ފިރިމީހާގެ ޖިންސީ ގޯނާގެ ޝިކާރައަކަށްވެ 2015ވަނަ އަހަރު ގދ. ތިނަދޫން މަރުވި ޒިޔާދާ ނައީމުގެ އޭރުގެ ފިރިމީހާ އިބްރާހިމް ޝާހު މަހަށް ގޮސް އުޅެނިކޮށް ކުއްލި ގޮތަކަށް ރޭ މަރުވެއްޖެއެވެ.
އުމުރުން 45 އަހަރުގެ ޝާހުގެ ބޭބެ އަހުމަދު ޝާހު "އަދިވެސް" އަށް ބުނީ އޭނާގެ ކޮއްކޮ އަކީ އެއްވެސް ކަހަލަ ސިއްހީ މައްސަލައެއް ހުރި މީހެއް ނޫން ކަމަށެވެ. ހުވަދު އަތޮޅު ތެރެއަށް ޝާހު މަހަށް ނިކުމެ އުޅޭތާ ދެ ހަފްތާއެއްހާ ދުވަސް ވެފައިވަނިކޮށް ކުއްލިއަކަށް އޭނާ މަރުވީ އެ މީހުން މަހަށް ގޮސްއުޅުނު ދޯނި ކޫއްޑޫ އަށް މަސްކިރުވަން ދަނިކޮށެވެ.
ކޮންމެ ދުވަހަކު ވެސް ހާލުބަލާ ހަދަން އާދައިގެ މަތިން ގުޅާ އުސޫލުން ރޭ ވެސް އިރާކޮޅު ޝާހު ގުޅި ކަމަށް އަހުމަދު ބުންޏެވެ. ނަމަވެސް އޭގެ ގާތްގަނޑަކަށް ދެ ގަޑިއެއްހާއިރު ފަހުން އެ ދޯނިން މީހަކު ގުޅާފައި ކޮއްކޮ މަރުވި ވާހަކަ ބުނުމުން ވަރަށް ބޮޑު ހިތާމައަކާއި ހައިރާން ކަމެއް ލިބުނު ކަމަށް އަހުމަދު ބުންޏެވެ.

"ޝާހާ އެކު އޭނާގެ ދެބެންގެދެދަރި ކޮއްކޮއެއް ވެސް ހުރި އެ ދޯނީގައި. އޭނާ ބުނީ އިއްޔެ މަހަކުން ބުޅިއެއް ނައްޓަން އުޅުމުގެ ތެރޭގައި އެ މަސް ވިއްސައިގެން ގޮސް ޝާހުގެ މޭމަތީގައި ޖެހުނު ވަގުތު ވަރަށް ބޮޑަށް މެޔަށް ތަދުވި ވާހަކަ ޝާހު ބުނި ކަމަށް. އޭގެ ފަހުން ވެސް ޝާހު އަޅުގަނޑާ ފޯނުން ވާހަކަ ދެއްކި. ހަމަ އާދައިގެ މަތިން ކޮންމެ ދުވަހަކު ވެސް ގުޅައިގެން މިއަދު ވާހަކަ ދެއްކީ. ހާލު އަހުވާލު ބަލާ ހެދި،" އައްޑޫގެ މަސް ބޯޓެއްގައި މަސްކިރުމުގައި ހަރަކާތްތެރިވާ ޝާހުގެ ބޭބެ އަހުމަދު ޝާހު ރޭ ކިޔައިދިނެވެ.
ޝާހުގެ ބޭބެ ބުނިގޮތުގައި ކޮއްކޮ މަރުވީ ސީދާ ކީއްވެގެންކަން އަދި އެނގިފައެއްނުވެ އެވެ.
ޝާހު މަހަށް ދިޔަ ދޯނީގެ ކެޕްޓަން ހަސަން ތަކުރުފާނު ކިޔައިދިން ގޮތުގައި ޝާހު މަރުވީ އެމީހުން ކޫއްޑޫއަށް މަސް ކިރަން ލަފަން ދޮޅުގަޑިއިރަށް ކައިރިވެފައި ހުއްޓަ އެވެ.
"ޝާހު ޖޯލީގައި ހަބަރެއް ނެތި އެހެން އޮންނަން ފެށީމަ އޭނާއަށް ގޮވުމުން އެނގުނީ މަރުވެފައިކަން އޮތީ. ޝާހުގެ ކޮއްކޮ ގޮވީ ބޭބެއޭ ކޫއްޑޫއަށް ވަންނަނީއޭ ތެދުވާށޭ ކިޔައިފައ،ި" ކައްޕި "އަދިވެސް" އަށް ކިޔައިދިނެވެ.
އެ ދޯނި އޭރު އޮތީ ވިލިގިއްޔާ ވަރަށް ކައިރީގައި ކަމުން ޝާހު ވަނީ ފަސް ވަރަކަށް މިނެޓް ތެރޭގައި ވިލިނގިއްޔަށް ގެންގޮސްފައެވެ. ނަމަވެސް އޭރު ފުރާނައެއް ނެތެވެ.
ގދ. ތިނަދޫ، ޖަވާހިރުމާގޭ ދެކުނުބައި، ޝާހު އޭނާގެ އަންހެނުން ޒިޔާދާ އަށް ކުރި އަނިޔާވެރި ޖިންސީ ގޯނާގެ އަމަލްތަކުގެ ސަބަބުން 2015 ވަނަ އަހަރު ޒިޔާދާ މަރުވި މައްސަލާގައި ތިން ދައުވާއެއް ޝާހުގެ މައްޗަށް ދައުލަތުން ކުރިއެވެ. އެއީ ފިރިމީހާ، އަނބިމީހާ ރޭޕްކުރުމުގެ ދައުވާ އާއި މީހަކު މަރުވެ ދިއުމުގެ އިހުމާލުގެ އަމަލެއް ކުރުމުގެ ދައުވާ އާއި މީހަކު މަރުވެ ދިއުމުގައި ފަރުވާ ކުޑަ އަމަލެއް ކުރުމުގެ ދައުވާއެވެ. އޭގެ އިތުރުން އޮރިޔާން ކާޑު ގެންގުޅުމުގެ ދައުވާ ވެސް ޝާހުގެ މައްޗަށް ކުރިއެވެ. ނަމަވެސް އެ ދައުވާތައް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން މިދިޔަ އަހަރު މާޗުގައި ހުކުމްކޮށް، ޝާހު ވަނީ ޖަލުން ދޫކޮށްލައިފަ އެވެ. ނަމަވެސް އެ މައްސަލަ ދައުލަތުން އިސްތިއުނާފު ކުރުމުން، ޝާހުގެ މައްޗަށް ތިން އަހަރުގެ ޖަލު ހުކުމެއް މި މަހުގެ ފުރަތަމަ ދުވަހު ހައިކޯޓުން އިއްވިއެވެ. އެކަމަކު ދަށު ކޯޓުގެ ޝަރީއަތް ދިގުލައިގެން ގޮސް ޖަލުގައި ތިން އަހަރު ހަމަވެފައިވާތީ، އޭނާ ފަހުން ޖަލަށް ނުލައި ދޫކޮށްލީއެވެ.
"އެ މައްސަލައިގައި 2015 ވަނަ އަހަރުން ފެށިގެން ޝާހު ތިން އަހަރާއި ހަތަރު މަސް ދުވަހު ޖަލު ބަންދުގައި ބެހެއްޓި. އަދި 2019 ވަނަ އަހަރުގެ މާޗް މަހު ކޮއްކޮ (ޝާހު) ތިނަދޫއަށް އައީ އެ މައްސަލަ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ނިންމުމާ ގުޅިގެން. އަދި އެ މައްސަލަ ދައުލަތުން އަލުން ހައިކޯޓުގައި އިސްތިއުނާފް ކުރުމުން، މައްސަލާގެ ޝަރީއަތަށް ކޮއްކޮ ހާޒިރުވެފައިވަނީ ރަށުގައި ހުރެފައި ގޮސް،" ޝާހުގެ އެހެން ބޭބެއެއް ކަމަށްވާ މުހައްމަދު ޝާހު، ރަށުގައި ހުރެގެން "އަދިވެސް" އަށް ކިޔައިދިނެވެ.
ޑިޕާޓްމަންޓް އޮފް ކަރެކްޝަންސްގެ މީޑިއާ އޮފިޝަލް ވެސް "އަދިވެސް" އަށް ވިދާޅުވީ ޝާހުގެ މައްޗަށް ހައިކޯޓުން ތިން އަހަރުގެ ހުކުމެއް އިއްވިއިރު ވެސް ޖަލު ބަންދުގައި ހުންނަތާ ތިން އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާ ކަމަށާއި މަރުވިއިރު ޝާހު ހުރީ ކަރެކްޝަންސްގެ ބެލުމުގެ ދަށުގައި ނޫން ކަމަށެވެ.
"ޝާހު މަރުވިއިރު އޭނާ ހުރީ ކަރެކްޝަންސްގެ ބެލުމުގެ ދަށުގައެއް ނޫން. އޭނާގެ މައްޗަށް ތިން އަހަރުގެ ހުކުމެއް އައިއިރު ޖަލު ބަންދުގައި ތިން އަހަރަށް ވުރެ ގިނަ ދުވަސް ވަނީ ހޭދަކޮށްފައި. އެހެންވެ ގާނޫނުގައި އޮންނަ ގޮތުން އޭނާގެ ހުކުމްގެ މުއްދަތު ޖަލު ބަންދުން ކެނޑޭނެ،" އޮފިޝަލް ވިދާޅުވި އެވެ.
ދަށު ކޯޓުގެ މަރުހަލާއިން ސަލާމަތްވެ ޖަލުން ދޫކޮށްލުމުން ޝާހު ވަނީ މިދިޔަ އަހަރު މާޗުގައި ރަށަށް ގޮސް، އާ ކައިވެންޏެއް ވެސް ކޮށްފައެވެ.
ޒިޔާދާގެ މަރާ ގުޅިގެން، ޝާހުގެ އެހެން މައްސަލަތަކެއް ވެސް ހައިކޯޓުގައި އެބަހުއްޓެވެ.
ޝާހުގެ ޖަނާޒާ އަށް އޭނާގެ ހަށިގަނޑު މިއަދުގެ ވަގުތެއްގައި ތިނަދުއަށް ގެންދާ ގޮތަށް ވަނީ ހަމަޖެހިފައެވެ.



advertisment