Support Us

ޤައުމަށް ރިވެތި ނަން ހޯދައިދިނުމަށް މަސައްކަތް ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ގޮވާލައްވައިފި

ސަރުކާރުން ތަރައްޤީކޮށްފައިވާ ވަސީލަތްތަކުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފައި، ކުޅިވަރު އެސޯސިއޭޝަންތަކުގެ އެހީތެރިކަމާއެކު، ޤައުމަށް ރިވެތި ނަން ހޯދައިދޭން ގަދަ އަޅައި މަސައްކަތް ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ކުޅިވަރުގެ ދާއިރާގައި ހަރަކާތްތެރިވާ ޒުވާނުންނާއި އެ މީހުންގެ ބެލެނިވެރިންނަށް ގޮވާލައްވައިފިއެވެ.

ހުޅުމާލޭގައި ތަރައްޤީކޮށްފައިވާ ނޭޝަނަލް މާޝަލް އާޓްސް ސެންޓަރާއި، ޓޭބަލް ޓެނިސް ހޯލް ރަސްމީކޮށް ހުޅުއްވައިދެއްވުމަށް މިއަދު ހަވީރު ހުޅުމާލޭ މިނީ ސްޕޯޓްސް ކޮމްޕްލެކްސްގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ޒުވާނުންގެ ކިބައިގައި ހުރުމަށް އެ މަނިކުފާނު އެދިވަޑައިގަންނަވާ ބައެއް ސިފަތައް ވިދާޅުވެދެއްވާފައެވެ. މި ގޮތުން، ކޮންމެ ޒުވާނަކީ ވެސް، އަދި ވަކީން ޚާއްޞަކޮށް ކުޅިވަރުގެ ދާއިރާގައި ހަރަކާތްތެރިވާ ޒުވާނުންނަކީ، ދީނީ ގޮތުންނާއި އަޚުލާޤީ ގޮތުން ރިވެތި ނަމޫނާއަކަށް ވުމަށް އެ މަނިކުފާނު ގޮވާލެއްވިއެވެ. އަދި، ކުޅިވަރުގެ ދާއިރާ ތަރައްޤީ ކުރުމުގައި ސަރުކާރުން ގެންގުޅޭ ސިޔާސަތުތަކަށް އަލިއަޅުއްވައިލައްވާ ވާހަކަފުޅު ދައްކަވަމުން އެ މަނިކުފާނު ވިދާޅުވީ، ކުޅިވަރުގެ ދާއިރާއިން މީހުން ބިނާކުރުމާއި، އެކި ކުޅިވަރުތަކުން ރަނގަޅު ނަތީޖާތަކެއް ހާސިލުކުރުމުގައި އެހީތެރިވެދިނުމުގައި ސަރުކާރުން ދެ ކަމަށް ވިސްނައިގެން މަސައްކަތްކުރާ ކަމުގައެވެ. އެ މަނިކުފާނު ވިދާޅުވި ގޮތުގައި އެ ދެ ކަމަކީ، ކުޅިވަރުގެ ދާއިރާއިން ޒުވާނުންނަށް ކުރިއަރައިދިއުމަށް ބޭނުންވާނެ ވަސީލަތްތައް ތަރައްޤީކުރުމާއި، މި ދާއިރާއަކީ ސިޔާސީ ނުފޫޒުން އެއްކިބާވެފައިވާ ދާއިރާއެއް ކަން ކަށަވަރު ކޮށްދިނުމެވެ.

މިއަދު ހުޅުވި އައު ވަސީލަތްތައް ކަމުގައިވާ ޓީ.ޓީ. ހޯލާއި މާޝަލް އާޓްސް ސެންޓަރަކީ އެ ދާއިރާތަކަށް ޝައުޤުވެރިވާ ޒުވާނުންނަށް ލިބިގެންދިޔަ ރަނުގެ ފުރުޞަތުތަކެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އަދި، ދާދި އަވަހަށް މާޝަލް އާޓްސް އެސޯސިއޭޝަނެއް އުފެދިގެންދާނެ ކަމަށާއި، އެއާއެކު އެ ދާއިރާއަށް ރަސްމީ ހައިސިއްޔަތެއް ލިބި، އެ ކުޅިވަރުގެ ދާއިރާއިން ބައިނަލްއަޤްވާމީ މުބާރާތްތަކުގައި ވާދަކޮށް، ޤައުމަށް ރިވެތި ނަން ހޯދައިދިނުމުގެ މަގު ތަނަވަސްވެގެންދާނެ ކަމުގައި ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

މިދިޔަ އަހަރު ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ރާއްޖޭގެ ޓީ.ޓީ. އަދި ބެޑްމިންޓަން ޓީމުން ހޯދި ކުލަގަދަ ކާމިޔާބީއަށް އިޝާރާތްކުރައްވައި ވާހަކަފުޅު ކުރިއަށް ގެންދަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިއަދު ހުޅުވި ޓީ.ޓީ. ހޯލަކީ ޤައުމަށް އިތުރު ރަން ވަނަތަކެއް ހޯދައިދޭނެ ކުޅުންތެރިންތަކެއް އުފެދިގެންދާނެ ތަނަކަށް ވާނެ ކަމަށް އުންމީދުކުރައްވާ ކަމުގައެވެ. އަދި، މާލޭގައި ވެސް ނޭޝަނަލް ޓީ.ޓީ. ސެންޓަރެއް ބިނާކުރުމަށް ބިމެއް ކަނޑައަޅައި، އެ މަސައްކަތް އަންނަ އަހަރު ފެށުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ. ހަމައެއާއެކު، އަންނަ އަހަރު ރާއްޖޭގައި ބައިނަލްއަޤްވާމީ ޓީ.ޓީ. މުބާރާތެއް ބޭއްވުމަށް ވެސް މަސައްކަތް ކުރައްވަމުން ގެންދަވާކަން އެ މަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ކުޅިވަރުގެ ދާއިރާ ތަރައްޤީ ކުރުމަށް ސަރުކާރުން ކުރަމުންދާ އިތުރު މަސައްކަތްތަކަށް އަލިއަޅުއްވައިލައްވާ ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ޤައުމީ ފެންވަރުގެ ބިލިއާޑު ހައުސްއެއް މި އަހަރުގެ ތެރޭގައި ހުޅުވާފައިވާކަން ފާހަގަކުރައްވާ، ވޯލްޑް ޗެމްޕިއަންޝިޕް މުބާރާތެއް ބޭއްވޭ ފެންވަރަށް އެ ތަން ތަރައްޤީކުރުމުގެ މަސައްކަތް ކުރަމުންދާ ކަމުގައި ވިދާޅުވެފައެވެ. ހަމަ އެއާއެކު، ރާޒުވާއާއި މޫދު ކުޅިވަރުތައް ފަދަ އެހެނިހެން ކުޅިވަރުތައް ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތްތަކަށް ވެސް އެ މަނިކުފާނުގެ ވާހަކަފުޅުގައި އަލިއަޅުއްވައިލެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ނިންމަވައިލެއްވީ، ކުޅިވަރުގެ މައިދާނުގައި ޤައުމީ އަދި ބައިނަލްއަޤްވާމީ ފެންވަރުގައި މިހާތަނަށް ހޯދާފައިވާ ގިނަ ކާމިޔާބީތަކުގެ ޙަޤީޤަތަކީ، ކުޅިވަރު އެސޯސިއޭޝަންތަކާއި ކުޅުންތެރިންނާއި ބެލެނިވެރިންގެ ބުރަ މަސައްކަތް ކަން ފާހަގަކުރައްވައި، އެ ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރައްވަމުންނެވެ.

ނޭޝަނަލް މާޝަލް އާޓްސް ސެންޓަރާއި ހުޅުމާލޭ ޓޭބަލް ޓެނިސް ހޯލް ހުޅުއްވައިދެއްވުމަށް ފަހު އެ މަނިކުފާނު ވަނީ ހުޅުމާލެ މިނީ ސްޕޯޓްސް ކޮމްޕްލެކްސް ބައްލަވައިލައްވާފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *