Support Us

ތިނަދޫގެ ކުރީގެ ހުކުރު މިސްކިތް ހުރި ބިން، ފަޅުވެ ވާވެފައި.   -އަދިވެސް ފޮޓޯ: މުހައްމަދު އަޚުތަރު

ތިނަދޫގައި "ޙިމާޔަތްކޮށްފައި" އޮތް ބިމެއް ވާވެ، ނާމާންވެފައި އޮންނަތާ އެތައް އަހަރެއް

ތާރީޚީ ގޮތުން މުހިއްމު ތަންތަން ހިމާޔަތް ކުރުމަކީ ކޮންމެ ސަރުކާރަކުން ވެސް ވަރަށް ބޮޑަށް ސަމާލުކަން ދީގެން ކުރަމުން ގެންދާ ކަންކަން ކަމުގައި ބުނެ އުޅެއެވެ. ނަމަވެސް ގދ. ތިނަދޫގައި ހުރި އެފަދަ އެއްވެސް ތަނެއް އެ ފަދަ ޙިމާޔަތެއް ކޮށްފައެއް ނުވެއެވެ. ތިނަދޫ ކުޅި އާއި ލާޓް ދަގަނޑު ފަދަ ތާރީޚީ މުހިންމު ތަންތަން ސަރުކާރުން "ޙިމާޔަތް ކޮށްފައި" ކަމަށް ވިދާޅުވުން ފިޔަވައި އިތުރު ކަމެއް ކޮށްފައިވާ ތަނެއް ނުފެނެއެވެ. މިއީ މި ރަށުގެ ރައްޔިތުންގެ ކަންބޮޑުވުން އިންތިހާއަށް އޮތް ކަމެކެވެ.

ތިނަދޫގެ ކުރީގެ ހުކުރު މިސްކިތް   -އަދިވެސް ފޮޓޯ: މުހައްމަދު އަޚުތަރު

ތިނަދޫގެ ކުރީގެ ހުކުރު މިސްކިތަކީވެސް އާސާރީ ތަނެކެވެ. އެއީ އެތައް އަހަރެއް ވަންދެން ރައްޔިތުން ނަމާދުކުރި މިސްކިތެކެވެ. އެ ތަނުގެ ތާރީޚުގެ ތަސްފީލެއް ނޭނގެއެވެ. އެއީ ރައްޔިތުންގެ ތަކެއްޗާއި ބުރަ މަސައްކަތް ތަކެއް އެތަނަކަށްޓަކައި ޤުރުބާންކުރި ބިނާއެކެވެ. ދާދި ފަހަކާ ޖެހެންދެން ވެސް އެ ހުކުރު މިސްކިތް ފެންނާން ހުއްޓެވެ.  "ފެންމީރު" ކަމަށް ބުނާ ވަޅު, ނުވަތަ "ހޮއްވަޑާ" ވެސް ހުރީ އެ މިސްކިތުގެ ހަރިންމަތެރޭގައެވެ. އަދި އެފަދަ އިތުރު ވަޅުތައް ވެސް އެ ޙަރިންމަ ތެރޭގައި ހުއްޓެވެ. އެ މިސްކިތުގެ ހަރިންމަތެރޭގައި ވަޅުލައިފައިވާ ގަބުރު ތަކެއް ހުރިކަން 2008 ވަނަ އަހަރާ ހިސާބުގައި ސާބިތުވެ, ނަމާދުކުރުން ސައްޚަ ނުވާނެ ކަމަށް ޢިލްމުވެރިން ބުނުމާ ގުޅިގެން އެ މިސްކިތުގައި ނަމާދު ކުރަން ހުއްޓުވައި އެތަން ބަންދުކުރި އެވެ. އަދި އޭގެ އަހަރެއް ދެ އަހަރެއް ފަހުން އެ ބިނާ ތަޅާލައި ގަބުރުތައް ވެސް އެތަނުން ނެގިއެވެ. މިސްކިތް ތަޅައި ބިން ސާފުކުރަން ފެށުމާ އެކު އެތަނުން އިތުރު އިމާރާތެއްގެ ބައިތަކެއް ފެނުނެވެ. ބުނެވޭ ގޮތުގައި އެއީ މީގެ 300 އެތައް އަހަރެއް ކުރިން ދެއްވަދޫ ރަސްގެފާނު ބިނާކުރެއްވި މިސްކިތެކެވެ. އެހާ ހިސާބުން ތާރީޚީ "ތަރިކައަކަށް" އެތަން ބަދަލުވެ ސަރުކާރުގެ ބާރުގެ ދަށަށް އެ ތަނާއި މުޅި ބިން ބަދަލުވެ، އެތަނުގައި އެހެން ބަޔަކަށް އަތްވެސް ނުލެވޭ ހިސާބަށް ދިޔައެވެ. އެއަށްފަހު 2013 ގައި ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ވެރިކަން ފެށުމާއެކު ދެން އިވުނީ މުޅިން ތަފާތު ވާހަކައެކެވެ. މާލޭގައި ހުރި ކަޅުވަކަރު މިސްކިތް ތިނަދޫ އަށް ބަދަލުކުރާ ވާހަކައެވެ. ނަމަވެސް ރައީސް ޔާމީނުގެ ފަސް އަހަރުގެ ދައުރު ނިމިދިޔައިރު ވެސް އެކަމެއް ނުވިއެވެ. އޭގެ ފަހުން، 2018 ގައި ރައީސް އިބްރާޙިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ކަޅުވަކަރު މިސްކިތް މިހާރު ވަނީ މާލޭގެ އެހެން ތަނެއްގައި އަލުން ރާވައިފައެވެ.

