މަކަރާއި ހީލަތުގެ މައްސަލަތަކާއި ނާދިރު މައުދަންތަކާ ގުޅޭ ގޮތުން އެމެރިކާއިން މިޔަންމާގެ އަސްކަރީ ވެރިންނާއެކު އަލުން މަޝްވަރާތައް ފަށައިފިއެވެ.
ރޮއިޓާސްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި މި ކަންތައްތަކާ ބެހޭ ދެ ވަނަ ބުރުގެ މަޝްވަރާތައް ބޭއްވީ ޖަޕާންގެ ވެރިރަށް ޓޯކްޔޯގައި މި މަހު 12 އިން 16 އަށެވެ.
މިއީ 2021 ގައި މިޔަންމާއަށް ގެނައި ބަގާވާތަށްފަހު އަސްކަރިއްޔާއިން ތާއީދުކުރާ އެ ގައުމުގެ ވެރިން އެކަހެރިކުރުމަށް އެމެރިކާއިން ގެންގުޅުނު ސިޔާސަތަށް ބަދަލެއް ގެނައިކަން ހާމަވާ ކަމެކެވެ.
އެމެރިކާގެ އިންޓެލިޖެންސާއި ދިރާސާތަކާ ގުޅޭ ވަޒީރުގެ ނައިބު މައިކަލް ވެންސް (ފޮޓޯ) އިސްވެހުރި ބައްދަލުވުމަކީ މި ދިޔަ މަހު މިޔަންމާގައި ބޭއްވި މަޝްވަރާތަކަށްފަހު ބޭއްވި ބައްދަލުވުމެކެވެ.
އެމެރިކާއިން މަސައްކަތްކުރަނީ އެމެރިކާގެ ރައްޔިތުންގެ އަތުން ބިލިއަން ޑޮލަރުން ގެއްލުންވެފައިވާ އޮންލައިން ސްކޭމް ހިންގާ މަރުކަޒުތައް ބަންދުކުރުމަށް މިޔަންމާގެ ފަރާތުން އެއްބާރުލުން ހޯދުމަށެވެ. އަދި އިލެކްޓްރިކް ވެހިކަލްތަކާއި ވައިގެ ހަކަތައިން ކަރަންޓު އުފައްދާ ޓާބައިންތައް ނުވަތަ ބުރަފަތިތަކުގައި ބޭނުންކުރާ މިޔަންމާގެ ނާދިރު މައުދަންތައް ލިބޭނެ މަގު ފަހިކުރަންވެސް އެމެރިކާއިން ދަނީ މަސައްކަތްކުރަމުންނެވެ.
އެމެރިކާގެ ހާރިޖީ ވުޒާރާގެ ތަރުޖަމާނަކު ބުނީ މި މަޝްވަރާތަކުގެ މަގުސަދަކީ "އެމެރިކާގެ ރައްޔިތުންނަށް، ހާއްސަކޮށް ބައިނަލްއަގްވާމީ ޖިނާއީ ކުށްތަކުގެ އަސަރުކޮށްފައިވާ މީހުންނަށް، އަމަލީ ގޮތުން ފައިދާތަކެއް ހޯދައިދިނުން"ކަމަށެވެ.
"މިޔަންމާގައި ހުރި މުހިންމު މައުދަންތަކާއި ނާދިރު މައުދަންތަކަކީ އެމެރިކާއިން އެންމެ ޝައުގުވެރިވާ މުހިންމު އުސްތުރާތީޖީ ވަސީލަތްކަމަށް ބެލެވޭ،" ބައިނަލްއަގުވާމީ ސިޔާސަތް ދިރާސާކުރާ އޮސްޓްރޭލިއާގެ މިނިވަން ތިންކް ޓޭންކް ލޯއީ އިންސްޓިޓޫޓްގެ ދެކުނުއިރުމަތީ އޭޝިއާގެ ޑިރެކްޓަރު ހަންޓާ މާސްޓަން ބުންޏެވެ.
މައުދަންތައް ގިނައިން ހުރީ މިޔަންމާގެ އަސްކަރިއްޔާއާ ދެކޮޅަށް ހަނގުރާމަކުރަމުންދާ ހަތިޔާރުއެޅި ޖަމާއަތްތަކުގެ ބާރުގެ ދަށުގައިވާ ސަރަހައްދުތަކުގައެވެ. އަދި އެ މައުދަންތައް އެންމެ ގިނައިން ގަންނަ ޗައިނާއިން، މިޔަންމާގެ އަތުން އެމެރިކާއިން އެ މައުދަންތައް ގަތުމާ ދެކޮޅުހެދުން އެކަށީގެންވެއެވެ.
ރޮހިންޔާ މުސްލިމުންނާ ދެކޮޅަށް ހިންގާފައިވާ އަނިޔާވެރި އަމަލުތައް ހިމެނޭހެން އިންސާނީ ހައްގުތައް ނިގުޅައިގަތުމުގެ މައްސަލަތަކާ ގުޅިގެން މިޔަންމާގެ އަސްކަރީ ވެރިންނާ ދެކޮޅަށް އެމެރިކާއިން އަޅާފައިވާ ފިޔަވަޅުތައް އަދިވެސްވަނީ ދަމަހައްޓައިފައެވެ.



advertisment