އަމީނީމަގުގައި ހުންނަ މާލެ ސްކޮޔާގައި ރޭ ހުޅުވި "ވީއާރް ކެފޭ" އަކީ ޖާދޫއެއް ކަހަލަ ކެފޭ އެކެވެ. ހާފްޓޯން މޯލްޑިވްސްގެ ފަރާތުން ދިވެހިންނާ ހަމައަށް މުޅިން އަލަށް މި ގެނެސްދިން ޚިދުމަތަކީ އެންމެ ފަހުގެ ޒަމާނީ ވަސީލްތަކާއެކު ވާޗުއަލް ރިއަލިޓީ (ވީއާރް) މެދުވެރިކޮށް މުނިފޫހިފިލުވައިދުމުގެ ހިދުމަތްދޭ ކެފޭއެކެވެ. މިއީ މިފަދަ ގޮތަކަށް ރާއްޖޭގައި ހުޅުވުނު ފުރަތަމަ ކެފޭއެވެ.
ވީއާރް މެދުވެރިކޮށް މުނިފޫހިފިލުވައިދުމުގެ ހިދުމަތްދޭ މި ކެފޭގައި ދުނިޔޭގެ ފަހުގެ ޒަމާނީ ވާޗުއަލްގެ އާލަތްތަކާއި އެންމެ ފަހުގެ ވީއާރު ގޭމްތައް ކުޅުމުގެ ފުރުސަތު ލިބިގެން ދާނެ ކަމަށް އެފަރާތުން ބުނެއެވެ.

"ވީއާރު ކެފޭ" ރަސްމީކޮށް ހުޅުވައިދެއްވީ މިނިސްޓަރ އޮފް ޔޫތް ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމެންޓް އަހުމަދު މަޚުލޫފެވެ. މި ރަސްމިއްޔާތުގައި ވީއާރް ކެފޭގެ ޕާޓްނަރެއްގެ ގޮތުގައި މިނި މޮންސްޓާ އަދި ޑިޖިޓަލް ޕާޓްނަރގެ ގޮތުގައި އުރީދޫ މޯލްޑިވްސް ވަނީ ކަނޑައަޅާފައެވެ. މީގެ އިތުރުން ކެފޭގެ ބްރޭންޑް އެމްބެސެޑަރގެ ގޮތުގައި ފިލްމީ ތަރި މަރިޔަމް އައްޒަ ހަމަޖައްސައި އެކަން ވަނީ އިއުލާނުކޮށްފައެވެ.
ވީއާރް އަކީ ވަކި ޚާއްސަ ހެޑްސެޑްއެއްގެ އެހީގައި ދުނިޔަވީ ނޫން މަންޒަރެއް ކޮންޕިއުޓަރ ޓެކްނޮލޮޖީގެ އެހީގައި ދައްކާލުމެވެ. މި ހެޑްސެޓުން އޯގްމެންޓޭޓިވް އަދި ވާޗުއަލް ޓެކްނޮލޮޖީގެ އެހީގައި ޚިޔާލީ ދުނިޔެއަކަށް މީހާ ފޮނުވާލައެވެ. ވާޗުއަލް ރިއަލިޓީގައި ފެންނަ ޚިޔާލީ ދުނިޔޭގައި ފެންނަ ޚިޔާލީ ތަކެތީގައި އަތްލެވި ކަންތައް ކުރެވޭނެއެވެ. ވާޗުއަލް ރިއަލިޓީގެ މައިގަނޑު އަމާޒަކީ ޚިޔާލީ ދުނިޔޭގައި ފެންނަ މަންޒަރާއި އަޑަކީ، ހަޤީޤީ އަޑުތަކާއި މަންޒަރުތައް ކަމަށް ސިކުނޑިއަށް ވިސްނައިދިނުމެވެ. މިކަމުގެ ސަބަބުން ވާޗުއަލް ރިއަލިޓީގައި ހިނގާ ކަންމަކީ އަސްލު ވާ ކަންކަން ކަމަށް އިޙްސާސް ކުރެވޭނެއެވެ.
ވީއާރް ކެފޭގައި ގާއިމްކޮށްފައިވަނީ ވާޗުއަލް ރިއަލިޓީގެ ދުނިޔޭގައި އެންމެ ކުރީގައި އުޅޭ ދެ ބްރޭންޑު ކަމަށްވާ އޮކިއުލަސް ކުއެސްޓުގެ އިތުރުން އެސްޓީސީ ވައިވްގެ ގޭމިން ސިސްޓަމެވެ. އޮކިއުލަސް ކުއެސްޓަކީ ދުނިޔޭގެ އެންމެ ފުރަތަމަ އޯލް އިން ވަން ވީއާރް ގޭމިން ސިސްޓަމެވެ. މީގެ އިތުރުން ވީއާރް ކެފޭއިން ވަނީ މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ވާޓުއިކްސް އޮމްނީ ގޭމިންގެ ހިދުމަތް ވެސް ފަށާފައެވެ. ވާޓުއިކްސް އޮމްނީ އަކީ ޚިޔާލީ ދުނިޔޭގައި ހިނގައި، ދުވެ އުޅޭވޭ ގޮތަށް އުފައްދާފައިވާ ވީއާރް މޯޝަން ޕްލެޓްފޯމެކެވެ.

އިންޑޯ އަދި އައުޓްޑޯ ބައެއް ހިމެނޭހެން ފަރުމާކޮށްފައިވާ މިކެފޭގެ އިންޑޯ އޭރިއާގައި ވީއާރް ގޭމް އޭރިއާގެ އިތުރުން ގޭމަށް ފަހު އަރާމުކޮށްލާ ހަމަޖެހިލުމަށް ހާއްސަ ސަރަހައްދެއް ވެސް ވެއެވެ. ކެފޭގެ އައުޓްޑޯ އޭރިއާ ހާއްސަކުރެވިފައި ވަނީ ޑައިނިން އަށެވެ. އެގޮތުން މި ކެފޭއިން މީރު ބުއިންތަކުގެ އިތުރުން ތަފާތު އެކިއެކި ކާއެއްޗެހި ވެސް ލިބިގެންދާނެއެވެ. މި ކެފޭގައި ދުންފަތުގެ އިސްތިއުމާލުކުރުން މަނާކުރެވިފައިވާ ކަމުން މިތަނަކީ ރާއްޓެހިންގެ އިތުރުން އާއިލާއާއެކު ވަގުތު ހޭދަކޮށްލުމަށް ވެސް އެންމެ ކަމުދާނެ ތަނެކެވެ.



advertisment