Support Us

ބަހްރައިންގައި އިއްޔެ ބޭއްވި ޖީ.ސީ.ސީ ހާރިޖީ ވަޒީރުންގެ ބައްދަލުވުމުގައި ސައޫދީ އަރަބިއްޔާގެ ހާރިޖީ ވަޒީރު ފައިސަލް ބިން ފަރްހާން އަލް ސައުދު

ހޫތީންނަކީ ޓެރަރިސްޓުންކަމަށް ކަނޑައަޅަން ޖީ.ސީ.ސީން ގޮވައިލައިފި

ހޫތީންނަކީ ޓެރަރިސްޓުންކަމަށް ކަނޑައަޅަން ގަލްފު ކޯޕަރޭޝަން ކައުންސިލް (ޖީ.ސީ.ސީން) ގޮވައިލައިފިއެވެ.

ގަލްފު ގައުމުތަކުގެ ސަރުކާރުތަކުގެ މެދުގައި އުފައްދައިފައިވާ ސިޔާސީ އަދި އިގުތިސާދީ އެ ޖަމިއްޔާ އިއްޔެވަނީ ސައޫދީ އަރަބިއްޔާއަށް ހޫތީން ދެމުންދާ ހަމަލާތައް ކުށްވެރިވެސްކޮށްފައެވެ.

ސައޫދީ އިސްވެ އޮތް ބާރުތަކުން ސައޫދީގެ ވެރިރަށް ރިޔާޒް ކައިރިންނާއި އީސްޓަން ޕްރޮވިންސުން ޑްރޯންތަކެއް ވައްޓައިލައިފައިވައިއިރު ހަ ގައުމު ހިމެނޭ ޖީ.ސީ.ސީ އިއްތިހާދުންވަނީ އަމިއްލަ ނަފުސުގެ ދިފާއުގައި ފިޔަވަޅު އަޅަން ސައޫދީއަށް އޮތް ހައްގަށް ތާއީދުކޮށްފައެވެ. އަދި ހޫތީންނަށް ހަތިޔާރު ފޯރުކޮށްދިނުމާ ދެކޮޅަށް އދ.އިން އަޅައިފައިވައި ފިޔަވަޅުތައް އިތުރަށް ވަރުގަދައަށް ތަންފީޒުކުރުމަށްވެސް ޖީ.ސީ.ސީން އިލްތިމާސްކުރިއެވެ.

ދުނިޔޭގެ ހިޖުރަކުރުމާ ބެހޭ ޖަމިއްޔާ އިންޓަނޭޝަނަލް އޯގަނައިޒޭޝަން ފޯ މައިގްރޭޝަން (އައި.އޯ.އެމް)އިން ބުނީ ހަނގުރާމަ ވަރުގަދަވަމުންދާ މި ދަނޑިވަޅުގައި 233,000 އަށްވުރެ ގިނަ މީހުން ޔަމަންގައި ގެދޮރު ދޫކޮށް ދާން ޖެހިފައިވާކަމަށެވެ.

އދ.ގެ ދުނިޔޭގެ ސިއްހަތާ ބެހޭ ޖަމިއްޔާ ވޯލްޑް ހެލްތް އޯގަނައިޒޭޝަން (ޑަބްލިއު.އެޗް.އޯ) އިންޒާރުދިން ގޮތުގައި ޔަމަންގެ ތައިޒް ސިޓީގެ ހޮސްޕިޓަލްތަކަށްވަނީ ތެލާއި ބޭހާއި އަދި ސާޖިކަލް ސާމާނުގެ ތަދުމަޑުކަން އިންތިހާއަށް ކުރިމަތިވެފައެވެ.

"ޖީ.ސީ.ސީގެ މެންބަރު ގައުމުތަކުގެ ސަލާމަތަކީ އަހަރެމެންގެ ގައުމުތަކުގެ މެދުގައި އޮތް ވަކިނުކުރެވޭނެ އެއްޗެއް،" އެ ޖަމިއްޔާގެ ވަޒީރުންގެ ކައުންސިލުން އިއްޔެ ނެރުނު ބަޔާނެއްގައި ބުންޏެވެ.

ހޫތީންނަށް މިސައިލާއި ޑްރޯން ފޯރުކޮށްދިނުން ހުއްޓުވުމަށް ބައިނަލްއަގްވާމީ މުޖުތަމައަށް އެ ކައުންސިލުން އިލްތިމާސްވެސްކުރިއެވެ.

ހޫތީން ދަނީ މި ހަނގުރާމައިގެ އިލްޒާމް ސައޫދީ ކޯލިޝަންގެ ބޮލުގައި އަޅުވަމުންނެވެ.

ހޫތީންގެ އަސްކަރީ ތަރުޖަމާނު ޔަހްޔާ ސަރީއު ބުނީ ނަޖްރާން ކައިރިން ސައޫދީގެ ހެލިކޮޕްޓަރެއް ވައްޓައިލިކަމަށެވެ. ނަމަވެސް ސައޫދީ އިއްތިހާދުގެ ތަރުޖަމާނު މޭޖާ ޖެނެރަލް ތުރުކީ އަލް-މާލިކީ ބުނީ އެ އުޅަނދު ވެއްޓުނީ ފަންނީ މައްސަލައެއް ޖެހިގެންކަމަށާއި އެ ހެލިކޮޕްޓަރުގެ ދެ ފަޅުވެރިން މަރުވިކަމަށެވެ.

ދެ ފަރާތުގެ ހިޔާލުތަފާތުވުން ހުރި މައުލޫމާތުތަކުން ހާމަވަނީ ހަނގުރާމަ އިތުރަށް ވަރުގަދަވަމުންދާކަމެވެ. މީގެ ސަބަބުން ތަކެތި ފޯރުކޮށްދިނުމަށް ބުރޫއަރައި، ޔަމަންގެ އާންމު ރައްޔިތުންނަށް ކުރިމަތިވެފައިވާ ތަކެތީގެ ތަދުމަޑުކަންވަނީ އިތުރަށް ގޯސްވެފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *