ރައީސުލްޖުމްހޫރިއްޔާގެ މަގާމުން މުހައްމަދު ނަޝީދު 2012 ގައި އަމިއްލަފުޅަށް އިސްތިއުފާ ދެއްވީ "ތިޔަ ވިދާޅުވާ ފައްޓަރުބައި ވެސް ޖީ.އެމް.އާރް އަށް ވިއްކާލާފައިނޫންތޯ" އާއި ނުވިއްކާލާ އެއްޗަކަށް ރާއްޖޭގައި ދެން އޮތީ "މަންމަގެ ކަނޑިކި އެކަނި" ކަމުގައި ވިދާޅުވެ، ރައްޔިތުންގެ މަޖިލިސްގެ ކުރީގެ މެމްބަރު، ރައީސް ނަޝީދަށް ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.
އިދިކޮޅު ޕީ.ޕީ.އެމްގެ ޕޯޑިއަމްތަކުގައި އިސްކޮށް އަޑުއުފުއްލަވާ ދިއްދޫ ދާއިރާގެ ކުރީގެ މެމްބަރު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ނުވިއްކާލާ އޮތް އެއްޗަކީ "މަންމަގެ ކަނޑިކި އެކަނި" ކަމަށް ވީ ނަމަވެސް، އެ ކަނޑިކި ވިއްކާލައި ދިވެހިން ލަދުގަންނުވާލަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބޭނުންފުޅުނުވާނެ ކަމަށެވެ.
2012 gai @MohamedNasheed isthiufa dhevvee thiya vidhaalhuvaa fattarubai ves GMR ah vikkaalaafa noontho? Dhen othee mammage kandiki ekani. E vikkaalai dhivehin ladhugannuvan @ibusolih beynumeh nuvaane.
— Abdul Latheef (@funamalatheef) November 17, 2020
"2012 ގައި ރައީސް ނަޝީދު އިސްތިއުފާ ދެއްވީ ތިޔަ ވިދާޅުވާ ފައްޓަރުބައި ވެސް ޖީ.އެމް.އާރް އަށް ވިއްކާލާފަނޫންތޯ؟ ދެން އޮތީ މަންމަގެ ކަނޑިކި އެކަނި. އެ ވިއްކާލައި ދިވެހިން ލަދުގަންނުވާން ރައީސް ސޯލިހު ބޭނުންމެއް ނުވާނެ،" ލަތީފު ވިދާޅުވިއެވެ.
ލަތީފު މިހެން ވިދާޅުވީ މި އަހަރު ބާކީ އޮތް ދެ މަހަށް ޗައިނާއަށް އަނބުރާ 83 މިލިއަން ޑޮލަރު ދައްކަންޖެހޭތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ދެއްކެވި ވާހަކައަށް ރައްދު ދެއްވައެވެ. މި ސަރުކާރަށް ދެ އަހަރު ފުރުމާ ގުޅިގެން އެމްޑީޕީގެ ހަރުގޭގައި މިއަދު އޮތް ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ތަރައްގީވެ ކުރިއަރަމުން އަންނަ ބިޔަ ބޮޑު ޗައިނާއިން، ހަތަރު ލައްކަ މީހުން ކައިރީގައި "ފަށްޓަރުބައި ވިއްކާފައި" ބޭންކުތަކަށް މާދަމާ ލާރި ގެންނާށޭ ބުނުމަކީ އަޖައިބުވެ އަންތަރީސްވެވަޑައިގަންނަވާ ކަމެއް ކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވީ އަންނަ އަހަރަށް ލަފާކުރާ ދަރަނި ބޮޑު ބަޖެޓް ކިތަންމެ ހުތުރަސް، އެ ހަޑި ހުތުރުކަމަކީ މި ސަރުކާރުން ގެނައި އެއްޗެއް ނޫން ކަމަށާއި ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުން ނެގި ދަރަނި ދައްކަން މި ޖެހެނީ އަމިއްލަ ފަށްޓަރުބައި ވިއްކާލަން ކަމަށެވެ.
ރައީސް ނަޝީދު އަދި ވިދާޅުވީ މާލެ ކައިރީގައި އޮންނަ، އެސް.ޓީ.އޯގެ ތެޔޮ ރައްކާކުރާ ގުއިފުނަދޫ ބޮޑުކުރަން ރައީސް ޔާމީންގެ ސަރުކާރުން 2015 ވަނަ އަހަރު 35 މިލިއަން ޑޮލަރުގެ ބޮންޑެއް ވިއްކާފައިވާ ކަމަށެވެ. އެ ބޮންޑަށްވާ ފައިސާގެ ތެރެއިން ދެ މިލިއަން ޑޮލަރު އަންނަ މަހުގެ 15 ގައި އަނބުރާ ދައްކަން ޖެހުނަސް އެ ލޯނު ނަގައިގެން ކުރި ކަމެއް ފެންނަން ނެތް ކަމަށެވެ. އަދި އޭގެ ފަހުން ސްޓެލްކޯގެ ފަސް ވަނަ ޕަވަރ ޖެނެރޭޝަން ޕްރޮޖެކްޓަށް ކަމަށް ބުނެ 75 މިލިއަން ޑޮލަރުގެ ލޯނެއް ވެސް ނަގާފައިވާ ކަމަށާއި އެ ލޯނަށް އަންނަ މަހުގެ 27 ގައި 3.1 މިލިއަން ޑޮލަރު ދައްކަންޖެހޭ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.
"ބެއްލެވުމެއް ނެތް، އޮޅުންފިލުއްވުމެއް ނެތް، ވިޔަފާރީގެ ދެކޮޅު ޖެހުމެއް ބަލައިލުމެއް ނެތް، ހަމަ ރުފިޔާ ވީމަ، ލިބެން އޮތީތީ ނަންގަވަމުން ނަންގަވަމުން ގެންދެވީ،" ރައީސް ނަޝީދު ވިދާޅުވި އެވެ.
ރައީސް ޔާމީނު ސަރުކާރުގެ ބޮލުގައި ދަރަނިތައް އެޅުވި މައްސަލައިގައި ޕީ.ޕީ.އެމް އާއި ޕީ.އެން.ސީ އަށް ނިސްބަތްވާ ބޭފުޅުން ގެންދަވަނީ ރައީސް ނަޝީދަށް ވަރުގަދައަށް ރައްދު ދެއްވަމުންނެވެ.
ޕީ.އެން.ސީގެ ނައިބު ރައީސް އަދި ބާރަށު ދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވީ ރައީސް ނަޝީދު އިސްތިއުފާ ދެއްވުމުން، ރައީސް ޑރ. މުހައްމަދު ވަހީދުގެ ސަރުކާރު ފެށުމާއެކު އިންޑިއާއިން ވަގުތުން ވަގުތަށް ދައްކަން މަޖުބޫރުކޮށްގެން 50 މިލިއަން ޑޮލަރުގެ ދަރަނި، އެއްފަހަރާ އިންޑިއާއަށް ދޭންޖެހުނު ކަމަށެވެ.
ޑރ ވަޙީދުގެ ވެރިކަން ފެށުމާއެކު އިންޑިއާއިން ވަގުތުން ވަގުތަށް ދައްކަން މަޖުބޫރުކޮށްގެން 50މިލިއަން ޑޮލަރުގެ ދަރަނި އެއްފަހަރާ އިންޑިއާއަށް ދޭންޖެހުނު. މިއީ ރާއްޖޭގެ ތާރީޚުގައި މިގޮތަށް ދައްކަން މަޖުބޫރުވި އެންމެ ބޮޑު ދަރަނި.
— Ibrahim Shujau ???? (@shuja3831) November 17, 2020
ޝުޖާ ކުރެއްވި އެހެން ޓްވީޓެއްގައި ވިދާޅުވީ ރައީސް ނަޝީދު ސަރުކާރުގައި އިންޑިއާގެ ޖީ.އެމް.އާރަށް މާލޭ އިންޓަނޭޝަނަލް އެއާޕޯޓު ވިއްކާލި އެގްރިމަންޓް ބާތިލްކޮށްލުމުން، ބަދަލުގެ ގޮތުގައި ޖީއެމްއާރަށް 300 މިލިއަން ޑޮލަރު އެއްދުވަހާ ރައީސް ޔާމީންގެ ސަރުކާރުން ދަންކަން ޖެހުނު ކަމަށެވެ. އަދި އެކަމަށް އެންމެ ލޯލާރިއެއްވެސް ފަސްކޮށްނުދިން ކަމަށެވެ.
އެންމެ ލޯލާރިއެއްވެސް ފަސްކޮށްނުދީ ޖީއެމްއާރަށް ބަދަލުގެ ގޮތުގައި 300 މިލިއަން ޑޮލަރު އެއްދުވަހާ ދޭން ޖެހުނު. މިއީ ދައުލަތުގެ ޚަޒާނާއިން އެއް ފަހަރާ ބޭރު ޤައުމެއްގެ ކުންފުންޏަކަށް ދޭންޖެހުނު އެންމެ ގިނަ ފައިސާ.
— Ibrahim Shujau ???? (@shuja3831) November 17, 2020



advertisment
One Response
އަހަރުން ނުބުނަށް ކަންމަތީ ފޮތުގައި ޖަހާފައި ބުރިޖްއަޅަން … ނިކަމެތިކަމާއެކީ ރަށުގައި މިތިބީ …