"އެއްފަހަރު ބޭނުންކުރެވޭ ބާވަތުގެ ޕްލާސްޓިކްގެ ސަބަބުން ރާއްޖެއަށް ކުރާ އިޤްތިޞާދީ އަދި އިޖްތިމާއީ އަސަރުތަކާ ބެހޭ ދިރާސީ ރިޕޯޓު" ނެރެފިއެވެ.
މޯލްޑިވްސް އޯޝަން ޕްލާސްޓިކްސް އެލަޔަންސް (މޯޕާ) އަދި އެން.އައި.ޖީ ކެޕިޓަލް ގުޅިގެން އިއްޔެ މި ރިޕޯޓު ނެރުނީ އެކަމަށް ޚާއްޞަކުރެވިގެން ބޭއްވުނު އޮންލައިން ފޯރަމެއްގައި، މޯޕާގެ މުޢައްސިސް އަދި ރައީސް، ކުރީގެ އެންވަޔަރަންމަންޓް މިނިސްޓަރު ޠާރިޤް އިބްރާހީމާއި އެން.އައި.ޖީގެ ސީ.އީ.އޯ އަދި އެމް.އެމް.އޭގެ ކުރީގެ ގަވަރުނަރު އަޙްމަދު ނަޞީރެވެ.
މޯޕާއިން ޙަވާލުކޮށްގެން އެން.އައި.ޖީ ކެޕިޓަލްގެ މާހިރުން ކުރި މި ދިރާސާގައި ރާއްޖޭގައި ޕެޓް ޕްލާސްޓިކް ބޭނުންކުރެވޭ ގޮތާމެދު ވަރަށް ފުޅާ ދާއިރާއެއްގައި ޢިލްމީ ދިރާސާތަކެއް ކުރެވުނެވެ. އެގޮތުން، ޕްލާސްޓިކްގެ ބާވަތްތައް ޤައުމަށް އެތެރެކުރުމާއި، މިރާއްޖޭގައި އެފަދަ ބާވަތްތައް އުފެއްދުމުގެ އިތުރުން، ބޭނުންކުރެވޭ މިންވަރަށްވެސް އަލިއަޅުވާލެވިފައިވެއެވެ. ހަމައެއާއެކު، ޕެޓް ޕްލާސްޓިކް މަދުކުރުމަށް ދިވެހި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާ އެއްގޮތަށް، ރީސައިކަލް ކުރުމުގެ ތެރެއިން މިބާވަތްތައް އުކާލެވޭ މިންވަރާއި، އޭގެ ސަބަބުން ރާއްޖޭގެ ނާޒުކު ތިމާވެށްޓަށް ކުރާ ނޭދެވޭ އަސަރު ކުޑަކުރުމުގައި ގެންގުޅެވިދާނެ އުޞޫލުތަކުގެ މައްޗަށްވެސް މި ދިރާސާގައި ބެލިފައިވެއެވެ.
"މި ރިޕޯޓު އެކުލަވާލުމަކީ މޯޕާއަށް ލިބުނު ވަރަށް ބޮޑު އުފަލެއް. މޯޕާގެ މަސައްކަތުގެ ރޮނގުން، ކުރިއަށް އޮތް ތާނގައިވެސް، މިފަދަ ޢިލްމީ އަދި ދިރާސީ ގިނަ މަސައްކަތްތަކެއް ކުރުމަކީ އަޅުގަނޑުމެންގެ އެއް އުންމީދު. މިނިސްޓްރީ އޮފް އެންވަޔަރަންމަންޓުން މިދާއިރާއިން ކުރަމުންދާ މަސައްކަތްތަކަށް ހިތްވަރުދީ، އެއްބާރުލުންދިނުމަކީ މޯޕާގެ މަސައްކަތްތަކުގައި މިހާރުވެސް ކުރަމުންދާ ކަމެއް. އަދި ކުރިމަގުގައިވެސް ސަރުކާރާ ގުޅިގެން މަސައްކަތްތަކެއް ކުރުމަށް އަޅުގަނޑުމެން އުންމީދުކުރަން،" މި ރިޕޯޓު ނެރުމަށް ބޭއްވި ފޯރަމްގައި ވާހަކަފުޅު ދައްކަވަމުން، މޯޕާގެ ރައީސް ޠާރިޤް ވިދާޅުވިއެވެ.
ރިޕޯޓުގެ މުހިންމު ހޯދުންތަކާ ގުޅޭގޮތުން ދެއްކެވި ވާހަކައިގައި، އެން.އައި.ޖީ ކެޕިޓަލްގެ ސީ.އީ.އޯ އަޙްމަދު ނަޞީރު، މި ފޯރަމްގައި ވިދާޅުވީ ޕްލާސްޓިކް ކުނީގެ މައްސަލައަކީ މިއަދު ދުނިޔޭގެ ފެންވަރުގައިވެސް އިސްކަންދެވިގެން ޙައްލުތަކެއް ހޯދަން މަސައްކަތްކުރަމުން އަންނަ ތިމާވެށީގެ މައްސަލައެއް ކަމަށެވެ.
"މި މައްސަލައަށް ދެމެހެއްޓެނިވި ޙައްލުތަކެއް ހޯދުމުގައި އިސްކަންދެވެނީ އޭގެ ސަބަބުން އިޤްތިޞާދީ ގެއްލުން ކުޑަކުރެވޭނެ ޙައްލުތަކަކަށް. އަދި، ބައެއް ޙާލަތްތަކުގައި، އެފަދަ ޙައްލުތަކަކީ އިޤްތިޞާދީ އަދި މާލީ ފައިދާތަކެއްވެސް ލިބިގެންދާނެ ޙައްލުތަކެއް. އެހެންކަމުން، މިދިރާސާގައި އެފަދަ ކަންކަމަށް ވަރަށްބޮޑަށް ބެލިފައިވާނެ. މި ދިރާސާގައި އަޅުގަނޑުމެންގެ ޓީމުން ވާނީ ޕެޓް ޕްލާސްޓިކްގެ ސަބަބުން ރާއްޖެއަށް ކުރާ އިޤްތިޞާދީ އަދި އިޖްތިމާއީ އަސަރުތަކަށް ބަލާފައި. ހަމަ އެއާއެކު، ރާއްޖޭގައި ކުނި ނައްތާލުމަށް ގެންގުޅޭ ނިޒާމާއި އެކަށައެޅޭ ވަޞީލަތްތަކާމެދުވެސް ވިސްނާފައިވާނެ. ކުރިމަގުގައި، މިރޮނގުން ސިޔާސަތު ރޭވުމަށް ކަމާބެހޭ ފަރާތްތަކަށް މި ރިޕޯޓުގެ ބޭނުން ހިފޭނެކަމަށް ވަރަށް ބޮޑަށް އުންމީދު ކުރަން. މި މައްސަލައިގެ ޙައްލު ސަރުކާރަށް އެކަނި ނުހޯދޭނެ. އެހެންކަމުން، މި ރިޕޯޓުގައި، ސަރުކާރުގެ އިތުރުން، ސިޔާސަތު ރާވާ ތަންފީޒުކުރާ އެހެން ފަރާތްތަކާއި، ޤާނޫނު ހަދާ ފަރާތްތައް އަދި ޕްލާސްޓިކް އެތެރެކޮށް، އުފައްދާ، މާކެޓްކުރާ އަދި ބޭނުންކުރާ ފަރާތްތަކަށްވެސް އަލިއަޅުވާލާފައިވާނެ. މީގެ ބޭނުން އެންމެނަށްވެސް ހިފޭނެ،" ނަޞީރު ވިދާޅުވިއެވެ.
ރިޕޯޓުގެ މުހިންމު ބައެއް ހޯދުންތައް:
- ރާއްޖޭގައި އުފެދޭ ކުނީގެ 12 އިންސައްތަ ނުވަތަ އަހަރަކު 43،134 ޓަނާ އެއްވަރުގެ ކުންޏަކީ ޕްލާސްޓިކްގެ ބާވަތްތައް.
- 2014 އާއި 2018 އާ ދެމެދު، ޕްލާސްޓިކް އިމްޕޯޓް ކުރެވޭ މިންވަރު ވަނީ އަހަރަކު 17 އިންސައްތައިގެ މިންވަރުން އިތުރުވެފައި.
- 2018 ގެ ރާއްޖެގެ ޖުމްލަ އިމްޕޯޓުގެ 4 އިންސައްތަ އަކީ ޕްލާސްޓިކާއި ރަބަރުގެ ބާވަތްތައް.
- ރާއްޖޭގައި އެންމެ ގިނައިން ބޭނުންކުރެވޭ ޕްލާސްޓިކްގެ ބާވަތްތަކަކީ ކޮތަޅާއި ގޯނި. ޕްލާސްޓިކް ކުނީގެ 23 އިންސައްތަ އަކީ ކާބޯތަކެތީގެ ވިޔަފާރީގެ ތެރެއިން އުފެދޭ ކުނީގެ ބާވަތްތައް.
- ރާއްޖޭގައި ގޭބިސީތަކުގެ 57 އިންސައްތަ ފެނުގެ ގޮތުގައި ބޭނުންކުރަނީ ޕެޓް ފުޅީގައި ބަންދުކޮށްފައި ހުންނަ ފެން ކަމުގައިވިއަސް، ޤައުމުގައި އުފެދޭ ކުނީގެ ނިސްބަތުން ޕެޓް ފުޅީގެ ޙިއްޞާއަކީ ހަމައެކަނި 1 އިންސައްތަ.
- އުފެދޭ ކުނީގެ ނިސްބަތުން ޕްލާސްޓިކްގެ ނިސްބަތް ކުޑަވިއަސް، އެއީ ވަރަށްބޮޑަށް ފާހަގަވާ ބާވަތެއް. އަދި، އޭގެ ސަބަބުން ތިމާވެށްޓަށް ބޮޑު އަސަރެއް ކުރާ ބާވަތެއްވެސްމެ.
- ކުނީގެ ބާވަތްތައް ވަކިކުރެވޭނެ އިންތިޒާމެއް ނެތުމާއި، ކުނި ނައްތާލުމުގައި ޕްލާސްޓިކް ރީސައިކަލްކުރެވޭނެ ނިޒާމެއް ހިމެނިފައިނުވުމުން، ނޭދެވޭގޮތެއްގައި އުކާލެވޭ ނުވަތަ ދޫކޮށްލެވޭ ކުނީގެ ނިސްބަތް ރާއްޖޭގައި ހުރީ، ދުނިޔޭގެ ފެންވަރުންވެސް ވަރަށް މަތީ ނިސްބަތެއްކަމުގައިވާ 66 އިންސައްތައިގައި.
ޕެޓް ޕްލާސްޓިކްގެ އިޤްތިޞާދީ އަދި އިޖްތިމާއީ އަސަރުތަކުގެ މުހިންމު ހޯދުންތައް:
- ފެނާއި ލުއިބުއިމުގެ ގޮތުގައި، ރާއްޖޭގައި އަހަރަކު 3300 ޓަނު ނުވަތަ 143 މިލިއަން ފްލާސްޓިކް ފުޅި އަންނަނީ އުފައްދަމުން.
- އާމްދަނީގެ ގޮތުގައި، ޕްލާސްޓިކް ފުޅި އުފައްދާ، ވިއްކައިގެން އަމިއްލަ ކުންފުނިތަކަށް އަހަރަކު 933 މިލިއަން ރުފިޔާއަށްވުރެ ބޮޑު އަދަދެއްގެ ފައިސާ ލިބޭ. އަދި، ގާތްގަނޑަކަށް 148 މިލިއަން ރުފިޔާގެ އާމްދަނީ މިގޮތުން ކުރެވޭ ވިޔަފާރީގެ ތެރެއިން، ޖީ.އެސް.ޓީ ހިމެނޭގޮތަށް، ދައުލަތުގެ މާލިއްޔަތަށް އަންނަނީ ލިބެމުން.
- ޤައުމީ އުފެއްދުންތެރިކަމުގެ 2 އިންސައްތަ ނިސްބަތްވާ ފުޅީގައި ބުއިން ބަންދުކުރާ ވިޔަފާރިއަކީ ނިސްބަތުން ބޮޑު ޤައުމީ އިޤްތިޞާދީ އުފެއްދުމުގެ ދާއިރާއެއް.
- ބިއްލޫރި ފުޅިއަށް ބަދަލުކުރުމަކީ އެކަށީގެންވާ ޙައްލެއް ނޫންކަމާއި، އޭގެ މުހިންމު އެއް ސަބަބަކީ ޖައްވުހޫނުވުމަށް މެދުވެރިވާ ގްރީންހައުސް ގޭސް ބޭރުވާ މިންވަރު ޕްލާސްޓިކަށްވުރެވެސް ބިއްލޫރި އުފެއްދުމުން ބޮޑުކަން. އޭގެ އިތުރުން، ބިއްލޫރި ފުޅިއަކީ ގެންގުޅުމާއި އެއްތަނުން އަނެއްތަނަށް ގެންދިއުން ނިސްބަތުން އުނދަގޫ އެއްޗަކަށް ވުމާއެކު، ބިއްލޫރި ފުޅިއަށް ބަދަލުކުރުމަކީ އޭގެ ބޭނުންކުރާ ފަރާތްތަކަށް ނިސްބަތުން އަގު ބޮޑުވާނެ ކަމެއްކަން.
ކުރިއަށް ދިއުމުގައި ހޯދިދާނެ މުހިންމު ބައެއް ޙައްލުތައް:
ޤައުމީ ކުނި ނައްތާލުމުގެ އިސްތިރާޖީ ބިނާވާންވީ، ކުނީގެ ހުރިހާ ވަކިވަކި ބާވަތްތަކަށް ރިއާޔަތްކުރެވިގެން.
ޕެޓް ފުޅިއާ ގުޅިގެން ސަރުކާރުން އެކުލަވާލާފައިވާ 'އެކްސްޓެންޑަޑް ޕްރޮޑިއުސަރ ރެސްޕޮންސިބިލިޓީ' (އީ.ޕީ.އާރ.) ނުވަތަ އުފައްދާ ފަރާތްތަކުގެ ޒިންމާ ބޮޑުވާނެ އުޞޫލަށް ރިޕޯޓުން ބާރުލިބިދޭ. އަދި، ސަރުކާރުން ތަންފީޒުކުރަމުންދާ ކުނި ނައްތާލުމުގެ އަމަލީ މަސައްކަތްތަކުގެ ބޭނުންތެރިކަމަށްވެސް ރިޕޯޓުން ދަލީލު ފެނިގެންދޭ.
ކުނި ނައްތާލުމުގެ ނިޒާމަކީ، ހުރިހާ ގޮތަކުން ބެލިގެން، ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށްގެންދެވޭ ނިޒާމަކަށް ހެދުމާއި، ޕްލާސްޓިކް އެއްކޮށް، ޖަމާކޮށް، ރީސައިކަލް ކުރެވޭނެ އިންތިޒާމުތަކެއް ހަމަޖެއްސުމުގެ މުހިންމުކަން ރިޕޯޓުގައި ބަޔާންކުރެވިފައިވޭ. އެގޮތުން، އެއްކުރެވޭ ޕްލާސްޓިކް ކުނި، ކުދިކޮށް، ފިއްތާ، ޖަމާކޮށް، ބޭރަށް އެކްސްޕޯޓު ކުރުމުގެ ފައިދާތައް ބަޔާންކުރެވިފައިވޭ.



advertisment