Support Us

ސުޖާ ވަގުތުން ދޫކޮށްލުމަށް އިދިކޮޅު ކޯލީޝަނުން ގޮވާލައިފި

ނަސްރުގެ ދުވަސް ފާހަގަކުރަން އިދިކޮޅު ޕީއެންސީ/ޕީޕީއެމް ކޯލީޝަނުން މިރޭ ބޭއްވި މަގުމަތީ ބައްދަލުވުމެއްގައި ފުލުހުން ހައްޔަރުކުރި ޕީއެންސީގެ ނައިބު ރައީސް އިބްރާޙިމް ސުޖާ ވަގުތުން ދޫކޮށްލުމަށް އިދިކޮޅުން ގޮވާލައިފިއެވެ.

"ބަޑި ބުރާސްފަތި" މިނަމުގައި އިދިކޮޅު ކޯލިޝަނުން، ޕީޕީއެމް އޮފީސް ކުރިމަތީގައި އެއްވުމެއް ބާއްވާފައި މި ވަނީ ކާނިވަލް ސަރަހައްދުގައި ޖަލްސާ ބޭއްވުމަށް ހުއްދަ ނުލިބުމުންނެވެ. މިރޭގެ އެއްވުން ބާއްވާފައި ވަނީ ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ ގައިޑްލައިންތަކާ ހިލާފަށް އެއްވުން ނުބޭއްވުމަށް ފުލުހުން ނަސޭހަތްތެރިވަމުން ދަނިކޮށެވެ.

ފުލުހުން ބުނީ އެޗްޕީއޭގެ ގައިޑްލައިންތަކާ ހިލާފަށް އެއްވުން ނުބޭއްވުމަށް ތަކުރާރުކޮށް ނަސޭހަތްތެރިވެފައިވާ ކަމަށާއި ސުޖާއު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ އެންގުމާ ހިލާފްވެގެން ކަމަށެވެ.

މީގެ ކުރިން ވެސް މާލޭގައި އިދިކޮޅުން ބޭއްވި މިފަދަ އެއްވުމެއްގައި ސުޖާއު ވަނީ އެޗްޕީއޭގެ ގައިޑްލައިންތަކާ ހިލާފުވެގެން 1000ރ. އިން ޖޫރިމަނާ ވެސް ކޮށްފަ އެވެ.

ފުލުހުން ސުޖާ ހައްޔަރުކޮށްގެން ގެންދަނީ

ސުޖާ ހައްޔަރުކުރުމާ ގުޅިގެން ޕީއެންސީ/ޕީޕީއެމް ކޯލީޝަނުން އިނގިރޭސި ބަހުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ސުޖާ ހައްޔަރުކުރީ 32 ވަނަ ނަސްރުގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ސުލްހަވެރި އެއްވުމެއްގެ ތެރެއިން ކަމަށެވެ. އަދި ޕީއެންސީ/ޕީޕީއެމް އޮފީސް ކުރިމަތީގައި މި އެއްވުން ކުރިއަށްދިޔައީ ކޮވިޑް19 އާ ގުޅިގެން، ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައި، ގައިދުރުކޮށް ކަމަށެވެ.

"…ޕީއެންސީގެ ނައިބު ރައީސް އިބްރާޙިމް ސުޖާ، އެއްވެސް ޝަރުތެއް ނެތި، ވަގުތުން ދޫކޮށްލުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށާއި އެ މަނިކުފާނުގެ ޅިޔަނު، ޕޮލިސް ކޮމިޝަނަރ މުހައްމަދު ހަމީދަށް މި ކޯލީޝަނުން ގޮވާލަމެވެ."

ދިވެހިންގެ ބަޔަކާއި ތަމަޅަ ޓެރަރިސްޓު ޖަމާއަތެއް ގުޅިގެން، 3 ނޮވެމްބަރު 1988 ގައި މާލެއަށް ދިން އުދުވާނީ ހަމަލަ ނާކާމިޔާބުކޮށްލެެވުމާ ގުޅިގެން، ކޮންމެ އަހަރަކު ވެސް "ނަސްރުގެ ދުވަހު"ގެ ގޮތުގައި ނޮވެމްބަރު 3 ފާހަގަ ކުރަމުން އަންނަ ކަމަށާއި ނަމަވެސް، އެ ދުވަހުގެ ހަގީގަތްތައް ފޮރުވަން އެމް.ޑީ.ޕީން ދޮގު ވާހަކަތައް ފަތުރަމުންދާކަން ވެސް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. އަދި ނޮވެމްބަރު 3 ގެ ބަޣާވާތުގެ އަޑީގައި ތިބީ ވެރިކަންކުރާ އެމް.ޑީ.ޕީގެ ލީޑަޝިޕާ ގުޅިފައިވާ މީހުން ކަމަށާއި އެކަމުގެ އިސް މީހަކަށް ހުރި ސިއްކަ އަހުމަދު އިސްމާއިލް މަނިކަކީ ރައީސް ސޯލިހާއި ޕޮލިސް ކޮމިޝަނަރ ހަމީދުގެ ބަފާބެކަން ވެސް ވަނީ ފާހަގަކޮށްފައެވެ. އަދި ސިފައިންގެ އަށް މީހުންނާއި އާންމުންގެ 11 މީހުން ޝަހީދުކޮށްލި ނުރައްކާތެރި ހަމަލާ ރޭވުމުގައާއި ޚަރަދު ކުރުމުގައި އެންމެ އިސް ދައުރެއް އަދާކުރިކަން ޝަރީއަތަށް ސާބިތުވެ ހުކުމް ކުރުމުން ސިއްކަ އަހުމަދު އިސްމާއިލް މަނިކު ވަނީ 15 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކޮށްފައިކަން ވެސް ފާހަގަކޮށްފައިވެއެވެ.

ކޮވިޑް19 އާ ގުޅިގެން މާލެތެރޭގައި އެއްފަހަރާ 30 މީހުންނަށް ވުރެ ގިނަ މީހުން އެއްވެ އުޅުމަކީ މަނާކަމެއްގެ ކަމުގައި ހެތްލް ޕްރޮޓެކްޝަން އެޖެންސީން ވަނީ ކަނޑައަޅާފަ އެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *