Support Us

އަބޫދާބީގެ ވަލީއަޙުދު ޝައިޚް މުޙައްމަދު ބިން ޒައިދު އަލް ނަޙްޔާންއާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ބައްދަލުކުރައްވަނީ -ފޮޓޯ: ރައީސް އޮފީސް

އަބޫދާބީގެ ވަލީއަޙުދާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައިފި

އަބޫދާބީގެ ވަލީއަޙުދު އަދި އެކުވެރި ޢަރަބި ޢިމާރާތް (ޔޫ.އޭ.އީ)ގެ އާމްޑް ފޯސަސްގެ ޑެޕިއުޓީ ސުޕްރީމް ކޮމާންޑަރ، ޝައިޚް މުޙައްމަދު ބިން ޒައިދު އަލް ނަޙްޔާންއާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން ބާއްވަވާފައި ވަނީ، ރައީސުލްޖުމްހޫރިއްޔާ ޔޫ.އޭ.އީ.އަށް މިހާރު ކުރައްވަމުން ގެންދަވާ ނުރަސްމީ ދަތުރުފުޅުގެ ތެރެއިން އިއްޔެ އަބޫދާބީގައި ވަލީއަޙުދުގެ ރަސްމީ ގެކޮޅުގައެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާއާއި ޔޫ.އޭ.އީ.ގެ ވަލީއަޙުދު ވަނީ، ދެ ޤައުމުގައި ކޯވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ޙިއްޞާކުރައްވާފައެވެ. މި މޭރުމުން ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ކޯވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމުގައި އެހެން ޤައުމުތަކާ ގުޅިގެން ޔޫ.އޭ.އީ.އިން ކުރަމުންދާ މަސައްކަތްތައް ފާހަގަކުރައްވާ ކަމުގައެވެ. އަދި، އެ ބަލިމަޑުކަން ފެތުރުން ކޮންޓްރޯލް ކުރުމުގައި ކުރިއަރާފައިވާ ޓެކްނޮލޮޖީއާއި އިޖާދީ ވިސްނުންތައް ބޭނުންކޮށްގެން ޔޫ.އޭ.އީ.ގެ ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ތަޢުރީފު ކުރައްވާ ކަމުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ޔޫ.އޭ.އީ.ގެ ސަރުކާރުން ދިވެހިރާއްޖެއަށް ފޯރުކޮށްދެމުންދާ އެހީތެރިކަމާއި އެއްބާރުލުމަށް އަލިއަޅުއްވައިލައްވާ އެ ކަމަށް ޝުކުރު އަދާކުރެއްވިއެވެ. މި ގޮތުން، އަބޫދާބީ ފަންޑް ފޮރ ޑިވެލޮޕްމަންޓް (އޭ.ޑީ.އެފް.ޑީ) މެދުވެރިކޮށް ޔޫ.އޭ.އީ.ގެ ސަރުކާރުން ރާއްޖެއަށް ފޯރުކޮށްދެމުންދާ އެހީތެރިކަމާއި، ހިނގަމުންދާ މަޝްރޫޢުތައް އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

ދެ ޤައުމުގެ ދެމެދުގައި މިހާރު ވެސް އޮތް ގާތް ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ގުޅޭގޮތުން ވެސް ދެ ބޭފުޅުން ވާހަކަފުޅު ދެއްކެވިއެވެ. މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ޔޫ.އޭ.އީ.ގެ ވަލީއަޙުދު ވިދާޅުވީ، އެކި ދާއިރާތަކުން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި އެ ޤައުމުން ދެމި އޮންނާނެ ކަމުގައެވެ. އަދި ވާހަކަފުޅު ކުރިއަށް ގެންދަވަމުން، މަސްވެރިކަމާއި، ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމާއި، ދަތުރުފަތުރާއި، ފަތުރުވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށް އެ ޤައުމުން ތައްޔާރަށް އޮތް ކަމުގައި ވަލީއަޙުދު ވިދާޅުވިއެވެ.

ހަތްދިހައިގެ ފަހުކޮޅުން ފެށިގެން ޔޫ.އޭ.އީ.އަކީ ރާއްޖޭގެ ތަރައްޤީގެ މުހިންމު ބައިވެރިއެކެވެ. މީގެ ތެރެއިން، 2020 މާރިޗު 9 ވަނަ ދުވަހު ރާއްޖެއަށް ބަޖެޓް ސަޕޯޓްގެ ގޮތުގައި 50 މިލިއަން އެމެރިކާ ޑޮލަރު ދިނުމުގެ އެއްބަސްވުމެއްގައި ސަރުކާރާއި އޭ.ޑީ.އެފް.ޑީ.އާ ދެމެދު ސޮއިކޮށްފައިވާ އެއްބަސްވުން ފާހަގަކޮށްލެވެއެވެ. މީގެ އިތުރުން، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢުތަކުގައި އެ ޤައުމުން ވަމުންދާ އެހީތެރިކަން ފާހަގަކޮށްލެވެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *