Support Us

ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން މިރޭގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަނީ -އަދިވެސް ފޮޓޯ
"ދިވެހި ގައުމީ ހަރަކާތް" އުފެއްދުމުގެ މަސައްކަތް ފެށުން:

ސަރުކާރު ޒިންމާދާރުކުރެވޭ ވަރުގެ އިދިކޮޅު ޕާޓީއެއް ރާއްޖޭގައި ނެތް: ދުންޔާ

"އަދުލު އިންސާފުގެ ނިޒާމަށް އޮންނަ ސިޔާސީ ނުފޫޒު ވަރަށް ބޮޑު"

ސަރުކާރު ޒިންމާދާރުކުރެވޭ ވަރުގެ އިދިކޮޅު ޕާޓީއެއް ރާއްޖޭގައި މިވަގުތު ނެތް ކަމަށާއި މި ޙާލަތުން އަރައިގަތުމަށް،  ރައްޔިތުންނަށް އިޚްލާސްތެރި މަސައްކަތްތަކެއް ކޮށްދޭނެ ސިޔާސީ ހަރަކާތްތަކެއް އެބަ ބޭނުންވާ ކަމުގައި ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ވިދާޅުވެއްޖެއެވެ.

ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން މިރޭގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަނީ -އަދިވެސް ފޮޓޯ

އިލްމީ، ފަންނީ އަދި ސިޔާސީ މަސައްކަތްތައް ހިމެނިގެންދާ "ދިވެހި ގައުމީ ހަރަކާތް" ނުވަތަ ދިވެހި ނެޝަނަލް އެކްޝަން (ޑީ.އެން.އޭ) އުފެއްދުމަށް މަސައްކަތް ފެށިކަން އިއުލާންކުރުމަށް މިރޭ ބޭއްވި ރަސްމީ ފުރަތަމަ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ދުންޔާ ވިދާޅުވީ މާޔޫސްވެފައިވާ ދިވެހި ރައްޔިތުން އާ އުންމީދުތަކެއް ބޭނުންވާ ކަމަށާއި ސާފު، ތަޢުލީމީ ޤާބިލް ޓީމަކަށް އެބައެދޭ ކަމަށެވެ. އަދި އަމިއްލަ މަސްލަހަތު ކުރިއެރުވުމުގެ ބަދަލުގައި ރައްޔިތުންނަށް އިޚްލާސްތެރި މަސައްކަތްތަކެއް ކޮށްދޭނެ ސިޔާސީ ހަރަކާތްތަކެއް އެބަ ބޭނުންވާ ކަމަށެވެ.

"ކިޔަވައިގެން މޮޅު ކުއްޖަކަށް ވެގެން ކުރާނެ ފައިދާއެއް މި ޤައުމުގައި ފެންނާކަށް ނެތް. ތަޢުލީމީ ޒުވާނުންނަށް ވަޒީފާގެ ފުރުޞަތު ނުލިބި، ނާޤާބިލް އެކްޓިވިސްޓުން ފުރިފައިވާ ސަރުކާރުތައް އަންނާތީ އަޅުގަނޑުމެން އެންމެން ހިތާމަކުރަން. ސަރުކާރު ޒިންމާދާރުކުރެވޭ ވަރުގެ އިދިކޮޅު ޕާޓީއެއް ނެތް. ސަރުކާރުތަކަށް ދިވެހިރައްޔިތުންގެ އުންމީދުތައް ޙަޤީގަތަކަށް ނުހަދައިދެވުނު. އުންމީދުގެ ހުޅުކޮޅު ކޮންމެ ދުވަހަކު ދަނީ އިތުރަށް ފަނޑުވަމުން. އަދި ރައްޔިތުންނަށްވާ ވަޢުދުތައް ނުފުއްދޭ ތާނގައި އެކަމުން ސަލާމަތްވާން ކުރީގެ ސަރުކާރުތަކުގެ ބޮލުގައި އަޅުވައި، ކުރީގެ މާޒީއަށް ބަލައި 30 އަހަރޭ އަދިވެސް ގޮވަމުންދޭ. މައްސަލަތައް ހައްލުނުކޮށް އެހެން ބައެއްގެ ބޮލުގައި އެޅުވުން އަޅުގަނޑުމެންގެ ސަގާފަތަކަށްވެއްޖެ. ޒިންމާދާރުކޮށް މައްސަލަތައް ހައްލު ކުރުމަށް މަސައްކަތްތަކެއް ނުކުރެވޭ،" ދުންޔާ ވިދާޅުވިއެވެ. "މި ޙާލަތުން އަރައިގަތުމަށް، މާޔޫސްވެފައިވާ ދިވެހި ރައްޔިތުން އައު އުންމީދުތަކެއް ބޭނުންވޭ. ސާފު، ތަޢުލީމީ ޤާބިލް ޓީމަކަށް އެބައެދޭ. އަމިއްލަ މަސްލަހަތު ކުރިއެރުވުމުގެ ބަދަލުގައި ރައްޔިތުންނަށް އިޚްލާސްތެރި މަސައްކަތްތަކެއް ކޮށްދޭނެ ސިޔާސީ ހަރަކާތްތަކެއް އެބަ ބޭނުންވޭ."

ދުންޔާ ވިދާޅުވީ ރާއްޖޭގައި އަދިވެސް އަދުލުއިންސާފުގެ ހަރުދަނާ ނިޒާމެއް ނެތް ކަމަށާއި އަދުލު އިންސާފުގެ ނިޒާމަށް އޮންނަ ސިޔާސީ ނުފޫޒު ވަރަށް ބޮޑު ކަމަށެވެ.

"ބައިބައިވެފައިވާ މި ދިވެހިރާއްޖޭގައި އަދިވެސް އަދުލުއިންސާފުގެ ހަރުދަނާ ނިޒާމެއް ނެތް. އަދުލު އިންސާފުގެ ނިޒާމަށް އޮންނަ ސިޔާސީ ނުފޫޒު ވަރަށް ބޮޑު. ކޮރަޕްޝަން ނައްތާލަން ވަޢުދުވެ އަންނަ ސަރުކާރުތަކުގައި ކޮރަޕްޝަން ކުރިއަށްވުރެ އިތުރު."

އެކި ސިފަސިފައިގައި އިންޑިއާއިން ދިވެހިރާއްޖެއަށް އަތްގަދަކުރަމުންދާތީ އެކަމަށް ވެސް ދުންޔާގެ ވާހަކައިގައި ނުސީދާކޮށް ފާޑުވިދާޅުވިއެވެ.

"ރާއްޖޭގެ ޚާރިޖީ ސިޔާސަތަށް ބަލާއިރު އަޅުގަނޑުމެން ލަދުގަންނަންޖެހޭ. އެތައްހާސް އަހަރެއްގެ އަމިއްލަ މިނިވަން ޤައުމެއްގެ ގޮތުގައި ފަޚުރުވެރި ތާރީޚެއް އޮތް މި ދިވެހިރާއްޖެ މިއަދު ވަނީ އަޅުވެތިވެފައި. ނަވާރަ ސަތޭކަ ފަސްދޮޅަސް ފަސް ވަނަ އަހަރު ދިވެހިރާއްޖެ ހޯދި މިނިވަންކަމެއް މިހާރު މި ޤައުމުގައެއް ނެތް. އެ އަހަރު ޖުލައި 26ގައި ރާއްޖެއިން ކުރި މިނިވަންކަމުގެ މުޢާހަދާގެ މަތިން މިއަދުގެ ސަރުކާރުވަނީ ހަނދާންނެތިފައި. ބޭރުގެ ޤައުމުތަކަށް އަދި ވަކިން އެއް ޤައުމެއް ކައިރީ ސަލާންޖަހާ ބަޔަކަށްވެފައި. އަމިއްލަ ފައިމައްޗަށް ތެދުވެ އަމިއްލަ ފުދުންތެރިކަން އިތުރުކުރުމުގެ ބަދަލުގައި އަބަދުމެ "އެހީ" ހޯދަން ބޭނުންވާ ބަޔަކަށް ބަދަލުވެފައި،" ދުންޔާ ވިދާޅުވިއެވެ. "އެހީއޭ ކިޔައިފައި އެތައް ލޯނުތަކެއް ނަގަމުންދާ ގައުމަކަށް ދިވެހިރާއްޖެ ވެއްޖެ. ވަކި ގައުމަކުން ލޯނު ނެގީމަ އެޔަށް ކިޔަނީ "ދަރަނީގެ ދަންތުރާ" ނުވަތަ "ޑެބްޓް ޓްރެޕް" އެކޭ. އަޅުގަނޑުމެން ބޭނުންވަނީ ރާއްޖެއަކީ ހަޤީގީ މިނިވަން، މުސްތަޤިއްލު އަދި ފުއްދުންތެރި ގައުމަކަށް އަނބުރާ ހަދަން. އެއްވެސް ބޭރު ގައުމެއްގެ ލަޝްކަރުން ރާއްޖޭގައި ތިބެގެން ނުވާނެ. އަދި މި ސަރަހައްދުގައި އަދި ދުނިޔޭގެ ގައުމުތަކުގެ ދޭތެރޭގައި ހިނގާ ވާދަވެރިކަމުގައި އަދި މައްސަލަތަކުގައި އަޅުގަނޑުމެން ތާށިވެގެން ވެސް ނުވާނެ."

ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން މިރޭގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަނީ -އަދިވެސް ފޮޓޯ

ދުންޔާ އަދި ވިދާޅުވީ ޒަމާނީ ޑިމޮކްރަސީއެއް ގެނެސް، ދައުލަތުގެ ބާރުތައް ވަކިކުރަން ކުރެވުނު މަސައްކަތްތަކުގައި "ކާމިޔާބީއަށްވުރެ އަޅުގަނޑުމެންނަށް ފަހަތަށް އެޅުނު ފިޔަވަޅުތައް ގިނަ" ކަމަށެވެ.

"ބޭރުންނާއި އަދި އެތެރެއިން އަންނަ އެތައް ފިއްތުންތަކާއި އަދި ގޮންޖެހުންތަކާއި ކުރިމަތިލާ ބުރަ މަސައްކަތްތަކެއް އަޅުގަނޑުމެން އެންމެން ކުރިން. ދިވެހިންގެ މަސައްކަތުން، މިނިވަން މުޢައްސަސާތަކެއް އުފައްދައި، ދަޢުލަތުގެ ބާރުތައް ވަކިކުރެވި، ފާރަވެރި ކުރެވުނު. ޝަރުޢީ ނިޒާމް ވަރުގަދަކޮށް މިނިވަންކުރަން ފިޔަވަޅުތަކެއް އެޅުނު. މިނިވަން އަދި ޒިންމާދާރު މީޑިއާއެއް ބިނާ ކުރަން މަސައްކަތްކުރެވުނު،" ދުންޔާ ވިދާޅުވިއެވެ. "ދެހާސް އަށަކުން 2021 ށް މި ކުރެވުނު ދަތުރުގައި ރާއްޖެއަށް ކާމިޔާބީ ތަކެއް ލިބުނު ކަމަށް އަޅުގަނޑު ގަބޫލުކުރަން. އެކަމަކު، ހިތާމައަކީ ކާމިޔާބީއަށްވުރެ އަޅުގަނޑުމެންނަށް ފަހަތަށް އެޅުނު ފިޔަވަޅުތައް ގިނަކަން. އެދުވަހު އަޅުގަނޑުމެން ދުށް ހުވަފެނާ ގާތަށްވެސް ނުދެވޭކަން. ރައްޔިތުންނަށް ދިރިއުޅުން އިތުރަށް ދަތިވެފައިވާކަން. އާމްދަނީ ހޯދުމާއި، ބޯހިޔާވަހިކަން އިތުރަށް ދަތިވަމުންދާކަން. އަމިއްލަ އެދުން އިސްކުރާ ސިޔާސީ އެތައް ފަރާތްތަކެއް އުފެދިއްޖެކަން. އަޅުގަނޑުމެންގެ ކާބަފައިން ބުނެ އުޅުނު "އެދުމެއްނެތި ވެދުމެއް ނުކުރާނެޔޭ" މިއީ އަޅުގަނޑުމެން ފުންކޮށް ވިސްނާލަންޖެހޭ ކަމެއް. އެއްޗެއް ދޭ މީހާގެވެސް ވަރަށް ގިނަ އަމިއްލަ އެދުން އޮނާނެކަން އަޅުގަނޑުމެން ޤަބޫލުކުރަން ޖެހޭ. އިނގިރޭސިން ބުނަނީ there is no free lunch"

ދުންޔާ ވިދާޅުވީ ދިވެހި އަންހެނުންނަށް ބަލައިލާއިރު އަދި ދެ ޖިންސުގެ ހަމަހަމަ ކަމަށް ބަލައިލާއިރު އަޅުގަނޑުމެންނަށް ކާމިޔާބީ ތަކެއް ހޯދިފައިވާ ކަމަށެވެ.

"އެކަމަކު ސިޔާސީ ދާއިރާ އަށް ބަލައިލާއިރު އަޅުގަނޑުމެންނަށް ވަނީ ފަހަތަށް ފިޔަވަޅުތަކެއް އެޅިފައި. ރައްޔިތުން މަޖިލީހުގައި މި ވަނީ އަންހެން މެމްބަރުންގެ އަދަދު މަދުވެފައި. ސިޔާސީ ޕާޓީތަކުގެ އަދި ސަރުކާރުގެ އިސް މަގާމު ތަކުގައި ވެސް އަންހެނުން އިތުރުވާންޖެހޭ."

މިރޭގެ ބައްދަލުވުމުގައި ދުންޔާގެ އިތުރުން ޓްރާންސްޕޯޓު މިނިސްޓްރީގެ ކުރީގެ ޑިރެކްޓަރ ޖެނެރަލް މުހައްމަދު ރަފީއު އާއި ކުރީގެ ކޮމިޝަނަރ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒާއި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވެސް ވާހަކަ ދެއްކެވިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *