Support Us

އިބްރާހިމް ހުސައިންފުޅު ހިންގަވާ ގުރުއާން ހިތުދަސް ކިލާސް ކުރިމަތީގައި ރައީސް ސޯލިހުގެ އަރިހުގައި ފޮޓޯއަކަށް މަޑުކޮށްލައްވައިގެން

އިބްރާހީމް ޙުސައިންފުޅަކީ ސަރުކާރަށް ޚިދުމަތް ކުރެއްވުމުގައި ރީތި ނަމޫނާއެއް ދެއްކެވި ބޭފުޅެއް: ރައީސް

މިދިޔަ ހޯމަ ދުވަހު އަވަހާރަވި ބ. ތުޅާދޫ، އަލްމަރްޙޫމް އިބްރާހީމް ޙުސައިންފުޅަކީ، ސަރުކާރަށް ޚިދުމަތް ކުރެއްވުމުގައި ރީތި ނަމޫނާއެއް ދެއްކެވި އަދި ތުޅާދޫގެ ރައްޔިތުންގެ ލޯތްބާއި އިޙްތިރާމް ހޯއްދަވާފައިވާ ބޭފުޅެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވެފައިވަނީ، އިބްރާހީމް ޙުސައިންފުޅު ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވުމާ ގުޅިގެން، އިބްރާހީމް ޙުސައިންފުޅުގެ ލޮބުވެތި އަނބިކަނބަލުން ޚަދީޖާ އިބްރާހީމަށް ފޮނުއްވި ތަޢުޒިޔާގެ ސިޓީފުޅުގައެވެ. އިބްރާހީމް ޙުސައިންފުޅު އަވަހާރަވުމަކީ، ތުޅާދޫގެ ލޮބުވެތި ރައްޔިތުންނަށް އަދި ޚާއްޞަކޮށް، ރާއްޖޭގެ ތަޢުލީމީ ދާއިރާއަށް ލިބުނު ހިތާމައެއް ކަމުގައިވެސް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ސިޓީފުޅުގައި، މި ހިތާމައިގައި ބައިވެރިވެވަޑައިގެން ޚަދީޖާ އިބްރާހީމަށާއި، އިބްރާހީމް ޙުސައިންފުޅުގެ ލޮބުވެތި ބޭފުޅުންނަށާއި، ޢާއިލާގެ މެންބަރުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ތަޢުޒިޔާ ވިދާޅުވެފައިވެއެވެ.

އަލްމަރްޙޫމް އިބްރާހީމް ޙުސައިންފުޅަކީ، ރާއްޖޭގެ ތަޢުލީމީ ދާއިރާއަށް ޚާއްޞަކޮށް، ތުޅާދޫ ސްކޫލަށް 40 އަހަރަށްވުރެ ދިގު މުއްދަތެއްގައި ވަރަށް އިޚްލާޞްތެރި ޚިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެއްކަމަށް ރައީސުލްޖުމްހޫރިއްޔާގެ ސިޓީފުޅުގައި ވިދާޅުވެފައިވެއެވެ. އަދި އިބްރާހީމް ޙުސައިންފުޅަކީ، ތުޅާދޫގެ ވަރަށް ގިނަ އަދަދެއްގެ ދަރިވަރުންގެ ލޮބުވެތި އުސްތާޛަކަށްވުމާއެކު، ކުޑަކުދިންނަށް ޤުރްއާން ކިޔަވައިދެއްވުމުގައްޔާއި، ޤުރްއާން ހިތުދަސްކޮށްދެއްވުމަށް ދެއްވި އަހަންމިއްޔަތާއި، އެރޮނގުން ކޮށްދެއްވި މަސައްކަތްޕުޅުތައް ރައީސުލްޖުމްހޫރިއްޔާ ޚާއްޞަ ގޮތެއްގައި ފާހަގަކުރައްވާފައިވެއެވެ.

އުމުރުން 75 އަހަރުގެ އިބްރާހިމް ހުސައިންފުޅަކީ މިހާރު އިނގިރޭސިވިލާތުގައި ހުންނެވި ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރު އަދި ޖުމްހޫރީ ޕާޓީގެ ނާއިބް ލީޑަރު އަމީން އިބްރާހިމާއި މަޝްހޫރު ލިޔުންތެެރިޔާ އަދި ދިވެހި ބަހުން ޕީ.އެޗް.ޑީ އަށް ކިޔަވައިވިދާޅުވަމުން ގެންދަވާ އަންވަރު އިބްރާހިމާއި ގައުމީ ފުޓްބޯޅަ ޓީމުގެ ކުޅުންތެރިޔާ އަންސާރު އިބްރާހިމްގެ ލޮބުވެތި ބައްޕައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *