ސްޓެލްކޯއިން އދ. މަހިބަދޫގައި ޒަމާނީ އިންޖީނުގެއެއްގެ ބިންގާ މިއަދު އަޅައިފިއެވެ.

މިއަދު ބޭއްވި ރަސްމީޔާތެއްގައި އާ އިންޖީނުގޭގެ ބިންގާ އަޅުއްވައިދެއްވީ ސްޓެލްކޯގެ މެނޭޖިން ޑައިރެކްޓަރ ހަސަން މުޣުނީ އާއި ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ޝިފާޒާއި އެންސްޕާގެ ޑެޕިއުޓީ އެމް.ޑީ ރުގިއްޔާ މުހައްމަދެވެ.
ޖުމްލަ 2100 ކިލޯވޮޓްގެ ކެޕޭސީޓީއާއެކު މިވަގުތު ސްޓެލްކޯއިން ހިދުމަތް ދެމުން އަންނަ މަހިބަދޫއަކީ ތަރައްގީގެ ދުވެލި ބާރު ރަށެއް ކަމުގައި ސްޓެލްކޯ އިން ބުނެއެވެ. އެ ބާރު ދުވެލީގައި މަހިބަދޫ ތަރައްގީވަމުން އަންނައިރު، ޒަމާނީ އައު އިންޖީނުގެއެއް ކޮންމެހެންވެސް މަހިބަދޫއަށް މުހިއްމުވާކަން ވެސް ސްޓެލްކޯ އިން ފާހަގަކުރެއެވެ.
"މަހިބަދޫގެ އާ އިންޖީނުގެ އިމާރާތް ކުރެވޭނީ މިހާރުވެސް އިންޖީނުގެ ހުރި ބިމުގައި، ބައު އިންޖީނުގެ ތަޅާލުމަށްފަހު. އަދި މިހާރު ހުރި އިންޖީނުގެ ވަގުތީ ތަނަކަށް ބަދަލު ކުރުމަށްފަހު. މަހިބަދޫގައި އަލަށް އަޅާ އިންޖީނުގެ އަކީ މުސްތަގުބަލުގައި ރަށަށް އަންނާނެ ކުރިއެރުމާއި ތަރައްގީއަށް އަދި ދުރު މުސްތަގުބަލަށް ވިސްނާ، ފަސް މެގަވޮޓްގެ ވެންޓިލޭޝަން ރަނގަޅު އަދި އުސްކޮށް އިމާރާތް ކުރެވޭ ޒަމާނީ ފެންވަރުގެ ތަނަކަށްވެގެންދާނެ،" ސްޓެލްކޯ އިން ބުނެއެވެ. "މީގެ އިތުރުން މި އައު އިންޖީނުގެ ވެގެންދާނީ، ޒަމާނުއްސުރެ އިންޖީނުގެތަކާ މެދު ދެކެމުން އައި ގޮތް ބަދަލުކޮށްލައި، ރަށުގެ ރީތި ނަލަ ލޭންޑް މާކަކަށް. އަދި އަޑުމަޑު، ތިމާވެއްޓާ ރައްޓެހި ތަނަކަށް. އެގޮތުން އިންޖީނުގެއަށް ބޭނުންވާ ކަރަންޓު އުފައްދައިދޭނީ އިންޖީނުގޭގައި ހަރުކުރާ ސޯލާ ޕެނަލްތަކުން. މީގެ އިތުރުން އޮންލައިން މޮނިޓަރިންގ އާއި، ޓެކްނިކަލް ސަޕޯޓްގެ އިތުރުން، އައު އިންޖީނުގެ ވެގެންދާނީ މުވައްޒަފުންނަށް ރައްކާތެރި މަސައްކަތުގެ މާހައުލަކަށް."



advertisment

