި ތިބި ދޫނިތަކާ ބެހޭ ގޮތުން ކިލާހުގެ އެކަހެރި އަޑުގެ ކުއްޖާ ބުނި ބުނުމާއެވެ! ހަގީގަތަކީ ގަހުގައި ހަތަރު ދޫނި ހަމަ އެ ތިބި ފަދައިން، މޫދު ލޮނުގަނޑުގެ މަތީގައި ދެމޭ ރަށެެއް ނުފެނި، އެ ލޮނުގަނޑު އިހުގައި ވެސް އަދި މިހާރުވެސް، އޮތް ފަދައިން، އޭގެ ސިފައަށް ބަދަލު ނައިސް، ލޮނުގަނޑެއްގެ ގޮތުގައި އޮތުމެވެ! އާދެ، ކަންކުރަން ކަނޑައެޅުމާއި ކަންކުރުމާ އެއީ ދެ ކަމަކަށް ވާތީއެވެ.