މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން 2050 ވަނަ އަހަރާ ހަމައަށް ދެކުނު އޭޝިއާގެ 40.5 މިލިއަނަށްވުރެ ގިނަ މީހުން ގެދޮރު ދޫކޮށް ދާން ޖެހިދާނެކަމަށް އދ.ގެ ހިޖުރަކުރުމާ ބެހޭ އިދާރާއިން މިއަދު ބުނެފިއެވެ.
އިންޓަނޭޝަނަލް އޯގަނައިޒޭޝަން ފޯ މައިގްރޭޝަން (އައި.އޯ.އެމް)އިން ބުނީ މިއީ ކަނޑުގެ ލޮނުގަނޑު އުފުލުމާއި ފެންބޮޑުވުމާއި އަދި ވާރޭ ނުވެހި ހަނަފަސްވުމުގެ ސަބަބުން މުޖުތަމައުތަކަށާއި އާމްދަނީ ހޯދުމުގެ ވަސީލަތްތަކަށް ނުރައްކާވަމުންދާތީކަމަށެވެ.
އައި.އޯ.އެމްގެ ޑިރެކްޓަރު ޖެނެރަލް އެމީ ޕޯޕް އޭއެފްޕީއަށް ބުނީ ރަނގަޅު ޓެކްނޮލޮޖީ އާއި ކުރީ ބައިގައި އިންޒާރުދޭ ނިޒާމުތަކާއި އަދި މޫސުމީ ރައްކާތެރިކަމަށްކުރާ އިންވެސްޓްމަންޓްތަކުގެ އެހީގައި ލިބޭ ގެއްލުންތައް ސަރުކާރުތަކަށް ކުޑަކުރެވިދާނެކަމަށެވެ.
"(މޫސުމީ ބަދަލުތަކުގެ އަސަރުކުރާ) މީހުންނަށް ކާބޯތަކެތި އުފެއްދޭނެ ގޮތެއް ނެތުމުންނާއި ނާމުސޫފިއަށް ކާންދެވޭނެ ގޮތެއް ނުވުމުން ގެދޮރު ދޫކޮށް ދާން ޖެހުމުގެ ފުރުސަތު ބޮޑުވެގެންދާނެ. އެ ފަދަ ހާލަތްތަކުގައި މީހުންކުރާ ފުރަތަމަ ކަމަކީ އެހެން ތަންތަނަށް ބަދަލުވުން،" އޭނާ ބުންޏެވެ.
ނުރައްކަލަށް ހުށަހެޅިފައިވާ މުޖުތަމައުތައް ހިމާޔަތްކުރަން ބައިނަލްއަގްވާމީ މާލީ އެހީތެރިކަން އަދިވެސް އެކަށީގެންވާ މިންވަރަށް ނުލިބޭކަމަށް ޕޯޕް ބުންޏެވެ.
"އިންސާނީ ކާރިސާއަކުން ލިބޭ ގެއްލުމުގެ އަގު އުޅޭނީ ބިލިއަން ޑޮލަރުގައި. ނަމަވެސް ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ކުރަން ޖެހޭ އިންވެސްޓްމަންޓުގެ އަގު އެއަށްވުރެ މާ ކުޑަކުރެވިދާނެ،" އޭނާ ބުންޏެވެ.
ކާރިސާތައް ހިނގުމުގެ ކުރިން، ނުރައްކާ އޮތް މުޖުތަމައުތައް ދެނެގަތުމަށް މަސްނޫއީ ވިސްނުން ނުވަތަ އާޓިފިޝަލް އިންޓެލިޖެންސް (އޭ.އައި)ގެ އެހީތެރިކަން ހޯދިދާނެކަމަށް ޕޯޕް ބުންޏެވެ.
އޭގެ ފަހުން ދަނޑުވެރިކަންކުރާ އުސޫލުތައް ރަނގަޅުކޮށް، ބަދަލުގައި އަދާކުރެވިދާނެ އެހެން ވަޒީފާތަކުގެ ތަމްރީނު ދީ ނުވަތަ ގޯސް މޫސުމުގެ ސަބަބުން ތަކުރާރުކޮށް އަސަރުކުރާ މީހުން އެހެން ތަންތަނަށް ބަދަލުކުރެވިދާނެކަމަށް އޭނާ ބުންޏެވެ.
މަސައްކަތްތެރިންނަށް ރައްކާތެރި، ގާނޫނީ ވަޒީފާތައް ލިބޭނެ މަގު ފަހިވެފައިވާނަމަ، ހިޖުރަކުރުމުގެ ސަބަބުން އިގްތިސާދީ ފުރުސަތުތައް އުފެދިގެންދިއުން އެކަށީގެންވާކަމަށްވެސް ޕޯޕް ބުންޏެވެ.
އެއްވެސް ސަރުކާރަކަށް އެކަނި މި ކާރިސާއާ ކުރިމަތިނުލެވޭނެކަމަށާއި ބައިނަލްއަގްވާމީ އެއްބާރުލުން ބޭނުންތެރިކަމަށް އޭނާ ބުންޏެވެ.



advertisment