Support Us

ހުޅަނގު އައްސޭރީގައި ޔަހޫދީން ވަޒަންވެރިނުކުރަން ޗައިނާއިން އިސްރާއީލަށް ގޮވައިލައިފި

އިސްރާއީލުން ހިފައިފައިވާ ހުޅަނގު އައްސޭރީގައި އިސްރާއީލުގެ އާބާދީތައް ގާއިމުކުރުން ހުއްޓައިލުމަށް ޗައިނާއިން އިސްރާއީލަށް ގޮވައިލައިފިއެވެ.

އަޒަރުބައިޖާންގައި ބޭއްވި ބައްދަލުވުމެއްގައި، ހުޅަނގު އައްސޭރީގައި ޔަހޫދީންގެ އާބާދީތައް ގާއިމުކުރުން ހުއްޓައިލައި އަދި އެ ފަދަ ނިންމުންތައް އަނބުރާގެންދިއުމަށް ޗައިނާގެ ހާރިޖީ ވަޒީރު ވަންގް ޔީ (ފޮޓޯ) އިސްރާއީލުގެ ރައީސް އީޓްސްޗަކް ހެއަޓްސޮގަށް ވިދާޅުވިކަމަށް ޗައިނާގެ ހާރިޖީ ވުޒާރާއިން އިއްޔެ ނެރުނު ބަޔާނެއްގައި ބުންޏެވެ.

ވަންގް ވިދާޅުވީ ފަލަސްތީނުގެ މައްސަލައަކީ މި ގަރުނުގެ އެންމެ ބޮޑު ތާރީހީ ބޭއިންސާފުކަމަށް ޗައިނާއިން އަބަދުވެސް ދެކޭކަމަށެވެ.

އޭނާ ފާހަގަކުރެއްވި ގޮތުގައި "ދެ ދައުލަތުގެ ހައްލަކީ" މައްސަލައަށް އޮތް އެންމެ ރަނގަޅު މަގެވެ. އަދި އިންސާނީ "ކާރިސާއެއް" ފެތުރިގެން ދިޔަނުދިނުމަށްޓަކައި އެންމެ އިސްކަމެއް ދޭންޖެހޭ ކަމަކީ ގައްޒާއަށް އިންސާނީ އެހީ ވެއްދޭނެ މަގު ފުރިހަމައަށް ހުޅުވައިލުމެވެ.

ވަންގް އިތުރަށް ވިދާޅުވީ ވީއެންމެ އަވަސް މުއްދަތެއްގެ ތެރޭގައި އެންމެހައި ފަރާތްތަކުން އަލުން މަޝްވަރާތަކަށް ރުޖޫއަވުމަށް މަސައްކަތްކުރަން ޖެހޭނެކަމަށާއި ސިޔާސީ ހައްލެއް ހޯދުމަށް ބާރުއެޅުމަށްޓަކައި ބައިނަލްއަގްވާމީ މުޖުތަމައާއެކު މަސައްކަތްކުރުމަށް ޗައިނާ އޮތީ ތައްޔާރަށްކަމަށެވެ.

ޗައިނާގެ ދައުލަތުގެ ހަބަރު ފަތުރާ އެޖެންސީ ޝިންހުއާއިން ބުނީ ވަންގް އަޒަރުބައިޖާންގެ ވެރިރަށް ބާކޫގައި ބުރާސްފަތި ދުވަހު ބޭއްވި، އޭޝިއާގެ ގައުމުތަކުގެ މެދުގައި އިތުބާރު އުފެއްދުމާ ގުޅޭ، އެންމެ މަތީ ވެރިންގެ ހަތް ވަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތީ ރައީސް ޝީ ޖިންޕިންގެ ހާއްސަ މަންދޫބެއްގެ ގޮތުގައިކަމަށެވެ.

ފާއިތުވި ދަހަރުގައި ފުރަތަމަ ފަހަރަށް ޝީވަނީ މިސްރަށް ދަތުރެއްކުރައްވައިފައެވެ. އެއީ މި ދިޔަ ސެޕްޓެމްބަރުގައެވެ.

މިސްރުގެ ވެރިރަށް ގާހިރާއަށް ޒިޔާރަތްކުރައްވައި، މިސްރުގެ ރައީސް އަބްދަލްފައްތާހު އަލް-ސީސީއާ ބައްދަލުކުރައްވައި، ބޭރުގެ ނުފޫޒުތަކާ ދެކޮޅުހެދުމަށާއި ސަރަހައްދީ ސަލާމަތްތެރިކަމުގެ އިންތިޒާމު އަލުން ތަރުތީބުކުރުމާމެދު ވިސްނުމަށް މެދުއިރުމަތީގެ ގައުމުތަކަށް ޝީ އިލްތިމާސްކުރެއްވިއެވެ.

ޝީގެ އެ ނާދިރު ޒިޔާރަތް ކުރައްވައިފައިވަނީ އެމެރިކާ-އިސްރާއީލު އިއްތިހާދުން އީރާނާ ދެކޮޅަށްކުރާ ހަނގުރައިމައިގެ ތެރޭގައި މެދުއިރުމަތީގައި ޗައިނާގެ ނުފޫޒު ފުޅާކުރުމަށް ޗައިނާއިން މަސައްކަތްކުރަމުންދާ ދަނޑިވަޅެއްގައެވެ.

މިސްރުގެ ރައީސްގެ ތަރުޖަމާނު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ މަޝްވަރާތަކުގައި އެމެރިކާ-އިސްރާއީލު އިއްތިހާދުން އީރާނާ ދެކޮޅަށްކުރާ ހަނގުރާމައަށް އަލިއަޅުވައިލައްވައިފައިވާއިރު، "ހަނގުރާމަ ނިންމުމަށް ފުރިހަމަ އެއްބަސްވުމަކަށް" އައުމަށްޓަކައި "ޑިޕްލޮމެޓިކް ހައްލުތަކަށް" ދެ ރައީސުންވެސްވަނީ އިލްތިމާސްކުރައްވައިފައިކަމަށެވެ.

އެމެރިކާ އާއި އިސްރާއީލުން އީރާނަށް ދެމުންދާ ހަމަލާތަކަށް މި ދިޔަ މާޗްގައި ޗައިނާއިން ފާޑުކިޔައި، އެ ހަމަލާތައް ވަގުތުން ހުއްޓައިލުމަށް ޗައިނާއިންވަނީ ގޮވައިލައިފައެވެ. ހަނގުރާމަ ފެށުމާ ގުޅިގެން ޗައިނާގެ ހާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ވަންގް އިސްރާއީލުގެ ހާރިޖީ ވަޒީރު ގިޑެއޯން ސައަރްގެ ގާތުގައި ވިދާޅުވެފައިވަނީ އީރާނަށް ހަމަލާދިނީ "އިސްރާއީލުގެ ސަލާމަތީ ކަންބޮޑުވުންތަކަށް ހައްލު ހޯދުން ހިމެނޭހެން، އެމެރިކާ އާއި އީރާނާ ދެމެދު ބާއްވަމުންދިޔަ މަޝްވަރާތަކަށް ބޮޑު ކުރިއެރުންތަކެއް" ލިބެމުންދިޔަ ދަނޑިވަޅެއްގައިކަމަށެވެ.

އެމެރިކާ-ޗައިނާގެ އިގުތިސާދީ އަދި ސަލާމަތީ ކަންތައްތައް މުރާޖައާކުރާ ކޮމިޝަން، އިކޮނޮމިކް އެންޑް ސެކިއުރިޓީ ރިވިއު ކޮމިޝަނުން ބުނާ ގޮތުގައި ޗައިނާއަކީ އީރާނުގެ އެންމެ ބޮޑު ވިޔަފާރި ބައިވެރިޔާއެވެ. އެ ގޮތުން އީރާނުގެ ތެލުގެ 90 ޕަސެންޓް ގަންނަނީ ޗައިނާއިންނެވެ. އަދި 2021 ގައި ޗައިނާއިންވަނީ އީރާނާއެކު 25 އަހަރުގެ "ފުރިހަމަ އުސްތުރާތީޖީ ބައިވެރިވުމުގެ އެއްބަސްވުމެ"އްގައި ސޮއިކޮށްފައެވެ.

ހަމައެއާއެކު ޗައިނާއިންވަނީ ފާއިތުވި ދަހަރުގައި ސައޫދީ އަރަބިއްޔާ، ގަތަރު އަދި ޔުނައިޓަޑް އަރަބް އެމިރޭޓްސް (ޔޫ.އޭ.އީ) ހިމެނޭހެން ގަލްފުގެ ގައުމުތަކާއެކު ގާތް ގުޅުމެއް އުފައްދައިފައެވެ. އަދި ޗައިނާއަކީ މިހާރުވެސް އެމެރިކާ އާއި އިސްރާއީލުގެވެސް އެންމެ ބޮޑު އެއް ވިޔަފާރި ބައިވެރިޔާއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *