ޓެސްޓް ކުރެވިފައިވާ ސިޔާސީ ލީޑަރުންނާ މެދު އަލުން ކުރާނެ އުއްމީދެއް ނެތް ކަމަށާއި އެމީހުން ދެން އިތުރަށް ގެނެސްދޭނެ އާ ވަޢުދެއް، ކިޔައިދޭނެ އާ ވާހަކައެއް ނެތް ކަމުގައި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

އިލްމީ، ފަންނީ އަދި ސިޔާސީ މަސައްކަތްތައް ހިމެނިގެންދާ "ދިވެހި ގައުމީ ހަރަކާތް" ނުވަތަ ދިވެހި ނެޝަނަލް އެކްޝަން (ޑީ.އެން.އޭ) އުފެއްދުމަށް މަސައްކަތް ފެށިކަން އިއުލާންކުރުމަށް މިރޭ ބޭއްވި ރަސްމީ ފުރަތަމަ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އުމަރު ވިދާޅުވީ، މިއަދު ދިވެހިން އިންތިޒާރު ކުރަނީ ތަޢުލީމާއި ތަޖުރިބާ ހުރި، ތެދުވެރި، އިޚުލާސްތެރި، ހަރުދަނާ ޓީމެއް ފެންނާނެ ދުވަހަކަށް ކަމަށެވެ. އަދި މި ދައުލަތް އަލުން ތަރުތީބުކޮށްދޭނެ އާ ބަޔަކަށް، އާ ހަރަކާތަކަށް ކަމަށާއި ދިވެހި ވަތަން ދިވެހިންނަށް އަނބުރާ ހޯދައިދޭނެ ގައުމީ ހަރަކާތަކަށް ކަމަށެވެ.
"ދިވެހި ވަތަން މިއަދު އެދި ގޮވަނީ ރާއްޖެ މި ދަތުރުކުރާ މިސްރާބު ބަދަލުކުރުމަށް. ޓެސްޓް ކުރެވިފައިވާ ސިޔާސީ ލީޑަރުންނާ މެދު އަލުން ކުރާނެ އުއްމީދެއް ނެތް. އެމީހުން ދެން އިތުރަށް ގެނެސްދޭނެ އާ ވަޢުދެއް ނެތް. އެމީހުން ކިޔައިދޭނެ އާ ވާހަކައެއް ނެތް. މިއަދު ދިވެހިން އިންތިޒާރުކުރަނީ ތަޢުލީމާއި ތަޖުރިބާ ހުރި، ތެދުވެރި، އިޚުލާސްތެރި، ހަރުދަނާ ޓީމެއް ފެންނާނެ ދުވަހަކަށް،" އުމަރު ވިދާޅުވިއެވެ. "އެކިއެކި ވެރިން ދިވެހިރާއްޖޭގެ ވެރިކަމަށް އައިސް ގޮސްފި. އެކި ކުލައިގެ ޕާޓީތައް ވެރިކަންކޮށްފި. ނަމަވެސް މި ރާއްޖޭގައި ހުރި ބޮޑެތި މައްސަލަތައް ހައްލުނުވެ ހަމަ އެގޮތަށް އެބަހުރި."
އުމަރު ވިދާޅުވީ މި ސަބަބުތަކަށްޓަކައި، ސިޔާސީ ގޮތުންނާއި ތަޢުލީމީ ގޮތުންނާއި ހަރުދަނާކަމުގެ ގޮތުން ގާބިލް އެތައް ބަޔަކު ޖަމާވެ "ޑްރީމް ޓީމެއް" އެކުލަވާލައި، މިރާއްޖެ މުޅިން އާ މިސްރާބަކަށް ގެންދިއުމަށްޓަކައި "ދިވެހި ޤައުމީ ހަރަކާތު"ގެ ނަމުގައި، މުޅިން އާ ޤައުމީ ހަރަކާތެއް އުފެއްދުމުގެ މަސައްކަތް އެތައް ބަޔަކު ގުޅިގެން ފަށައިފައިވާ ކަމަށާއި "މިއީ ދިވެހި ވަތަން އަނބުރާ ދިވެހިންނަށް ހޯދައިދިނުމަށް ފަށާ ހަރަކާތެއް" ކަމަށެވެ.
"މިއީ ކޮރަޕްޓް ޕޮލިޓީޝަނުންގެ އަތުން މި ވަތަން އަނބުރާ އަތުލައި، މި ޤައުމުގައި ހުރި ބޮޑެތި މައްސަލަތައް ހައްލުކޮށް، މި ރާއްޖެ އަމިއްލަ ފައިމައްޗަށް ނެގުމަށް ފަށާ ޤައުމީ މަސައްކަތެއް،" އުމަރު ވިދާޅުވިއެވެ.
އުމަރު އަދި ވިދާޅުވީ މި ޤައުމު އަމިއްލަ ފައިމައްޗަށް އަލުން ނެގެން އޮތީ ސިޔާސީ ރޭހަކުން ކުރި ހޯދައިގެން ކަމަށެވެ. އެ ރޭހުގައި ކުރި ހޯދުމަށް މަސައްކަތް ނުކޮށް، ޤައުމުގައި ހުރި ގޯސް ކަންކަމުގެ ވާހަކަ ގޯޅިގޯޅި ކަންމަތީގަޔާއި، ޓްވިޓަރ ގަޔާއި ފޭސްބުކްގައި ދައްކައިގެން ނެރެވޭނެ ނަތީޖާއެއް ނޯންނާނެ ކަމަށާއި "މި ޤައުމު ބަދަލު ކުރެވޭނީ އަމަލީ ގޮތުން މި މަސައްކަތުގައި ބައިވެރިވެގެން" ކަމުގައި އޭނާ ވިދާޅުވިއެވެ.

"އިސްލާމްދީނާއި މި ވަތަން ދެކެ ލޯބިވާ، އިޚުލާސްތެރި އެންމެން އަޅުގަނޑުމެން މި ފަށާ މަސައްކަތުގައި ބައިވެރިވެ ވަޑައިގެން ދެއްވުމަށް ދަޢުވަތު އަރުވަން،" އުމަރު ވިދާޅުވިއެވެ.
ޑީ.އެން.އޭ އަކީ އަންނަ ރިޔާސީ އިންތިޚާބަށް އުފެއްދި ހަރަކާތެއް ނޫން ކަމަށާއި އަދި މިއީ އޭނާގެ ކެންޕޭން ހަރަކާތެއް ނޫން ކަމުގައި ވެސް އުމަރު ވިދާޅުވިއެވެ.
"ޑީ.އެން.އޭ އަކީ އަންނަ ރިޔާސީ އިންތިޚާބަށް އުފެއްދި ހަރަކާތެއް ނޫން. އަދި މިއީ އަޅުގަނޑުގެ ކެންޕޭން ހަރަކާތެއްވެސް ނޫން. ޑީ.އެން.އޭ އަކީ ރާއްޖެ ޓްރާންސްފޯމް ކުރުމަށް އުފައްދާ ހަރަކާތެއް. ނަމަވެސް އަންނަ ރިޔާސީ އިންތިޚާބު ވާނީ މި ޤައުމު ޓްރާންސްފޯމް ކުރުމަށް ލިބޭ ފުރުސަތުތަކުގެ ތެރެއިން އެއް ފުރުސަތަށް. އެ ފުރުސަތުގެ ބޭނުން ހިފާނީ ކިހިނެތްތޯ ނިންމާނީ އެ އިންތިޚާބު ކައިރިވުމުން،" އުމަރު ވިދާޅުވިއެވެ. "ޑީ.އެން.އޭ މި އުފައްދަނީ ދިވެހިންގެ މުރާލިކަމާއި ދިވެހިންގެ ހީވާގިކަމާއި ދިވެހިންގެ މަސައްކަތްތެރިކަން އަނބުރާ ގެނައުމަށް. ޑީ.އެން.އޭ މި އުފައްދަނީ އިސްލާމް ދީނުގެ ރިވެތި އަޚުލާގާއި މަތީ ތަޢުލީމާއި، ހުނަރުން ފައްކާވެފައިވާ ޖީލެއް އުފައްދައި، އެ ޖީލުގެ ކޮނޑުގައި މި ޤައުމު، ތަރައްޤީވެފައިވާ ޤައުމަކަށް ހެދުމުގެ މަތިވެރި މަޤްސަދުގައި. ޑީ.އެން.އޭ މި އުފައްދަނީ އިސްލާމީ ދައުލަތެއް، މިނިވަން ދައުލަތެއް، އަމިއްލަވަންތަ ދައުލަތެއް ކަށަވަރުކުރަން."
އުމަރު އަދި ވިދާޅުވީ ދިވެހިންނަކީ އަބަދު ނާށިގަނޑު ހިފައިގެން ބޭރު ޤައުމުތައް ކައިރިއަށް ސަލާންޖަހަން ދުވާ ބަޔަކަށް ނުވުމަށް ޑީ.އެން.އޭ އިން ވަކާލާތުކުރާނެ ކަމަށެވެ.
"ކުރިއަށް އޮތް ދުވަސްތަކުގައި ޤައުމީ، ސިޔާސީ، އިޖްތިމާޢީ، އިޤްތިސާދީ ހުރިހާ ޕްލެޓްފޯމްތަކެއްގައި މި ރާއްޖެ ބަދަލުކުރުމަށް، ޓްރާންސްފޯމް ކުރުމަށް އަޅުގަނޑުމެން ވަކާލާތު ކުރާނަން."
އުމަރު ވިދާޅުވީ މަސައްކަތް ކުރާ އުމުރުގެ ދިވެހިން މަގުތަކުގައި ބިތްޖެހި، ސަލާންޖަހައި، ކުނިގޮނޑު ހޮވަން އުޅޭއިރު، ބިދޭސީން ދަނީ ދިވެހިން އަދާކުރަންވީ ވަޒީފާތައް ފުރަމުން ކަމަށެވެ. މިގޮތުން ދިވެހިން ކުރަންވީ ވިޔަފާރިތައް ބިދޭސީން ނަގައިގެން ގޯޅިގޯޅި ކަންމަތީގައި ފިހާރަ ހަދައިގެން މުދާ ވިއްކަމުން އެބަދާ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.
"ބިދޭސީ ސިފައިން ރާއްޖޭގެ ހަތަރު ސަރަހައްދަކަށް އެ މީހުންގެ އުޅަނދުތަކާއެކު ފައިބައިފި. މާލޭ ސަރަހައްދުގައި ދިރިއުޅޭ މީހުން ކުދިކުދި ކޮޓަރިތަކުގައި ފިތިބާރުވެގެން ތިބެ ކައްކާ، ކައިބޮއި، ކިޔަވައި، ނިދާ ހަދައިގެން އުޅޭތާ އެތައް އަހަރެއްވެއްޖެ. މަސްތުވާ އެއްޗެއްސާ ގޭންގްތައް މަގުތަކުގައި އާންމުވެއްޖެ. ވޭތުވި 20 އަހަރު ތެރޭ ފަސް ބޭފުޅުން ވެރިކަން ކުރައްވައިފި. ހުރިހާ ވެރިކަމެއްގައިވެސް މި މައްސަލަތައް ހައްލު ނުކުރެވި ހުރެ ފުޅާވަމުންދިޔަ. މި ދެންނެވި މައްސަލަތައް ހައްލުނުކޮށް، މި ރާއްޖެ އިތުރު 20 އަހަރު ކަޑައްތުކޮށްފި ނަމަ، މި ޤައުމުގެ މިނިވަން ކަމާއި އަމިއްލަވަންތަކަން ގެއްލި ދިވެހިން މި ޤައުމުގައި ބާކީވާނެ. މި މައްސަލަތައް ހަމަޖެއްސުމަށް ދިވެހިން ތެދުވަންޖެހޭ. އެހެން ނޫނީ މި ޤައުމު ދިވެހިންނަށް ގެއްލިގެންދާނެ."
މީގެ 16 އަހަރު ކުރިން މަލްޓިޕާޓީ ނިޒާމް ތަޢާރަފް ކުރެވުމުން އަޅުގަނޑުމެން ހީކުރީ ދެން އުފެދިގެން އަންނާނީ ހަރުދަނާ، ސާފުސީދާ ވެރިކަންތަކެއް ކަމަށް އުމަރު ވިދާޅުވިއެވެ. އަދި ހީކުރެވުނީ ދިވެހިންނަށް ހުރި ދަތިތައް ސިޔާސީ ޕާޓީތަކުން ފިލުވައިދޭނެ ކަމަށާއި އަޅުގަނޑުމެން ހީކުރީ މަލްޓި ޕާޓީ ނިޒާމެއްގައި، ކޮރަޕްޝަން މަދުވާނީ ކަމަށެވެ.
"ނަމަވެސް ތިޖޫރީގެ ދޮރުފަތް ގެއްލި، ވެރިންގެ އަބުރު ގެއްލި ދައުލަތުގެ ކަރާމާތް ގެއްލުން ނޫން ކަމެއް ނުފެނުނު،" އުމަރު ވިދާޅުވިއެވެ.
"އަޅުގަނޑުމެން ހީކުރީ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ސަބަބުން ދޮގުތައް ބޭޒާރުވެ، ތެދަށް ނަސްރު ލިބިގެންދާނެ ކަމަށް. ނަމަވެސް ދޮގު ހެދުމުގެ ހުނަރު ކުރިއަރައި، ދޮގުހެދުމާއި ދީނަށް ފުރައްސާރަކުރުމާއި، ޓީވީތަކާއި މަޖްލިސްގައި ކުރާ ހަޑިހުތުރު ޒުވާބުތައް ގޭގޭގެ ސިޓިންގް ރޫމްތަކާ ހަމައަށްދިޔަ. އަޅުގަނޑުމެން ހީކުރީ ޤާނޫނީ ހުކޫމަތު އެންމެންގެ މައްޗަށް ހަމަހަމަކަމާއި އިންސާފާއެކު ހިނގާނީ ކަމަށް. ނަމަވެސް ފެނިގެން ދިޔައީ މުވައްޒަފުން ރޭޕްކުރަން މަސައްކަތްކުރި ވަޒީރުން ރާއްޖެއިން ފުރުވާލައި، ސަފާރީތަކުގައި ރޭޕްގެ ހުތުރު އަމަލު ހިންގި މީހުން ރައްކާތެރިކޮށްދިން މަންޒަރު."
މަލްޓިޕާޓީ ނިޒާމަށް 16 އަހަރު ވީއިރު ދައުލަތުން ގެއްލުނު ޖުމްލަ ފައިސާ އާއި، ގެއްލިގެން ދިޔަ ދައުލަތުގެ ހަރު މުދަލާއި، ދައުލަތް ދޫކޮށް ނިކުމެގެން ދިޔަ ތަޢުލީމާއި ތަޖުރިބާ ހުރި މީހުންގެ ސަބަބުން އަޅުގަނޑުމެން އެންމެން މިތިބީ ސިޔާސީ ޕާޓީތަކާ މެދު ނުރުހިފައި ކަމުގައި އުމަރު ވިދާޅުވިއެވެ. އަދި ދިވެހިން ތިބީ ޕާޓީތައް ވެރިކަމަށް އައުމަށްފަހު އަމަލުކުރި އަދި އަމަލު ކުރަމުންގެންދާ ގޮތާމެދު ހިތްހަމަނުޖެހިފައި ކަމަށާއި ޕާޓީތައް ދެކެ ފޫހިވެފައި ކަމުގައިވެސް އުމަރު ވިދާޅުވިއެވެ.
"(އެއީ) ދެ ޕާޓީއާވެސް ވެރިކަން ހަވާލުކުރެވި ދެ ޕާޓީންވެސް ދިވެހިން ބޭނުންވި ކަހަލަ ވެރިކަމެއް ކުރާތަން ނުފެނިގެން."

ސިޔާސީ ހުރިހާ ލީޑަރުންނަކީ ވަޢުދުތަކާއެކު ވެރިކަމަށް އައުމަށްފަހު، ރިޝްވަތު ހިފުމާއި، ވައްކަން ކުރުމާއި، ރޭޕް ކުރާ މީހުން ހިމާޔަތް ކުރުމާއި، މިނޫންވެސް ހުރިހާ ނުބައި ކަމެއް އެކުލެވޭ ކަންކަން ކުރާ ބަޔެއް ކަމަށް މިހާރު ހީވާން ފަށައިފި ކަމުގައި އުމަރު ވިދާޅުވިއެވެ.
"އަމާނާތްތެރިކަމާއި ތެދުވެރިކަމާއި އަޚުލާގާ މިއީ ސިޔާސީ ޕާޓީތަކުގެ ފޮތްބައިގައި ހިމެނޭ ކަންތައް ތަކެއް ނޫންކަން މިހާރު ޔަގީންވެއްޖެ. ސިޔާސީ މަސައްކަތަކީ، ހެޔޮލަފާ މީހުން ކައިރިވާން ފަސްޖެހޭ ކަމަކަށްވެއްޖެ. އެފަދަ މީހުން ޕާޓީތައް ދޫކޮށް ގޮސްފި. ސިޔާސީ މަސައްކަތަކީ ވައްކަން ކުރާ މީހުންނަށް ޚާއްސަ ކުރެވިފައިވާ ކަމަކަށްވެއްޖެ. ކިޔަވައިގެން ތިބި ހެޔޮލަފާ މީހުން ސިޔާސީ މަސައްކަތާ ދުރަށް ޖެހުނީމަ ޤައުމަކަށް ލިބޭނެ ގެއްލުން މިދަނީ ފެންނަމުން. ޕާޓީތަކުގެ ވާދަވެރި އިންތިޚާބުތަކުގެ ތެރެއަށް ބޭރުގެ ބޮޑެތި ބާރުތަކުން ފައިސާ ހިފައިގެން ވަދެ ޤައުމުގެ މިނިވަންކަން ގެއްލޭ ހިސާބަށް އެމީހުންގެ ނުފޫޒު ފަތުރައިފި. އެމީހުންގެ ސިފައިން އިތުރުކޮށްފި. އެމީހުންގެ އުޅަނދުތައް އިތުރުކޮށްފި. އެމީހުން ގާއިމްވެ ތިބޭ ސަރަހައްދުތައް އިތުރުކޮށްފި. ރާއްޖޭގެ އިސްލާމީ ޝަޚުސިއްޔަތު ޚަރާބުކޮށް، ދިވެހީންނަކީ ޓެރަރިސްޓުން ކަމަށް ބޭރު ޤައުމުތަކަށް ދައްކައިފި. ބިދޭސީ މަސައްކަތްތެރިން ގިނަވެ، އެމީހުން ހިންގާ ވިޔަފާރިތައް ގިނަވެ، ދިވެހިން، ދިވެހި ފަސްގަނޑުގައި ބާކީވެއްޖެ."
އުމަރު ވިދާޅުވީ ހަތް ހާހަށް ވުރެ ގިނަ އާއިލާގެ ތެރެއަށް މަސްތުވާ އެއްޗެތި ވަދެއްޖެ ކަމަށާއި އެތައް ދަރިންނެއް އެކަމުގައި ހަލާކުވެއްޖެ ކަމަށެވެ.
މިރޭގެ ބައްދަލުވުމުގައި އުމަރުގެ އިތުރުން، ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫނާއި ޓްރާންސްޕޯޓު މިނިސްޓްރީގެ ކުރީގެ ޑިރެކްޓަރ ޖެނެރަލް މުހައްމަދު ރަފީއު އާއި ކުރީގެ ކޮމިޝަނަރ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒު ވެސް ވާހަކަ ދެއްކެވިއެވެ.



advertisment
2 Responses
މިދުވަހަށް އިންތިޒާރު ކުރާތާ ވަރަށް ދުވަސް ވެއްޖެ. ހީކޮށްގެން މިހުރީ ދެފިކުރުގައި ޖެހި ނިމިދާނީ ކަމަށް. އަދި ކުރިން ތިބެވުނު ގޮތަށް ތިރީސް އަހަރު ތިބެންޖެހިދާނޭކަމަށް. އެކަމަކު އެހުރިހާ ކަމަކަށް ނިމުން އައިސްފިކަން މިހާރު ސާފުވެއްޖެ. އަހަރެން ދެން ރީނދޫ ކުލަވެސް އަދި ފިޔާތޮށި ކުލަވެސަ ބޭނުމެއްނޫން. ދެން މިވާނީ ކޮންކުލައަކަށްބާ؟ އެެހެންވިޔަސް އިސްވެ ބުނެވުނު ކުލަތަށްދެކެ ފޫހިވެއްޖެ. މިހާރު ބޭނުމީ އައު މޫނުތަކެއް. ވަރަށް ސަލާމް
އުމަރުގެ ވާހަކައާ މެދު އުންމީދުތަކެއް ކުރީން. ނަމަވެސް ފެނުނީ ޤައުމީ އެއްވެސް ފިކުރެއް ނެތް އަމިއްލަ އެދުންތަކުން ފުރިގެންވާ ޢަމަލުތަކެއްކަމަށް. އެހެން ނޫންނަމަ، އެމްޑީޕީއާއި ޕީޕީއެމް އެއް ވަޒަނަކުން މިނެއް ނުކުރީސް. އަދި އެމްޑީޕީގެ ފަރާތްުން ފެނިފައިވާ ފަނާޚުރަނިވި ފިކުރާއި ޕީޕީއެމުން ފެނުނު ބިނާޚުރަނިވި ފިކުރުގެ މައްޗަށް ވެސް އަލިއަޅުވައިލީސް. ތިޔައީ ސިޔާސީ ރޭވުމެއް. ހެޔޮ ނިޔަތެއް ނެތް މަކަރުވެރި ރޭވުމެއް. މައުމޫނު އެއް ޕާޓީގައި. ޔުމްނާއާއި ފާރިސް އަނެއް ޕާޓީގައި. ޣައްސާން އަނެއް ޕާޓީގައި. ދުންޔާ އަނެއް ޕާޓީގައި. މިއީ ކޮންމެ ގޮތަކަށް ބުރަ ވިޔަސް އެ ޢާއިލާ ސަލާމަތުން ތިބުމަށް ރާވައިފައިވާ ރޭވުން ގަނޑެއް. އުމަރުގެ އިޚުލާބްތެރިކަމެއް ހުރި ނަމަ، ޤައުމީ ވިސްނުމެއް ހުރި ނަމަ، ރާއްޖޭގެ އިސްތިޤުލާލު ގެއްލުވައިލި ބޮޑެތި ކޮރްޕްޝަންގެ ޢަމަލުތަކެއް މިއަދު ސަރުކާރުން ހިނގާކަން ޔަގީންވާ އިރު، އެކަމާ ދެކޮޅަށް ނުކުންނެވީސް. އެހެންވީމާ އަޅުގަނޑަށް ހަމަ ޔާމީން ނޫނީ ކެތްތެރި ތަޞައްވުރީ ވިސްނުންހުރި ޤައުމީ ރޫޙުހުރި ލީދަރެއް ނެތް. ސޮރީ ޢުމަރު!