ތިނަދޫގެ ކުރީގެ ހުކުރު މިސްކިތް ހުރި ބިން، ފަޅުވެ ވާވެފައި.   -އަދިވެސް ފޮޓޯ: މުހައްމަދު އަޚުތަރު

ރައީސް ސޯލިހުގެ ސަރުކާރަށް ދެ އަހަރު ވާން ދާއިރުވެސް އެ ބިން އަދިވެސް އޮތީއެވެ. "ހެރިޓޭޖް ހުކުމް" އިއްވާފައިވާ 40 ހާސް އަކަ ފޫޓުގެ އެ ބިން މިހާރު އޮތީ ވަލަކަށްވެފައެވެ. ކުޑަމިނުން އެތަން ރަނގަޅަށް ސާފުކޮށް ބެލެހެއްޓުމެއް އެސް ނެތެވެ. މި ވާހަކަތައް މިވަރަށް ދައްކާއިރު ތިނަދޫ ކައުންސިލުން އެކަމަށްޓަކައި ކުރީ ކޮން ކަމެއްހޭ ސުވާލު އުފެދުމަކީ ވެސް ވެދާނެ ކަމެކެވެ.

"ތިޔަ ކަމުގައި އަޅުގަނޑުމެންނަށް ކުރެވޭނެ މާބޮޑު ކަމެއް ނެތް. އެ ބިން އެ އޮތީ ހެރިޓޭޖުގެ ބެލުމުގެ ދަށުގައި،" ތިނަދޫ ކައުނިސިލްގެ މެމްބަރަކު ވިދާޅުވިއެވެ.

ތިނަދޫ ރަށް މެދުގައި އޮތް ހުކުރު މިސްކިތު ބިން ވަލަކަށްވެ، ފަޅުވެފައި އޮންނަތާ ވަރަށް ގިނަ އަހަރު ތަކެއް ވެއްޖެއެވެ. އޭގެ ސަބަބުން މުޅި ހިސާބު ވަނީ ފަޅުވެ ނާމާންވެފައެވެ. ދިރުން ގެއްލި، ވީރާނާކަން ވެރިވެފައެވެ.

ތިނަދޫގެ ކުރީގެ ހުކުރު މިސްކިތް ހުރި ބިން، ފަޅުވެ ވާވެފައި.   -އަދިވެސް ފޮޓޯ: މުހައްމަދު އަޚުތަރު

ހެރިޓޭޖާ ބެހޭ ވަޒީރު ޔުމްނާ މައުމޫން މީގެ އަހަރެއް ކުރިން ތިނަދޫ އަށް ކުރެއްވި ދަތުރުފުޅެއްގައި ބައްދަލުވުމުން އެ ބިމާބެހޭ ގޮތުން އަޅުގަނޑު ސުވާލު ދެންނެވީމެވެ. ވަޒީރު ވިދާޅުވީ އެ ތަނާ ބެހޭ މަޝްވަރާތައް ކުރިޔަށްދާ ކަމަށެވެ. އެއީ ކިހިނެއް، ކޮން ގޮތަކަށް ކުރާ މަޝްވަރާތަކެއް ކަމެއް ނޭނގެއެވެ. ތިނަދޫ ރައްޔިތުން އަދިވެސް ތިބީ އެ މަޝްވަރާތައް ނިމި، އެ ބިމުގެ ފަޅުކަން ފިލާނެ ދުވަހެއްގެ އިންތިޒާރުގައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *